ސައިންސް

ފެންނަނީ އޭލިއަންތަ ނޫނީ ޖިންނިތަ؟

ޖިންނީންނަކީ ދުން ނާރާ އަލިފާނެއްގެ ހުޅުކޮޅުން ހައްދަވާ މާތްﷲ މިކައުނުގައި ލައްވާފައިވާ މަޚުލޫގުންތަކެއްކަން އަހަރެމެން މުސްލިމުން ޝައްކެއް ނުކުރަމެވެ. ނަމަވެސް ޤުރުއާނަށް ކާފިރުވާ މީހުން ބުނަމުން ދަނީ ޖިންނީން އެމީހުންނަށް ފެނި ތަޖުރިބާ ނުކުރާހާ ހިނދަކު ގަބޫލެއް ނުކުރާނެ ކަމަށެވެ. ނަމަވެސް ހައިރާން ވާން ޖެހޭ ކަމަކީ އެމީހުންނަށް ކޯޗެއްކަން ނޭގޭ އެތައް އެއްޗެއް ކައުނުގައި ވާކަން ހުދު އެމީހުންވެސް ޤަބޫލު ކުރާކަމެވެ. ތަފާތަކީ މިފަދަ އެއްޗެއްސަށް އެމީހުން ޖިންނީންނޭ ނުކިޔާ ކަމެވެ. މިފަދަ އެއްޗެއްސަށް އެމީހުން ކިޔަނީ ‘އަން އައިޑެންޓިފައިޑް ފްލައިން އޮބްޖެކްޓް’ (ޔޫއެފްއޯ) ނުވަތަ އޭލިއަންއެވެ.

ފުރަތަމަ ޔޫއެފްއޯ އަކީ ކޮބައިތޯ ބަލައިލަމާހެވެ. ޔޫއެފްއޯގެ ދިގުގޮތް ކިޔާލުމުން އެއިން ދޭހަވާ މާނައާ އެއްފަދައިން ޔޫއެފްއޯ އަކީ އެއީ ކޯޗެއްކަން ހޯދިފައި ނުވާ އުދުހޭ ކޮންމެ އެއްޗެކެވެ. އެހެން ކަމުން ވައިގެތެރެއިން ފެންނަ އަލި ގުޅަ ފަދަ ގޮތްނޭގޭ ކޮންމެ އެއްޗަކަށް އެމީހުން ކިޔާނީ ޔޫއެފްއޯ ނުވަތަ އޭލިއަނުންނެވެ. އަޅުގަނޑުމެން ގަބޫލު ކުރަނީ އެއީ ޖިންނި ޝައިތާނުންގެ ތެރެއިންވާ ނުވަތަ ރޫހާނީ ކޮންމެސް އެއްޗެއް ކަމަށެވެ.

ކޮންމެއަކަސް ޔޫއެފްއޯގެ ވާހަކަ އަކީ ސައިންސްގެ ދުނިޔޭގައި އާ ވާހަކައެއް ނޫނެވެ. ބައެއް މީހުންނަށް އެފަދަ އެއްޗެހި ފެނި ވީޑިއޯ ކެމެރާ ތަކުގައި ރިކޯޑް ކުރެވިފައިވެސް އެބަހުއްޓެވެ. އެމެރިކާގެ ޖާސޫސީ އިދާރާއާ ނަސާ ގުޅިގެން ޔޫއެފްއޯއާ ބެހޭ ހަގީގަތްތައް ހޯދުމަށް މަސައްކަތް ކުރާތާ މިހާރު ވިއްސަކަށް އަހަރުވެއްޖެއެވެ. ނާސާއަށް ޔޫއެފްއޯ އާ ބެހޭ ގޮތުން ހޯދެމުންދާ ހުރިހާ މައުލޫމާތެއް އެމެރިކާގެ ސަރުކާރުން ދިޔައީ ސިއްރު ކުރަމުންނެވެ. މިކަން އިތުރަށް ޔަގީންވެގެން ދިޔައީ އެމެރިކާގެ ރިޔާސީ އިންތިހާބަށް ކެންޕޭން ކުރަމުންދާ ހިލަރީ ކުލިންޓަން އޭނާއަށް ރިޔާސީ އިންތިހާބު ކާމިޔާބު ވެއްޖެ ނަމަ ޔޫއެފްއޯއާ ބެހޭ މައުލޫމާތުތައް ހާމަކުރާނަމޭ ބުނުމުންނެވެ. އެކްސް ފައިލްގެ ނަމުގައި މަސްހޫރުވެފައިވާ އެމެރިކާއިން ސިއްރުކޮށްފައިވާ ޔޫއެފްއޯއާ ބެހޭ ވާހަކަތައް އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ދައުރު ހަމަވާން ކައިރިވުމުން ހާމާ ކުރާނެ ކަމަށް ދެކެވުނު ވާހަކަތަކީވެސް މިއަހަރު މީޑިއާގައި ވަރަށް ހޫނުވި ވާހަކަތަކެކެވެ.

