ކުޅިވަރު

ގޯލްޑެން ފުޓްސަލް ޗެލެންޖް ޒޯން 2 ގެ ޗެންޕިއަންކަން ދުވާފަރު ހޯދައިފި

ގޯލްޑެން ފުޓްސަލް ޗެލެންޖް 2016 ގެ ޒޯން 2 ގެ ޗެންޕިއަންކަން ދުވާފަރު ހޯދައިފިއެވެ.

ޒޯން 2 ގެ ޗެންޕިއަންކަން ދުވާފަރު ހޯދީ ރޭ ކުޅިވަރު އެކުވެނި ސަރަހައްދުގައި އޮންނަ ވެލި ދަނޑުގައި ޒޯން 2 ގެ ފަހު މެޗުގައި ނ.ހޮޅުދުއާ ވާދަކޮށް 8-0 ގެ ބޮޑުތަފާތަކުން މެޗު ކާމިޔާބުކޮށްގެންނެވެ.

ޒޯން 2 ގެ ފުރަތަމަ މެޗުގައި ކިހާދޫ ހޮޅުދޫ އަތުން 5-1 އަކުން މޮޅުވެ ދުވާފަރާ ކިހާދޫ ބައްދަލު ކުރި މެޗު 1-1 ން އެއްވަރުވެފައި ވުމުން ދުވާފަރު ޗެންޕިއަންކަން ހޯދުމަށް ރޭގެ މެޗުގައި ހޮޅުދޫ ބޮޑު ތަފާތަކުން ބަލިކުރަން ޖެހެއެވެ.

ރޭގެ މެޗުން ދުވާފަރު މޮޅުވުމުގައި އިސް ދައުރެއް އަދާކުރީ ދިވެހި ރާއްޖޭގެ ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ކުޅުންތެރިޔާ އިސްމާއިލް ޢީސާ (މެސީ) އެވެ. މެސީ ވަނީ ރޭގެ މެޗުގައި ދުވާފަރަށް 5 ލަނޑު ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން ދުވާފަރު ޓީމަށް ލަނޑު ކާމިޔާބުކޮށްދިނީ އާދަމް އިލްޔާސައު(ނަކާ) ، މުސްލިމް މުޙައްމަދު(ރޮނާ) އަދި ހުނައިފް އަބްދުލް ރައްޒާގު (ސެންޓޭ) އެވެ.

ޒޯން 2 ގެ އެންމެ ގިނަ ގޯލް ކާމިޔާބު ކުރި ކުޅުންތެރިއާއަށް ހޮވުނީ ރޭގެ މެޗުގައި 5 ގޯލް ޖަހައިދިން އިސްމާއިލް ޢީސާ (މެސީ) އެވެ. ޒޯން 2 ގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހިތާދޫ ޓީމުގައި މޮޅު ކުޅުމެއް ދެއްކި އަދި ބ.އަތޮޅު ބުރުގައިވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ހުޒައިފަތު ރަޝީދު (ހުޒޭ)އެވެ.

ގޯލްޑެން ފުޓްސަލް ޗެލެންގުގައި ދުވާފަރު ދެން ވާދަ ކުރާނީ ކޮންމެ ޒޯނަކުން ޗެންޕިއަންކަން ލިބުނު ޓީމްތަކާއެކު ކުޅެވޭ މުބާރާތުގެ ކުއާޓާ ފައިނަލްގައެވެ. ކުއާޓާ ފައިނަލްގައި ވާދާ ކުރާނެ ކަން މިހާރު ކަށަވަރު ވެފައިވާ ޓީމްތަކަކީ ޒޯން 8 ގެ ޗެންޕިއަން ހެންވޭރު، ޒޯން 7 ގެ ޗެންޕިއަން ފޭދޫ، ޒޯން 1 ގެ ޗެންޕިއަން ވަށަފަރު، ޒޯން 2 ގެ ޗެންޕިއަން ދުވާފަރު، ޒޯން 3 ގެ ޗެންޕިއަން  ގުރައިދޫ އަދި ޒޯން 4 ގެ ޗެންޕިއަން ދިއްގަރެވެ.

ކުއާޓާފައިނަލްގައި ޒޯން 5 އަދި ޒޯން 6 ކުން ވާދަ ކުރާނެ ޓީމެއް ކަށަވަރުވެގެން ދާނީ މިރޭ ޒޯން 5 ގެ ފަހު މެޗުގައި ކުޑަހުވަދޫ އަދި ތިމަރަފުށި ބައްދަލުކުރާ މެޗާއި ޒޯނެ 6 ގެ ފަހު މެޗުގައި މާބައިދޫ އަދި ކަނޑުހުޅުދޫ ބައްދަލުކުރާ މެޗުގެ ނަތީޖާއިންނެވެ.

8 ޒޯންގެ ޗެންޕިއަން ޓީމާއެކު މުބާރާތުގެ ކުއާޓާ ފައިނަލްގެ މެޗުތައް ފެށޭނީ މިމަހުގެ 11 ވަނަ ދުވަހުގެ ރެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close