ދިރިއުޅުން

ރޯޒީ – ހުނަރުވެރި އަދި ފިސާރި ކަނބަލެއް

ރޯޒީ ޝަރީފް ނުވަތަ ރޯޒް އޭ ބުނުމުން ރ.އަތޮޅުގެ ރައްޔިތުންނަށް އެއީ މުޅިން އާ ނަމަކަށް ވެދާނެއެވެ. ނަމަވެސް ރޯޒީގެ އުފަން ރަށް، ސ.ހިތަދޫ އަދި އައްޑޫ ސިޓީގެ ރައްޔިތުންނަށް އެމޫނަކީ ދެކެ ފަރިތަ މޫނެކެވެ. ނުވަތަ އެރަށު ރައްޔިތުން ލޯބިކުރާ ނަމޫނާ މޫނެކެވެ. ރޯޒީއަކީ އެންމެނާ ވެސް ގުޅޭ އެކުވެރި މިޒާޖެއްގެ އަންހެން ކުއްޖެއްވެސްމެއެވެ.

އައްޑޫ ހިތަދޫގެ ހުޅުވުނު އެންމެ ފުރަތަމަ އަންހެނުންނަށް ޙާއްސަ ސެލޫން ތާނިޔާ ސެލޫންގެ ސީއީއޯ އަކީވެސް ރޯޒީ ޝަރީފް އެވެ. ގިނަ މީހުން ސިފަކުރާގޮތުގައި ރޯޒީ އަކީ “މަލްޓި ޓެލެންޓެޑް’ ފިސާރި ކަނަބަލެކެވެ.

ރޯޒީގެ 15 އަހަރުގެ އަންހެން ދަރިފުޅު ތާނިޔާ ބުނާ ގޮތުގައި “އަހަރެން ވަރަށް ފަޙުރުވެރިވޭ މަންމަގެ މަސައްކަތާއި މެދު އަދި މުސްތަގުބަލްގައި އަހަރެން މަންމަޔަށް މަންމަގެ މަސައްކަތުގައި އެހީވާނަން އަހަރެން ވަރަށް ބޭނުން މަންމަގެ ވިޔަފާރީގައި އަހަރެންގެ ނަން ހިއްސާވާފަދައިން ހިއްސާވާން މަންމަޔަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން”

ރޯޒީގެ ފިރިހެން ދަރިފުޅު 19 އަހަރު ޒުންނޫން ބުނާގޮތުގައި “އަހަރުމެން ވަރަށް ފަހުރުވެރިވޭ މަންމަޔާ މެދު އަދި އަހަރެންގެ ހުވަފެނަކީ މަންމަޔަށް އުފާވެރި މުސްތަގުބަލެއް ލިބުން”

ރޯޒީގެ މަންމަ ބުނާގޮތުގައި “ރޯޒީގެ ހިއްވަރުގަދަ ކަމާއި މެދު އަހަރުމެން ވަރަށް ފަޙުރުވެރިވޭ އަސްލުވެސް އެއީ ވަރަށް ކެތްގަދަ ލާމަސީލު މިސާލެއް”

މަޝްހޫރު ބިއުޓީ ތެރަޕިސްޓް އަދި ދިވެހި ވާހަކަ ލިޔުންތެރިޔާ ރޯޒީގެ އަގު ނުކުރެވޭ ޚިދުމަތުގެ ލިސްޓު ފެށެނީ އޭނާގެ ޢުމުރުން އެންމެ 16 އަހަރުގައެވެ. ސާނަވީ މަދަރުސާގެ ކުދިންގެ އިނގިރޭސި މުދައްރިސާއެއްގެ ގޮތުގައި މާލޭގައި ހިންގި ކިނާރާ ޓިއުޝަން ކުލާސް ނުވަތަ އެންމެން ދަންނަ މަޖީދްގޭގައި އޭނާގެ ގައުމީ ޚިދުމަތުގެ ދަތުރު ފެށުނެވެ.

 ގުރޭޑު 8،9 އަދި 10 ވަނަ ކުލާހުގައި އިނގިރޭސި ކިޔަވައިދެއްވަމުން ދިޔަ އިރު ރޯޒީގެ ހުވަފެންތައް ބައިވަރެވެ. ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތައް ވެސް ބައިވަރެވެ. އަންހެނަކަށް ވެ ހުރެ ކާމިޔާބު މީހަކަށް ވެވޭނެކަން ސާބިތުކޮށްދީފައިވާ ރޯޒީގެ އުމުރުން 19 އަހަރުގައި އޭނާ ބޭނުންވީ އޭނާ އެންމެ ޝައުގުވެރިވާ ދާއިރާ ކަމުގައިވާ ބިއުޓީޝަނަކަށް ވާށެވެ. އެ އުންމީދުތައް ފުރިހަމަ ކުރުމަށް އިތުރަށް ތައުލީމު ހާސިލް ކުރުމަށް ލަންކާއަށް ރޯޒީ ދުރުވިއެވެ. ލަންކާގެ ބިއުޓީ ސުކޫލް ކަމަށްވާ ރަމަނީ ފެނާންޑޯ އިންސްޓިޓިއުޓުން ބިއުޓީ ތެރަޕީ އަދި ފޭޝަލް ހެދުމުގެ އަމަލީ މަސައްކަތާއި ހުނަރުން ޑިޕްލޮމާއެއް ރޯޒީ ހެއްދެވިއެވެ.

