ރިޕޯޓް

“މަންމާއޭ މަށަށް މައާފު ކޮށްފާނުހޭ”

މިއަދަކީ މުޅި ދުނިޔޭގެ ކަންކޮޅު ތަކުގައި ފާހަގަ ކުރާ މައިންގެ ދުވަހެވެ. މި ދުވަހަށް އިރު އުދަރެހުން އެރުމާއެކު އެކު ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓްތަކުން އުތުރިއަރަމުންދާ އިހުސާސްތަކާއި ޖަޒުބާތު ތަކުގެ މެސެޖުތަކުން މުޅި ނިއުސްފީޑް ފުރިފައިވާ އިރު ހިތުގައި އުފެދޭ ސުވާލަކީ އަޅުގަނޑުމެންގެ މައްޗަށް ވާ މައިންގެ ހައްގު މިހެން ފާޅުކޮށްލާ ޝުއޫރަކުން ލިޔެލާ ސްޓޭޓަސް އަކުން، ފާހަގަ ކޮށްލާ މިކަހަލަ ދުވަހަކުން އަދާ ވާނެ ހެއްޔެވެ؟ ނުކުރެވޭނެއެވެ. ދުވަހަކު ވެސް އެކަމެއް ނުވާނެއެވެ.

މިއަދުގެ މި މުނާސަބު ވަގުތުގައި ހަނދާނަށް ގެންނަންވީ ތިބާއަށް އެ މަންމަގެ ހިތުގައި ކިތައް ފަހަރަށް ޖެއްސިފާ ވާނެތޯއެވެ؟ ތިބާއަށް އެ މަންމަ ލޯތްބާއެކު ފިރުމަމުން އެ ދުވަހު ދިން ނަސޭހަތް ކިތައް ފަހަރު ބޮލާލާ ޖެހިފައި ވާނެތޯއެވެ؟ އުންމަތުގެ ސާހިބާ ދަސްކޮށްދެއްވީ ސުވަރުގެ ވަނީ އެ މަންމެގެ ފައިތިލަ ދަށުގައި ކަމެވެ. ބޮޑުވެގެންވާ ކާމިޔާބީ ކަމުގައިވާ އެ ސުވަރުގެއަށް ދެވެން އޮތީ އެ މަންމަގެ އަތުގައި ހިފައިގެން ކަމުގާ ވާއިރު ބިމުގައި ފައި ހަރުލުމަށް ތިބާ ހިފި އެމަންމަގެ އިނގިލި މިއަދު ދޫކޮށްލަންވީ ކީއްވެ ހެއްޔެވެ؟

ދުނިޔެ އަކީ ބޭއިންސާފު ތަނެކެވެ. ތިބާ މިތުރުން ކަމުގައި ދެކޭ އެކުވެރިން މާދަމާ ހަތުރުންނަށް ވެދެއެވެ. ތިބާ އެ ފަރާތަކަށް ހިތް ދީލާލި ލޯބިވެރިން ފަރުދާގެ ފުރަގަހުން ހިފަނީ ތިބާގެ ކަރުގައެވެ. ޒަހަމް ކޮށްލަނީ ތިބާގެ ހިތެވެ. ކެހިވެރިކަމުގެ ދަޅައެއް ކަމުގައި ނުވަނީ އެންމެ ލޯތްބެކެވެ. ތިބާއަށް ޓަކާ މަންމަގެ ހިތުގައިވާ ގަދަފަދަ ލޯތްބެވެ. މައިވަންތަ ކަމުގެ ކުލުނެވެ.

