ސިއްޙަތު

ކޮންމެ ދުވަހަކު ޗޮކްލެޓް ކެއުމުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުން ދުރުކޮށްދޭ – ދިރާސާ

މީގެ ކުރިން ހޯދިފައިވާ ގޮތުގައި ޗޮކްލެޓް ކެއުމުން އިޝްގުގައި ޖެހުމުން ސިކުނޑީގައި އުފައްދައިދޭ ފަދަ ކެމިކަލެއް ސިކުނޑީގައި އުފައްދައިދީ ހަށިގަނޑަށް އަރާމު ގެނެސްދެއެވެ. އަނެއްކާވެސް ޗޮކްލެޓާ ބެހޭ އެހެން ހޯދުމެކެވެ. ސައިންސްވެރިން ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި ދުވާލަކު ޗޮކްލެޓްގެ 2 ބާ ކާނަމަ ހިތުގުގެ ބަލިތަކާއި ސްޓްރޯކު ޖެހުމުން ދުރުކޮށްދެއެވެ.

މީގެ ކުރިން ހޯދިފައިވާ ގޮތުގައި ޗޮކްލެޓްގެ ސަބަބުން ހަނދާން ނެތުމުން ދުރުކޮށްދީ، ޑައިބެޓިސް ޖެހުމުން ދުރުކޮށްދީ، ކޮލެސްޓްރޯލް ދަށްކޮށްދީ، ހާސްކަން ކުޑަކޮށްދީ އަދި މީގެ އިތުރުން އިރުގެ ދޯދިތަކުން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ސަލާމަތްކޮށްދިނުން ފަދަ ގިނަ ގުނަ ފައިދާތަކެއް ހަށިގަނޑަށް ލިއްބައިދެއެވެ.

ޗޮކްލެޓާ ބެހޭ ގޮތުން ފަހުން ކުރެވުނު މި ދިރާސާއިން ދައްކާ ގޮތުގައި މިލްކް ޗޮކްލެޓްގައި ހިތުގެ ބަލިތަކުން ސަލާމަތް ވުމަށް ބޭނުންވާ ނިއުޓްރިޝަންގެ މާއްދާތައް ހިމެނެއެވެ. ޗޮކްލެޓުގެ ސަބުން ހިތައް ސިއްޙީގޮތުން ކުރާ އަސަރުތައް ދެނެގަތުމަށް ޔުނިވާރސިޓީ އޮފް އަބެޑީންގެ ރިސާޗަރުން 21،000 މީހުންގެ ޗޮކްލެޓް ކެއުމުގެ އާދަތައް ހުންނަ ގޮތް 12 އަހަރުވަންދެން ބެލިއެވެ.

މި ދިރާސާގެ ނަތީޖާތަކުން ދެއްކި ގޮތުގައި ދުވާލަކު 100 ގްރާމުގެ ޗޮކްލެޓް ކާނަމަ ހިތުގެ ބަލިތައް ޖެހުން 25 އިންސައްތަ ދަށްކޮށްދީ އަދި ސްޓްރޯކް ޖެހުން 23 އިންސައްތަ ދަށްކޮށްދެއެވެ.

“މިކަމަށް ބާރުލިބޭ އެތައް ހެކިތަކެއް ދައްކާ ގޮތުގައި ގިނައިން ޗޮކްލެޓް ކެއުމާ ހިތުގެ ބަލިތައް ޖެހުން ދައްކޮށްދޭ މިންވަރާ ގުޅުމެއްވޭ” އަބެޑީން ޔުނިވާސިޓީގެ އުމުރުން ދުވަސްވީ މީހުންގެ ބޭހާ ބެހޭ ބައިގެ ވެރިޔާ ޕްރޮފެސަރ ފިޔޯ މިއިންޓް އާ ހަވާލާދީ ޓެލެގްރާފްގައި ބުނެފައިވެއެވެ.

އޭނާ ބުނެފައިވާ ގޮތުގައި މިލްކް ޗޮކްލެޓްގައި ހިމެނޭ ކެލްސިއަމް އަދި ފެޓީ އެސިޑަކީ ޗޮކްލެޓުން ހިތުގެ ބަލިތައް ޖެހުން ދުރުކޮށްދިނުމަށް މެދުވެރިވާ ސަބަބަކަށް ވެދާނެއެވެ.