އޭލިއަނުން ވާކަމަށް ގަބޫލު ކުރާ ސައިންސްވެރިންގެ އަދަދުވެސް ދުވަހަކުން ދުވަހަކަށް އަންނަނީ ގިނަ ވަމުންނެވެ. އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކަކީ މަސްހޫރު ސައިންސްވެރިޔާ ޕްރޮފެސަރ ސްޓެފިން ހޯކިންއެވެ. 2010 ވަނަ އަހަރު ސްޓެފިން ހޯކިން ބުނެފައިވާ ގޮތުގައި ކައުނުގައި އިންސާނުންނަށް ވުރެ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ އޭލިއަނުންގެ ދަރިފަސްކޮޅެއް ވެދާނެކަމާއި އެމީހުން އިންސާނީ ނަސްލު ނެތިކޮށްލާކަށް ފަހެއް ނުޖެހޭނެއެވެ. 2010 ވަނަ އަހަރު ޖުލައި މަހުގެ 20 ވަނަ ދުވަހު ސްޓޮފިން ހޯކިންއާ ގިނަ ސައިންސްވެރިން ތަކެއް ވެގެން ކައުނުގައިވާ އިންސާނުން ނޫން ދިރުންތައް ހޯދުމަށް ބޮޑު ޕްރޮޖެކްޓެއް އިއުލާންކުރިއެވެ. 100 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހިންގޭ 10 އަހަރަށް ދެމިގެންދާނެ މި ޕްރޮޖެކްޓަކީ އޭލިއަނުން ހޯދަން ހިންގޭނެ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށް ހޯކިންގެ ޓީމުން ބުންނެވެ.

ހުސްވި ސެޕްޓެމްބަރ މަހު ޗައިނާއިން ދުނިޔޭގެ އެންމެ ބޮޑު ރޭޑިއޯ ޓެލެސްކޯޕް އުފެއްދިއެވެ. 500 މީޓަރ ފުޅާ މި ރޭޑިއޯ ޓެލެސްކޯޕް ޗައިނާއިން ބޭނުން ކުރާނެ އެއް ދާއިރާއަކީ އޭލިއަނުން ނުވަދަ ދުނިޔޭގެ ބޭރުގައިވާ ދިރުންތައް ހޯދުމެވެ. އޭލިއަނުން ހޯދުމަށް މިހާ ބޮޑެތި އިންވެސްޓްތަކެއް ކުރެވެމުން ދާއިރު މި ހޯދުންތަކުގައި ފެންނާނެ ކަމަށް ބެލެވޭ އޭލިއަނުންނަކީ ހަގީގަތުގައިވެސް އޭލިއަނުންތޯ ނުވަތަ ޖިންނި ޝައިތާނުންތޯ މިއީ އުފެދޭ ސުވާލެކެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close