މުނިފޫހި ފިލުވުން

ހިތި ހަނދާން (6 ވަނަ ބައި)

ހަޔާތުގެ ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އަހަރެންގެ ސައިކަލްގައި އަހަރެން ދިޔައީ ފިނިބުރެއް ޖަހާލާށެވެ. ލިންކުރޯޑުން ބީޗާއި ވީމަގަށް އަހަރެން ސައިކަލްގައި ގޮސް ނިކުމެވުނެވެ. ރާޅުތަށް ގޮނޑުދޮށުގައި ބީއްސާލާމަންޒަރު މިއީ އަހަރެންނަށް ވަރަށް ހިތްގައިމު މަންޒަރެކެވެ. އަހަރެން ސައިކަލް ޕާކް ކޮށްލާފަ ގޮނޑުދޮށުގައި އިށީނީ އަހަރެންގެ ހަޔާތުގެ ފަލްސަފާ ހުޅުވޭނީ އެތަނުންކަން އެނގިގެނެއްނޫނެވެ.

ވާރޭއަކީ އަބަދުވެސް އަހަރެން ޝައުގުވެރިކަމާއި އެކު ބަލާ މަންޒަރެކެވެ. ވާރޭގައި ތެމިލުމަކީ ހިތަށް ލިބޭއަރާމަކާއި އުފަލެއް ކަހަލައެވެ. އަހަރެން އެތަނުގައި އިށީން އިރު ވާރޭގެ އެއްވެސް ނިޝާނެއްނެތެވެ. އަހަރެންގެ އަތުގައި ހުރި ފޮތްތައް މެޔާލާބޮނޑި ކޮށްލައިގެން ވަރަށް ހަމަޖެހިގެން އަހަރެން އިށީދެގެން އިނީ ހިނދުކޮޅަކުން ވާރޭގެ ސައިލާބެއް އައިސް އަހަރެންނަށް ތޫފާނެއް ގެނެސްދޭނެ ކަމުގެ އުންމީދަކު ނޫނެވެ. ގަދަވަޔާއެކު ވަރަށްބޯކޮށް ވާރޭ އޮހިގަތެވެ. ބޮޑެތި ކަނިތަކުން އަހަރެންގެ ފޮތްތަށް ސަލާމަތް ކުރުމަށްޓަކައި އަހަރެން އެއްގަމާ ދިމާލަށް ދުއްވައިގަތީމެވެ. ހަމައެވަގުތަކީ ރައޫޕްވެސް ވަރަށް ގިނަފޮތްތަކެއް ހިފައިގެން ދުވަމުން އެއްގަމަށް އަރަންދިޔަ ގަޑިއެވެ. އިއްތިފާގުން ދެމީހުންނަށްވެސް ދުވެފައިގޮސް ވަދެވުނީ އެވަގުތު އެތާހުރި ހަމައެކަނި ޖިފްޓިއެއްކަހަލަ ތަނަކަށެވެ. ހިޔާވެލާނެ އިތުރުއެހެން ތަނެއް އެތާނުމެނެތެވެ. އޭނާވެސް އަހަރެން އިންގޮތަށް ގޮނޑުދޮށުގައި އިނދެފަ ވާރޭވެހިގަތީމާ ސަލާމާތްވާން ދުއްވައިގަތީކަންނޭގެއެވެ. މިއަދު މިތިބީ އެއް ހާލެއްޖެހިފައެވެ. އަހަރެންގެ އަތުގައި ހުރިފޮތަށް ވުރެ އޭނާގެ އަތުގައި ހުރި ފޮތްތައް ގިނައެވެ. ބައެއް ފޮތްތައް ބިންމަށްޗަށްވެއްޓުނެވެ. އަހަރެން ކުރިޔަށްޖެހިލާފައި ގޮސް އޭނާގެ ފޮތްތައް އެއްކޮށްދޭންފެށީމެވެ.

“އޯހް ތޭންކްސް” ވަރަށް އިނގިރޭސިވެފަ އޭނާ ބުނެލިއެވެ. ބޯޖަހާލުމަށްފަހު އަހަރެން ގޮސް އެތާނގެ ދޮރުކަނީގައި ލެނގިލީމެވެ. ރައޫފްވެސް ފޮތްތައް އެއްފަރާތެއްގައި ބަހަޢްޓާލާފައި އައިސް ވާރެއަށް ބަލަހަށްޓައިގެން އެއްފަރާތެގައި ހުއްޓިލިއެވެ. ވާރޭ ނޫންއެއްޗެއް އޭނާގެ ކައިރީނެތް ކަހަލައެވެ. އެހެންނޫނަސް އަހަރުމެންނަކީ ރަހްމަތްތެރިނެއްވެސް ނޫނެވެ. ހަމަ އެކަނި އެއްސުކޫލެއްގައި ކިޔަވާދޭ ދެސެޝަނެއްގެ ދެޓީޗަރުންނެވެ. އަހަރެން ސްކޫލުން ނިމޭގަޑިޔަކީ ރައޫފް މެންގެ ކުލާސް ފެށޭގަޑިއެވެ. މެންދުރުގަޑީގައި އާންމުކޮށް އަހަރެން މަޑުކުރާނީ ރިލީފް ގަޑި ލިބިފަ އޮތިއްޔާއެވެ. އެހެންނޫނީ ހަމަ އަވަހަށް އަހަރެން އަންނާނީ ގެޔަށެވެ .ރިލީފް ގަޑިއަކީ އެއް ޓީޗަރަކު އެބްޒެންޓު ވިއްޔާ ދެން ފުރީކޮށް ހުންނަ ޓީޗަރަކު ނަގަންޖެހޭގަޑިއެކެވެ. އެތަނުގައި އޮންނަނީ އަހަރެންގެ އެންމެ ގަޑިއެކެވެ. އެހެންވެ ވަރަށް ގިނަ އެހެން ޓީޗަރުންނަށް ނޯކިރީ ކޮށްދޭންޖެހޭފަހަރު އާދެއެވެ. އެވެސް އުފަލުން ހިނިތުންވެ ހުރެގެންނެވެ.