މީގެ އިތުރުން މި ދިރާސާ ކުރި ޓީމުން މީގެ ކުރިން ޗޮކްލެޓާއި ހިތުގެ ބަލިތަކާ ގުޅުން ހުރި މިންވަރު ބެލުމަށް އެކި އިރުގެ މަތިން 158،000 އާ ގާތްކުރާ އަދަދަކަށް މީހުން ބޭނުންކޮށްގެން  ކޮށްފައިވާ އެކި ދިރާސާތަކުން ހޯދާފައިވާ ހެކިތައްވެސް އިތުރަށް ރިވިއު ކުރިއެވެ.

މި ހުރިހާ ދިރާސާއަކުންވެސް ދައްކަނީ ގަވާއިދުން ޗޮކްލެޓް ކާނަމަ ހިތުގެ ބަލިތަކުން ދުރުކޮށްދޭ ކަމެވެ.

މިދިރާސާގައި މި ދިރާސާގެ ނަތީޖާ ރަނގަޅު ނޫންކަމަށް ބުނެވޭނެ ޖާގަވެސް އެބައޮތެވެ. ސަބަބަކީ މި ދިރާސާގައި ބައިވެރި ކުރި މީހުންގެ ތެރެއިން ގިނައިން ޗޮލްލެޓް ކާ ކަމަށް ބުނި މީހުންނަކީ ހަށިގަނޑު ލޫޅާފައި، ލޭގެ ޕްރެސަރު ދަށް އަދި ގިނައިން ކަސްރަތު ކުރާ މީހުން ކަމުގައި ވާތީއެވެ. އެހެން ކަމުން އެމީހުންގެ ހިތުގެ ބަލިތައް ޖެހުމުގެ މިންވަރު ދަށްވުމާ ޗޮކްލެޓާ ސިދާ ގުޅުމެއް ނެތި މިކަމަކީ އެމީހުން ގަވާއިދުން ކަސްރަތު ކުރުމާ ގުޅުން އޮންނަ ކަމަކަށް ވެދާނެއެވެ.

މީގެ އިތުރުން ދިރާސާގެ ބައިވެރިން ޗޮކްލެޓް ކާ މިންވަރު ރިޕޯޓް ކުރި އިރު ހަގީގަތާ ހިލާފަށް އެމީހުން މައުލޫމާތު ދީފައި ވާނަމަވެސް މި ދިރާސާގެ ނަތީޖާ ގޯސްވުން އެކަށީގެންވެއެވެ. ނޫނީ މިދިރާސާގެ ބައިވެރިންގެ ތެރެއިން ކުރިންވެސް ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު އޮތް މީހުން މަދުން ޗޮކްލެޓް ބޭނުން ކޮށްފައި ހިތުގެ ބަލިތައް ޖެހުން ދުރު މީހުން ގިނައިން ޗޮކްލެޓް ބޭނުން ކުރަނީ ކަމުގައި ވާނަމަ ވެސް މި ދިރާސާގެ ނަތީޖާގެ ސައްޙަކަމާމެދު ސުވާލު އުފެދޭނެއެވެ.

މި ހުރިހާ ކަމެއް މިހެން ހުރުމާ އެކުވެސް ދިރާސާ ކުރި ޓީމުން ނިންމާފައި ވަނީ ޗޮކްލެޓް ކެއުމުން ހިތުގެ ބަލިތަކުން ދުރުކޮށްދޭ ކަމަށެވެ. މިދިރާސާއަށް ރިއާޔަތްކޮށް ބައެއް ސިއްޙީ ތަޖުރިބާކާރުން ބުނެފައި ވަނީ ޗޮކްލެޓް މާގިނައިން ކެއުމަކީ ބަރުދަން އިތުރުވާ ކަމެއްކަން އެނގިފައި ވާއިރު ބަރުދަން އިތުރުވާ ނަމަ އަނެއްކާވެސް ހިތުގެ ބަލިތައް ޖެހުން މަގުފަހިވެއެވެ. އެހެން ކަމުން ޗޮކްލެޓް ކެއުމުގައި މެދު މިނެއް ހިފަހައްޓަން ޖެއެވެ.

އަނެއްބައި ތަޖުރިބާ ކާރުން ބުނެފައި ވަނީ މި ދިރާސާގެ ނަތީޖާ ޔަގީން ކުރަން އިތުރަށް ދިރާސާ ކުރަން ޖެހޭނެ ކަމަށެވެ.

މި ދިރާސާގެ ނަތީޖާ ޝާއިރުކޮށްފައި ވަނީ ހާޓް ޖޯނަލްގައެވެ.

މައުލޫމާތު ނަގާފައި ވަނީ: ދަ ޓެލެގްރާފް

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close