އޭގެ ފަހުގައި އައިރުވެދަ ހޮސްޕިޓަލެއްކަމަށްވާ ބުއްދިކަ ވެޓިއާރައްޗީ ހޮސްޕިޓަލުން ސުޕާ މެނޭޖްމަންޓާއި ތަފާތު އައިރުވެދަ މަސާޖުން ރޯޒީ ޑިޕްލޮމާ ހާސިލް ކުރިއެވެ. މުޅި އިންސްޓިޓިއުޓުން ފަހުރުވެރި އެއްވަނަ ދަރަޖާއިގަ ރޯޒީ ފާސްވިއެވެ. މިއަދު ރޯޒީ އަކީ މަސާޖް ކުރުމުގެ ފުރިހަމަ ތަޢުލީމު ލިބިހުރި ހުނަރުވެރި ދިވެހި ދަރިއެކެވެ.

ތާނިޔާ ޓްރެއިނިންގް އިންސްޓިޓިއުޓްގެ ބައެއް ދަރިވަރުން
ތާނިޔާ ޓްރެއިނިންގް އިންސްޓިޓިއުޓްގެ ބައެއް ދަރިވަރުން

2015 ވަނަ އަހަރު ތާނިޔާ ސެލޫން ވުޖޫދަށް އައީ އެހިސާބުންނެވެ. އޭގެ ކުރިން އޭނާ ވަނީ ފުޑްސޭފްޓީ މޯލްޑިވްސްގައި ރައްކާތެރި ގޮތުގައި ކާނާ ބޭނުން ކުރުން މި ކަންތައްތަކުގެ މަސައްކަތް ދަސްކޮށް އެތަނުގެ ޓުރެއިނިންމެނޭޖަރއެއްގެ ވަޒީފާ ވެސް އަދާކޮށްފައެވެ.

13 އެޕްރީލް 2016 ގައި ތާނިޔާ ޓްރެއިނިންގް އިންސްޓިޓިއުޓް އުފައްދާފައެވެ. މި އިންސްޓިޓިއުޓްގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ކާމިޔާބު ކަމާއެކު ގިނަ ވޯކްޝޮޕްތަކާއި ކޯސްތައް ރޯޒީ ވަނީ ހިންގާފައެވެ.

ލ. ގަމުގައި އާއި ކުޅުދުއްފުށީ އަދި އައްޑޫ ހިތަދޫ ގައި އާއި ފޭދޫގައި ރޯޒީ ވަނީ ތަޢުލީމީ ގިނަ އަންހެންކަނބަލުން ތައްޔާރު ކޮއްފައެވެ.

ތާނިޔާ ޓުރެއިނިން އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ތެރޭގައި ބޭސިކް އިންގްލިޝް ކޯސް، ސްޕޯކެން އިންގްލިޝް، ބިއުޓީ ތިރަޕީ، ކަސްޓަމާ ކެއާ، ފުޑް ހައިޖީން، ފުޑް ސޭފްޓީ، ގުރޫމިން ސްޓޭންޑާރޑް، ސްވެޑިޝް މަސާޖް، އޮއިލް މަސާޖް، މާބަނޑު މީހުންގެ މަސާޖް، ފުޓް ތިރަޕީ، ބެޑް މޭކިން، ފޭސިއަލްސް އަދި ކްލީނިންގް އެތިކްސް ހިމެނެއެވެ.

ތާނިޔާ ޓުރެއިނިން އިންސްޓިޓިއުޓުން މިހާތަނަށް ތަފާތު ސުކޫލް ތަކުގައިވެސް ވޯކް ޝޮޕް ހިންގާފައިވެއެވެ. އަދި އައްޑޫ ރީޖަނަލް ހޮސްޕިޓަލްގައި ކަސްޓަމަރ ކެއަރ ވޯކްޝޮޕެއްވެސް ރޯޒީ ވަނީ ހިންގަދީފައެވެ.

