ދުނިޔެ

ސައުދީ, ޔޫއޭއީ, ބަހުރެއިން އަދި މިސްރުން ޤަތަރާ ހާރިޖީ ގުޅުން ކަނޑާލައިފި

ޔުނައިޓެޑް އަރަބި އެމިރޭޓް, ސައުދީ އަރަބިޔާ, މިސްރު އަދި ބަހްރެއިނުން ޤަތަރާއި ހާރިޖީ ގުޅުން ކަނޑާލައިފިއެވެ. އެ ގައުމުތަކުން ވަނީ ޤަތަރުގައި ތިބި އެގައުމުތަކުގެ ހާރިޖީ މަޤާމުތަކުގެ މުވައްޒަފުން އަނބުރާ ގެންނަން ނިންމާ އެގައުމުތަކުގައި ތިބި ޤަތަރުގެ ޑިޕްލޮމެޓުން އަނބުރާ ފޮނުވާލަން ނިންމާފައެވެ.

އެ ގައުމުތަކުން ކުއްލި ގޮތަކަށް ޤަތަރާ ހާރިޖީ ގުޅުން ކަނޑާލައިފި ކަން އިއުލާން މި ކުރީ ޤަތަރުން ޓެރަރިސްޓް ޖަމާއަތްތަކަށް އެހީވާ ކަމަށާއި އަދި އިރާނާ ގުޅުންއޮންނަ ކަމަށް ތުހުމަތުކޮށެވެ. މިކަމަށް ޤަތަރުން އަދި އެއްޗެއް ނުބުނެއެވެ.

އެ ގައުމުތަކުން ވަނީ ޤަތަރާ އެގައުމުތަކާ މެދު ކަނޑު އަދި ވައިގެ ދަތުރު ފަތުރުތައް ހުއްޓާލުމަށް ނިންމާފައެވެ. އަދި ޤަތަރުގެ އެއްވެސް ރައްޔިތަކުން އެ 4 ޤައުމަށް ނާދެވޭގޮތް ހަދާ ޤަތަރު އެ ސަރަހައްދުން އެކަހެރިކޮށްލަން ނިންމާފައެވެ.

ސައުދީ އަދި ގަލްފުގެ ގައުމުތަކާ ޤަތަރާ އޮންނަ ގުޅުން ގޯސްވެފައި މި ވަނީ ޤަތަރުގެ އަމީރު ހަމީމް ބިން އަލް ހަމަދް އިރާންގެ ރައީސް ޙަސަން ރޫހާނީއާ ފޯނުން ގުޅުއްވާ އިރާނުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީތީ އެކަމަށް މަރުހަބާ ވިދާޅުވެފައި ވަނިކޮށެވެ. ސައުދީން ދެކެނީ މިއީ އެގައުމުން ނިންމާފައިވާ އިރާން އަށް ފިއްތުންތައް ކުރިމަތިކޮށް އިރާން ބާކީކޮށްލުމުގެ ސިޔާސަތާ ދެކޮޅުކަމެއް ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް ސައުދީއަށް ދާދި ފަހުން ކުރެއްވި ދަތުރުފުޅުގައި ޓެރަރިސްޓް ޖަމާއަތް ތަކަށް ވާގިދިނުމުގެ ހުރިހާ ތުހުމަތެއްގެ އިނގިލި ދިއްކުރައްވާފައި ވަނީ އިރާނާ ދިމާލަށެވެ. މި ބައްދަލުވުގައި ސައުދީ އިސްވެ އޮވެ ހަދާފައިވާ ކޯލިޝަންގެ ހުރިހާ ޤައުމުތަކުން ވަނީ އިރާނާއެކު އޮންނަ ގުޅުން ކަނޑާލަން ނިންމަފައެވެ.

އެމެރިކާގެ މިލިޓަރީ ބޭސްއެއް ޤަތަރުގައި ވެސް ޤާއިމްކޮށްފައި ވާ އިރު ޤަތަރު އެކަހެރިކޮށްލުމަކީ އެމެރިކާގެ މަސްލަހަތު ފުށުއަރާނެ ކަމެއްކަމަށް މުރާސިލުން ދެކެއެވެ. އެމެރިކާއިން ވަނީ ޤަތަރާ ދެމެދު ޖެހިފައިވާ މައްސަލަތައް ހައްލުކުރުމަށް މެދުވެރިއަކަށް ވުމަށް ހުށައަޅާފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close