“މިވާރޭ ހިއެއްނުވޭ އަވަހަށް ހުއްޓާލާނެ ހެނެއްވެސް ޒައިނާގެ ސައިކަލް މިތަނުގައި ހުރުމުން އަހަރެންވެސް މިހިސާބުގައި މަޑުކޮށްލާނަމޭ ހިތާ ބީޗާއި ވީފަރާތަށް ދިއައީ .. ދެން ޒައިނާ މާ މަޑުމަޑުން އިނީމާ އެނބުރިދާން ހިނގައިގަތްތަނާ ވާރޭވެހި މިހާރު މިހިރީ މުޅިން އަވަދިވެފަ” ރައޫފް އޭނާގެ ބޮލުގައި ހުރި ފެންފޮޅާލަމުން އަހަރެންނާއި ވީފަރާތަށް އެނބުރި ވާހަކަދެއްކިއެވެ. އާންމު ގޮތެއްގައި އަހަރެންނާއި ރައޫފް ވެސް ސްކޫލް ތެރޭގައި އެކަކު އަނެކަކާއި ވާހަކައެއް ނުދައްކަމެވެ. ގިނަމީހުންގެ ލޮލުގައި އަޅައިގަނެފައެއްވެސް ކަމަކާނުލާ ބޮޑު ސުރުހީއަކަށް ވާން އަހަރުމެން ބޭނުންނުވެއެވެ. ދިވެހިންގެ އާދައަކީ ކިރިޔާ އަންހެނަކާއި ފިރިހެނަކު ވާހަކަ ދައްކާފީޔާ އެއީ ހިތާވީއެވެ. މިފަލްސަފާއަށް އަހަރެން ވަރަށް ހުށިއާރުވެއެވެ. އެއްވެސް ކަމަކާނުލާ އަހަރެންގެ ނަން ބަދުނާމްވާކަށް އަހަރެން ބޭނުމެއްނޫނެވެ. އެކަމަކުވެސް އަހަރެންގެ ހިތުގައިވެސް ރައޫޕްގެ ނަން ތެޅެމުން ދިޔުމަކީ އަހަރެންގެ ކުށެއްކަމަކަށް އަހަރެން ނުވިސްނަމެވެ. އަހަރެންނަކީ ބުއްދި ހުރި ބާލިޤުވެފައިވާ އަންހެނެވެ. އަދި އަހަރެންނަށް އެނގޭގޮތުން ރައޫފް އަކީވެސް ހުސްހަށިބައި މީހެކެވެ.

“އަޅުގަނޑު ކޮންމެ ދުވަހަކު ފަހެއް ޖަހާއިރު އިރުއޮއްސޭ މަންޒަރު ބަލަން އަންނަން މިތަނަށް އެހެންދުވަހަކު ރައޫފް ނުދެކެން އަޅުގަނޑެއް” އަހަރެން ވެސް ވާހަކަދައްކަންފެށީމެވެ. ދެން މިބީރައްޓެހިތަނުގައި ހިމޭންކަން ކަނޑުވާލެވޭނެ ހަމައެކަނި ގޮތަކީވެސް އެއީއެވެ.

“ތިއައީ ވަރަށް ރަނގަޅު އާދައެއް މަވެސް ދެން ކޮންމެ ދުވަހަކު ފަހެއް ޖަހާއިރަށް މިތަނަށް އަންނާނަން” ރައޫފް އަހަރެންނާއި ފުރަތަމަ ފަހަރަށް ސަލާމް ކޮށްލަމުން ބުނެލިއެވެ.

ވާރޭހުއްޓާލިއެވެ. އަހަރެމެން ދެމީހުންނަކީ ދެއެކުވެރިންނަށް ހަދާފައެވެ. އަހަރެންގެ ހިތުގެ އަޑިން އެކަހަލަ އެކުވެރިކަމަކަށް އަހަރެން އެދިއެދި ހުއްޓާ ހަކަލައެވެ. ފޮތްތައް ހިފައިގެން އެތަނުން ނުކުމެ ސައިކަލާއި ދިމާލަށްގޮސް އަހަރެން އަހަރެން ޖީބަށް އަތްބާނާލީ ތަޅުދަނޑި ހޯދާށެވެ. އެކަމަކު އެތަޅުދަނޑި ނެތެވެ. އަހަރެން ވަށައިގެން ބިންމަތި ބަލަމުން ދިޔައީމެވެ. އަހަރެންގެ ހަރަކާތްތަކަށް ބަލަން ހުރި ރައޫފް ހިނިތުންވެލިއެވެ

“ޒައިނާ ތަޅުދަނޑި ގެއްލުނީ” މަޖާރާގަކަށް ރައޫފް ބުންޏެވެ.