އައްޑޫ ސިޓީ ފޭދޫ ސްކޫލް، އައްޑޫ ސިޓީ ޝަރަފުއްދީން ސްކޫލް، ޏ.ފުވައްމުލަކު ސިޓީ، ހދ.ކުޅުދުއްފުށި، ބ.އޭދަފުށި، ބ.ދަރަވަންދޫ އަދި ލ.ގަމުގައި ބިއުޓީ ތެރަޕީ ވޯކްޝޮޕްތައް ބާއްވާފައި ވާއިރު ރޯޒީ ގާތުން ދަރިވަރުވި އެތަކެއް ކުދިންނެއް މިހާރު މިދާއިރާއަށް ނިކުމެފައިވާ ކަން ރޯޒީ އުފަލާއެކު ފާހަގަ ކުރިއެވެ.

ރޯޒީ ފޭޝިއަލްގެ ޚިދުމަތް ދެނީ
ރޯޒީ ފޭޝިއަލްގެ ޚިދުމަތް ދެނީ

 ރޯޒީގެ ފަރާތުން ދަރިވަރުވި ބައެއް ކުދިން ރޯޒީގެ އިރުޝާދުގެ ދަށުން އަމިއްލަ ބިއުޓީ ސެލޫން ވެސް ހިންގާފައި ވެއެވެ.

ބިއުޓީ ތިރަޕީ އަދި މަސާޖުގެ ހިދުމަތް ރޯޒީ އޮންލައިންކޮށް ވެސް ފޯރުކޮށްދެއެވެ. އެގޮތުން ރޯޒީއަށް ގުޅާލުމުން އެ ކަސްޓަމަރެއްގެ ގެއަށް ގޮސް ޚިދުމަތް ފޯރުކޮށްދެއެވެ. އޭގެ ތެރޭގައި ފޭޝިއަލް، އާއިފިޒިއޯ ތިރަޕީ އަދި މަސާޖު، ކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން މައިގްރޭން ހުންނަ ފަރާތްތަކަށް އަރޯމާ ތެރަޕީގެ ޚިދުމަތްވެސް ރޯޒީ ފޯރުކޮށްދެއެވެ. މި ގޮތުން ރޯޒީ މި ޚިދުމަތް ދެނީ ހަމައެކަނި އަންހެން ކަނބަލުންނަށެވެ.

ރޯޒީގެ ޚިދުމަތާއި ތަޢުލީމް ރާއްޖޭގެ ހުރިހާ ހިސާބަކަށް ފޯރުކޮށްދޭން ރޯޒީ ބޭނުން ވެއެވެ.

 ރޯޒީ މިހާރު ވަނީ ރ.އަތޮޅަށް އަމާޒުކޮށްގެން މި މަހު ރ.އަތޮޅު އުނގޫފާރުގައި ވެސް ވޯކްޝޮޕްތަކެއް ކުރިއަށް ގެންދަން ނިންމާފައެވެ. މިއީ މުޅިއަތޮޅުގެ ކާރީ ހުރިހާ ރަށަކަށް ހުޅުވާފައިވާ ފުރުސަތެކެވެ.

 ރޯޒީ މަޢުލޫމާތު ދެއްވި ގޮތުގައި އުނގޫފާރުގައި ތާނިޔާ ޓުރެއިނިން އިންސްޓިޓިއުޓުގެ ފަރާތުން ބިއުޓީ ތިރަޕީ އަދި އިންގްލިޝް ކޯސް ކުރިއަށް ގެންދިއުމަށް އެ އިންސްޓިޓިއުޓުން ވަނީ ނިންމާފައެވެ. މިވޯކްޝޮޕްތަކުގައި ބައިވެރިވާން ބޭނުންފުޅު ފަރާތްޕުޅުތަކަށް އަޅުގަނޑުމެންގެ ނޫހާއި ގުޅައިގެން ކުރިޔަށް ގެންދެވޭނެއެވެ.

އާނއެކެވެ. ރޯޒް އަކީ ކުޅަދާނަ ލިއުން ތެރިއެއް ވެސް މެއެވެ. ލިއުންތެރިކަމުގެ ތެރެއަށް ރޯޒީ އަށް ވަދެވުނު ގޮތް އުނގޫފާރު ޑޮޓްކޮމްއާ ރޯޒީ ހިއްސާކުރިއެވެ. ރޯޒީ ބުނި ގޮތުގައި އޭނާގެ ލިއުންތައް ފެނި ލިއުންތެރި ކަމުގެ ރޮނގުން ކުރިއަށް ދިއުމަށް ފުރަތަމަ އޭނާ އަށް ހިއްވަރުދިނީ ވިލިމާފަނު ދާއިރާގެ ރައްޔިތުން މަޖުލީހުގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކެވެ. ރޯޒީ ބުނި ގޮތުގައި އެއީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެޕް) އަލަށް އުފެދިގެން އައި ދުވަސްވަރެވެ. ނިހާންގެ ހުށައެޅުއްވުމަށް ރޯޒީ އޮންލައިން ނޫސްތަކަށް ލިއަން ފެށިއެވެ. އައްޑޫ އިން ރޯޒީއަށް އަދުޝަން އާއި ބައްދަލުވެ އައްޑޫ އޮންލައިން އަށްވެސް ރޯޒީ ގިނަ ވާހަކަތައް ލިޔެދެއްވިއެވެ. ރޯޒީގެ އަމިއްލަ ހިޔާލަށް އެތައް ވާހަކައެއް ލިޔެފާ ވާއިރު އޭނާ އެންމެ ފުރަތަމަ ލިއުނު ވާހަކަ ‘ސިއްރު’ އަށް ވަރަށް ބޮޑު ތަރުހީބެއް ލިބެގެން ގޮސްފައިވެއެވެ.

