ޙަބަރުޓެކުނޮލޮޖީ

މިއަދަކީ ދުނިޔޭގެ ރޭޑިއޯ ދުވަސް

ބައިނަލްއަގުވާމީ ގޮތުން ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 13 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ރޭޑިއޯ ދުވަހުގެ ގޮތުގައެވެ.

ރޭޑިއޯއަކީ ބްރޯޑްކާސްޓިންގައި ނުވަތަ އެއްތަނުން އަނެއްތަނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި އެންމެ ގިނަދުވަސްވީ، އަދި މިހާރުވެސް ދުނިޔޭގެ ފެންވަރުގައި ގިނަ ބަޔަކު މަޢުލޫމާތު ހޯދުމަށް ބޭނުންކުރާ ވަޞީލަތެކެވެ. މީލާދީން އަށާރަސަތޭކައިގެ ފަހުގެ އަހަރުތަކުގައި ރޭޑިއޯ ސިގްނަލް މެދުވެރިކޮށް ތަފާތު މެސެޖްތައް އެއްތަނުން އަނެއްތަނަށް ފޮނުވުމުގެ ޓެސްޓްތަކާއި، ރޭޑިއޯ އުފެއްދުމުގެ ތަފާތު މަސައްކަތްތައް ބައެއް ޤައުމުތަކުގެ ދިޔައީ ތަޖުރިބާ ކުރަމުންނެވެ. އޭގެ ފަހުން ނަވާރަސަތޭކައިގެ ކުރީކޮޅު ރޭޑިއޯ އީޖާދުކުރެވި ފުރަތަމަ ފަހަރަށް ކޮމާރޝަލް ރޭޑިއޯ ދުނިޔޭގައި ތަޢާރަފްވެގެންދިޔައެވެ.

ރޭޑިއޯގެ ޚިދުމަތް ދުނިޔޭގައި ދޭންފެށިތާ ޤަރުނަކަށްވުރެވެސް ގިނަ އަހަރުފަހުން، ބައިނަލްއަޤްވާމީގޮތުން ރޭޑިއޯ ދުވަހެއް ފާހަގަކުރަން ފެށީ 2012 ވަނަ އަހަރުއެވެ. ޔުނެސްކޯއިން ދުނިޔޭގެ ރޭޑިއޯ ދުވަސް ފާހަގަކުރަން ފެށުމުގެ މައިގަނޑު މަޤްޞަދަކީ، މަޢުލޫމާތު ފަތުރާ މީޑިއަމެއްގެ ގޮތުން، ރޭޑިއޯއަކީ، މިހާތަނަށްވެސް އެންމެ މީހުން ބަލައިގަންނަ ގިނަދުވަސްވީ ވަޞީލަތަށް ވުމާއެކު މި ވަޞީލަތް ބޭނުންކޮށްގެން، ބްރޯޑްކާސްޓަރުންގެ މެދުގައި ދުނިޔޭގެ ފެންވަރުގައި އެއް އަމާޒަކަށް ގުޅިގެން މަސައްކަތް ކުރުމެވެ.

އެގޮތުން، މައުލޫމާތު ފެތުރުމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ އިތުރުން، ޖިންސްގެ ތަފާތުކުރުންތައް ނައްތާލުމަށް މުޅި ދުނިޔޭގައި އަޑުފެތުރުމެވެ. މިކަން ޙާޞިލުކުރުމަށް ދުނިޔޭގެ އެކި ޤައުމުތަކުގެ ރޭޑިއޯ ޖަމްޢިއްޔާތަކާއި، ރޭޑިއޯ ޗެނަލްތައް މެދުވެރިކޮށް ޔުނެސްކޯއިން ކޮންމެ އަހަރަކުވެސް ތަފާތު ޙަރަކާތްތަކެއް ހިންގަވައެވެ.

މިއަހަރުގެ ބައިނަލްއަޤްވާމީ ރޭޑިއޯ ދުވަހަށް ޔުނެސްކޯއިން ކަނަޑައަޅާފައިވާ ޝިޢާރަކީ “ރޭޑިއޯ އިޒް ޔޫ” ނުވަތަ ރޭޑިއޯއަކީ ތިބާއެވެ. މިއީ ރޭޑިއޯ އަޑުއެހުންތެރިންނާއި، މުޖްތަމަޢުގެ ބައިވެރިވުމާއެކު ރޭޑިއޯ ބްރޯޑްކާސްޓިންގެ ކުރިއެރުވައި ތަރައްޤީކުރުމުގެ މަސައްކަތްތަކުގައި ހިމެނުމަށް ގޮވާލާ ޝިޢާރެކެވެ.

ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ރޭޑިއޯގެ ޚިދުމަތް ފެށީ، 1962 ވަނަ އަހަރުއެވެ. އެއަހަރު ރާއްޖޭގައި ޤާއިމްކުރެވުނު ފުރަތަމަ ރޭޑިއޯ ސްޓޭޝަނުން، ފުރަތަމަ ފޮނުވި ޓްރާންސްމިޝަންގެ ދިގުމިނަކީ، 4 މިނެޓާއި ދެ ސިކުންތެވެ. ރާއްޖޭގެ އެންމެ ދުވަސްވީ ރޭޑިއޯ ޗެނަލް ދިވެހިރާއްޖޭގެ އަޑަށް މިހާރުވަނީ 54 އަހަރު ފުރިފައެވެ.

1969 އަހަރު ރާއްޖޭގައި ފެށި ރޭޑިއޯގެ ޚިދުމަތް ފުޅާވެ އަމިއްލަ ފަރާތަކަށް ރޭޑިއޯ ޗެނަލް ހިންގެވުމަށް ސަރުކާރުން ހުއްދަ ދެއްވަން ފެށްޓެވީ 2008 ވަނަ އަހަރުއެވެ. އެހުއްދަޔާއެކު މިއަދު ރާއްޖޭ 11 ރޭޑިއޯ ޗެނަލް އޮޕަރޭޓް ކުރަމުންދެއެވެ. ރޭޑިއޯތައް ތަމްސީލްކުރާ ޖަމްޢިއްޔާއެއް އުފެއްދުމުގެ މަސަކަތްވެސް މިހާރު މިވަނީ ރާއްޖޭގައި ފަށްޓަވާފައެވެ. އެގޮތުން އެކަމަށް ޝައުގުވެރިވާ 6 ރޭޑިޔޯ ސްޓޭޝަންގެ މެދުގައި ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.

މަސްދަރު: http://psmnews.mv/dv

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close