ލޯ މަތިން ތިބާ ގެއްލިދާ ކޮންމެ ފަހަރަކު ރައްކާތެރި ކަމާ އެކު ތިބާ ގެއަށް އެނބުރި އަންނާނެ އިރެއްގެ އިންތިޒާރުގައ ތިބާ އަށް ހެޔޮ ދުވާ ކޮށްލަ ކޮށްލާ އެ އިންނަނީ ތިބާގެ މަންމައެވެ. އެ ގޭގެ ދޮރު ނުލެއްޕި އެހުރީ ތިބާ އެނބުރި އައުމުން ނޫނީ އެ މަންމަގެ ލޮލަށް ނިދިފިޔަ އެއް ނުޖެހޭނެތީ އެވެ. އެ މަންމަ ތިބާއަށް ލޯބިން ތައްޔާރު ކުރި ރޭގަނޑުގެ ނާސްތާ ސުފުރާ މަތީގައި އަދިވެސް އެހުރީއެވެ. ވީ އިރު އެމަންމަގެ އުނގުތެރެއަށް އެނބުރި ގެއަށް ދާން އަވަސްވާކަށް ނުވޭހެއްޔެވެ؟ އެ މަންމަގެ ލޯތްބަށް ވުރެ ތިބާއަށް މުހިންމީ ކޮންކަމެއް ހެއްޔެވެ؟

އަނިޔާވެރިންގެ ޝިކާރައަކަށް ތިބާވެ ނެތިދާ އިރު އެ ވޭނުގައި ނުނިދާ ތިބާގެ ހަނދާނުގައި ކަރުނަ އަޅާނީ ވެސް އެ މަންމައެވެ. ތިބާއަށް އިންސާފު ހޯދުމަށް އުމުރު ހުސްކޮށްލަނީ ވެސް އެ މަންމައެވެ. މި ކުޑަ ދިވެހި ރާއްޖޭގައި ވެސް ހަނދާން ނުނެތޭނެ ކައިރި މާޒީއެއްގައި މަންމަގެ ލޯބީގެ އެތައް މިސާލެއް ދައްކާ އެއްތައް ފިލާވަޅެއް ދަސްކޮށްދީފިއެވެ. އެއް ދިމާއަކުން ފެންނަނީ މަންމާ އޭ ކިޔާ އަދި އެއްފަހަރު ގޮވާލުމަށް ކިތަންމެ އެދުނަސް އެ އުފަލުން މަހުރޫމުވެ އެ ވޭނުގައި ޢަރަގުވަމުންދާ މަންމައިންގެ ވޭނީ ރުއިމުގެ އަޑެވެ. އަނެއް ދިމާއަކުން މަންމަ ނެތި މަންމަގެ ލޯތްބަށް ފެންބޮވާގެން ރޮމުން ގިސްލާ ދަރިންގެ އަޑެވެ. އަނެއް ދިމާއަކުން ފެންނަނީ ދަރިންގެ އުފަލައްޓަކާ މަންމަގެ ހުރިހާ އުފަލެއް ގުރުބާން ކުރާއިރު އިއްޔެ މެންދުރު ބައްދަލުވި ލޯބިވެރިޔާގެ ހައްގުގައި ތިމާގެ ލޯބިން މަންމަ އަބަދަށް މަހުރޫމުކޮށް އަމިއްލަ ނަފުސު ނެތިކޮށްލާ ދަރިންނެވެ.

ތިބާގެ ބޮލުގައި އެޅިފައިވާ ތިބާގެ މަންމަވީ ގުރުބާނީގެ ދަރަނި އަދާކުރާނީ ކިހިނެއްހެޔެވެ؟ އެ މަންމަ ތިބާއަށް އެންމެ ބޭނުންވީ ދުވަހު އެ މަންމަ އަށް ތިބާ ފުރަގަސްދިނުމަކީ ކޮންފަދަ ބޭ އިންސާފެއް ހެއްޔެވެ؟ ވީމާ އަވަސްވެ ގަންނާށެވެ. މަންމަގެ ހިތުގައި ޖެހޭނެ ކުޑަ ނަމަވެސް ލަފުޒެއް ބުނެވިފައި ވާނަމަ މަންމަގެ މައާފު ލިބޭތޯ އެމަންމަގެ އަރިހަށް ދާށެވެ.

” ތާރީހުގަ ބޮޑުކޮށް ލިއުނަކަސް، ތައުރީފުގެ ބަސް ހުސްވާނެތޯ

ޝުކުރެއް ކުރިއަސް ދުލަކުން ނުފެދޭ.. ޝުކުރުގެ ވެރި ކަމަނާ.. އޯ..މާންމާ..”

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close