ރޯޒީ ވިދާޅުވި ގޮތުގައި ލިޔުންތެރި ކަމުގެ ރޮނގުން ރޯޒީއަށް އެންމެ ބޮޑު ހިއްވަރެއްދެއްވީ އޭ.ޢޯ ނިޔުސް ސީ. އީއޯ ޝިމްލާ އަޙްމަދުއެވެ.

ލިއުންތެރިކަމުގައި ދާއިރާއިން ފިޔަ ޖަހަމުން އަންނަ ރޯޒީ އޮންލައިން ނޫސްތަކަށް ވާހަކަ އާއި ބިއުޓީ ޓިޕްސް ލިއެދިނުމުގެ ބުރަ މަސައްކަތް ކުރަމުން ދަނީ މުޅިން ހިލޭއެވެ.

 ރޯޒީ ހިނިތުންވެލާފަ ވިދާޅުވީ ދިވެހި އަކުރުތަކެއް ވިއްކާ ނުލެވޭނެ ކަމަށެވެ. އެއީ ޤައުމީ އަމާނާތެކޭއެވެ. އޭނާ ދޭ ގިނަ ޚިދުމަތްތަކުގެ ބަދަލުގައި އޭނާ ބޭނުންވަނީ ލޯތްބާއި އިހުތިރާމެވެ. ރޯޒީގެ ވާހަކަ ތަކުގެ ތެރޭގައި އައްޑޫ އޮންލައިންގައި މިހާތަނަށް ޝާއިރު ކުރި އެންމެ ދިގު ވާހަކަ “ކާމިޔާބު އަންހެނާ” ފާހަގަކޮށްލެވެއެވެ. ރޯޒީ ވަނީ އެ ވާހަކައިގެ 100 އެފިސޯޑް އޭ. އޯ އޮންލައިނަށް ލިޔެދެއްވާފައެވެ.

އުނގޫ ފާރު ޑޮޓް ކޮމް އިން ވެސް ރޯޒީގެ ލިއުންތަށް ފިޔަޖަހާލާނެކަމުގައި ރޯޒީ ވިދާޅުވިއެވެ. އުނގޫފާރު ޑޮކް.ކޮމް އިން ރޯޒީގެ ފަރާތުން ބިއުޓީ ޓިޕުސް އާއި އަސަރުގަދަ ވާހަކަ މުސްތަގުބަލްގައި ފިޔަޖަހަމުން ދާނެއެވެ.

ރޯޒީ އަކީ ދިރިއުޅުމުގައި ލަނޑުދަނޑި ތަކެއް ހާސިލް ކުރަން ބޭނުންވާ ޒުވާނުންނަށް ނަމޫނާއެކެވެ. ގައުމަށް ޚިދުމަތް ތެރި ފިސާރި ކަނބަލެކެވެ.

“އެވްރީ އަލްޓަނޭޓިވް ވިލް ލީޑް ޓު ސަކްސެސް” – ރޯޒީ ބުނި ގޮތުގައި އެއީ ރޯޒީ އަބަދުވެސް ބޭނުންކުރާ ރޯޒީގެ އަމިއްލަ ‘ބަހެވެ.’. އެއީ ރޯޒީގެ ޝިއާރެކެވެ. މާނަ އަކީ “ކަމެއް ހާސިލްކުރުމަށް އިހުތިޔާރު ކުރެވެހެން ހުރި މަގުތައް ހޯދާ އިހުތިޔާރު ކުރުމުން ކާމިޔާބީއަށް ވާސިލްވާނެ” ވާހަކައެވެ. އުނގޫފާރު ޑޮޓްކޮމް އިން އެދެނީ ރޯޒީގެ މަސައްކަތުގައި އަބަދުވެސް ކާމިޔާބީ މިންވަރު ކުރައްވާ ރޯޒީ އަށް އިތުރު ކުރިއެރުން ދެއްވުމެވެ.

 

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
3 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
3 Comment authors
RafaankippyFiya Recent comment authors
Rafaan
Guest
Rafaan

proud of u sis. may u succeed in every thing you do. ❤️

kippy
Guest
kippy

proud of u dear rozy

Fiya
Guest
Fiya

Wow salhi dhonthi

Close