“މިއުޅެނީ ވެއްޓުނު ދިމާ ނޭނގިގެން އެކަމަކު މިހާރު އަނދިރިވީމާ ޖެހިގެން އޮތަސް ނުފެންނާނެ”

“އަހަރެންނަށް ފެންނަނީ މިރޭ އަހަރެންގެ ސައިކަލްގައި ހިނގާދާން މާދަމާ ކޮންމެވެސް ގޮތަކަށް ސައިކަލް ގެންގޮސްދީފާނަން” ރައޫފްވެސް އެބުނީ ތެދެކެވެ. ރޭގަނޑު މިހާރު ހަތްގަޑި ބައިވަނީއެވެ. މާދަމާވެސް ސައިކަލް ނެގިދާނެއެވެ.

“އެކަމަކު މިތަން ވަކިކުރާނީވެސް ކިހިނެއް މިހިސާބަކަށް ނޫން އަހަރެން އެހެން ދުވަސް ދުވަހު އަންނަނީ ވެސް”

“މިފާރަތުގައި މިހިރަ ދެރުކުގައި ދެމީހުންގެ ނަން ފަވާލަނިކޮށް މިހިސާބު ފާހަގަ ކުރަން އުނދަގުލެއް ނުވާނެ”

ރައޫފް އެދިނީ ކިހާ ރޮމޭންޓިކް އައިޑިޔާއެއް ނޫން ހެއްޔެވެ. ހިތާހިތުން އަހަރެންނަށް އޭނާގެ ޙިޔާލަށް އެއްބަސް ވެވުނެވެ. ޖަންގަލީގައި ވާބޮޑު ސަރަހައްދުގައި އަހަރެންގެ ސައިކަލް ބަހަށްޓާކަށް އަހަރެން ޖެހިލެމެއްނުވިއެވެ. ދެމީހުންގެ ނަން އެރުކުގައި ކަނޑާނަގާލީމެވެ.

ސައިކަލް އެއްފަރާތް ކޮށްލުމަށްޓަކައި ރައޫފް އަހަރެން ގެ ސައިކަލް ކައިރިޔަށް ދިޔައެވެ. އެތަނަށްގޮސް ހުރެ ރައޫފް ބާރަށް ހީގަތެވެ. ވީގޮތެއް އަހަރެންނަށް ނޭނގި ހައިރާންވެފަ އަހަރެން ރައޫފް އަށް ބަލަން ހިނިތުންވެ ހުރީމެވެ.

“ސާބަސް ކަމަނާ ސައިކަލް ތަޅުދަނޑި މިއޮތީ ސައިކަލް ހިފަހައްޓާތަނުގައި އެލުވިފަ”

އެބުނާހެންނެވެ. އަހަރެން ވެސް ބާރަށް ހެމުންގޮސް ރައޫފް އާއި ކައިރިއަށް ޖެހިލީމެވެ. ތަޅުދަނޑި ސައިކަލްގެ އަތުން ހިފަހައްޓާ ތަނުގައި އެލުވިފައި އޮތެވެ ދެމީހުން ހެމުން ހެމުން ތަޅުދަނޑި ނެގީމެވެ. އަދި ސައިކަލް ސުޓާޓްކޮށްގެން ރައޫފް އަށް އަލްވަދާޢު ކިޔާފައި އަހަރެން އައީ ގެޔަށެވެ.

(ނުނިމޭ)

 

ޓެގް
އިތުރަށް ވިދާޅުވުމަށް

ރޯޒީ ޝަރީފް

ރޯޒީ އަކީ ތަފާތު އެކި އޮންލައިން ނޫސްތަކަށް ލިއުންތައް ލިއުއްވަމުން އަންނަ ކުޅަދާނަ ލިއުންތެރިއެކެވެ. ރޯޒީ ފާހަގަ ކޮށްލެވެނީ މުނިފޫހި ފިލުވުމުގެ ދާއިރާއިން ހިއްގައިމު ވާހަކަތަކެއް ކިއުންތެރިންނަށް ގެނެސް ދެމުންދާ ލިއުންތެރިއެއް ގޮތުގައެވެ. މީގެ އިތުރުން ފެޝަން އަދި ބިއުޓީގެ ދާއިރާ އަދި ސިއްހީ ދާއިރާއިން ތަފާތު ލިއުންތައް ލިއުއްވައެވެ. ރޯޒީ އަކީ ބިއުޓީ ތިރަޕީގެ ދާއިރާއިން މާސްޓަރސް ހައްދަވާފައިވަ ސެޓިފައިޑް ބިއުޓީ ތިރަޕިސްޓެކެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close