މުނިފޫހި ފިލުވުން

ހިތި ހަނދާން (7 ވަނަ ބައި)

“ސާބަސް ކަމަނާ ސައިކަލް ތަޅުދަނޑި މިއޮތީ ސައިކަލް ހިފަހައްޓާތަނުގައި އެލުވިފަ”

އެބުނާހެންނެވެ. އަހަރެން ވެސް ބާރަށް ހެމުންގޮސް ރައޫފް އާއި ކާރިޔަށް ޖެހިލީމެވެ. ތަޅުދަނޑި ސައިކަލްގެ އަތުން ހިފަހަށްޓާތަނުގައި އެލުވިފައި އޮތެވެ. ދެމީހުން ހެމުން ހެމުން ތަޅުދަނޑިނެގީމެވެ . އަދި ސައިކަލް ސުޓާޓްކޮށްގެން ރައޫފް އަށް އަލްވަދާޢު ކިޔާފައި އަހަރެން އައީ ގެޔަށެވެ.

ނަބާޙް އެހިސާބުން ކިޔަމުންދިޔަ ޒައިނާގެ ފޮތްލައްޕާލިއެވެ. އަދި އެނދުގައި ދިގުދެމިލިއެވެ. ޒައިނާ ގެ ހަޔާތުގައި އަސްލު ދިމާވީ ކޮން ހާދިސާތަކެއް ބާވައެވެ. ކޮންމެ ގޮތަކަށް ކަންތަށް ދިޔަ ކަމުގައި ވިޔަސް އަހަރެންގެ ހިތުގައި ޒައިނާއަށް ޙާއްސަ ގަދަރެއް ދެވިފައިވެއެވެ. މިފޮތް ނިމެންދެން އަހަރެން މިފޮތް ކިޔާނަމެވެ. ހިތާހިތުން ނަބާޙް ވާހަކަ ދައްކަމުން ދިޔައެވެ.

ޖެހިގެން އައިދުވަހެވެ. ސުކޫލަށް އާދެވުނީ ނަބާޙް އާއި ޒައިނާއަށް އެކުއެކީގައެވެ. އޭރު އެންމެން ޒައިނާއާއި ނަބާޙް ކިޔާލި ލަވަޔާބެހޭގޮތުން ހަޖޫ ޖަހަމުން ދިޔައެވެ. ލަވަ ކިޔާ ނިމުމާއެކު އެކްސިޑެންޓްވީ ވާހަކަ އެވެ. އަދި މަހެއްހާ ދުވަހު ނާބާޙް ހޮސްޕިޓަލްގައި އޮންނަންޖެހުނު ގޮތުގެ ވާހަކަ އެވެ. މިއަދު އެއް މަސް ދުވަސް ފަހުން ނަބާޙް ސުކޫލަށް އެއައީއެވެ. އޭނާއަށްވެސް ހީވީ ސުކޫލަށް މިއާދެވުނީ ޒަމާންތަކަކަށް ފަހުގައި ކަމެވެ. އޭނާ މާޢުނަވީގޮތަކަށް ޒައިނާ އާއި ދިމާލަށް ބަލާލިއެވެ. އެބެލުމުގައި ތަފާތު ގިނަ ވާހަކަ ވާކަން ޒައިނާއަށް އިޙްސާސްވިއެވެ. އަނެއްކާ ޒައިނާގެ ޑައިރީ އެއްކޮށް އޭނާ ކިޔާފި ބާވައެވެ. އޭނާގެ ހިތަށް އެރީ ކީކޭބާވައެވެ. އޭނާ އެއްވެސް އެއްޗެއް ޒައިނާކާރިން އަދި އަހާނުލީ ކީއްވެބާވައެވެ.

ޙިޔާލުތަކުގެ ކަނޑުގައި ޒައިނާ ފަތަމުން ދިއައެވެ. މާދުރުގައި ޒައިނާ ފެންނަ ހިސާބުގައި އެހެނަސް އެހެންމީހުންނަށް ނިވާވާގޮތަށް އިނދެގެން ނަބީޙް ދިޔައީ ޒައިނާގެ މޫނަށް އަރާ ހުރިހާ ކުލަވަރެއް ބަލަމުންނެވެ. ހިނިތުން ވަމުން އިނދެގެންނެވެ. ނަބާޙް ދަބަހުން ޒައިނާގެ ފޮތްނެގިއެވެ. އަދި ފަހަރަކު ގަޑެއް ހިއްލަމުން ރޭގައި ކިޔާލެވުނު ހިސާބު ފާހަގަ ކޮށް ހުޅުވާލިއެވެ.

އެފޮތުން: ކޮންމެ އަންހެއް ކުއްޖަކުވެސް އެދޭނީ ޙަޔާތުގެ ބައިވެރިޔަކަށް ވިސްނުންތޫނު ތަޢުލީމީ އަދި މަސައްކަތްތެރި މީހަކު ހަޔާތުގެ ސަމުގާ ހަވާލުކަން ހިޔާރު ކުރާށެވެ. އަހަރެންވެސް ބޭނުންވީ އެހެންނެވެ. ރައޫފް އަކީ ކާކުކަމެއް އަދި އަހަރެންނަށް މާރަނގަޅަކަށް ނޭގެއެވެ. އެނގޭހާވެސް އެއްޗަކީ އޭނާއަކީ ވަރަށް ހުނަރުހުރި ޓީޗަރެއް ކަމެވެ. އެސިފަޔާ ގަޔާވާކަމެވެ. އަހަރެމެން ނަމްބަރު ބަދަލު ކުރީމެވެ.

ނަތީޖާއަކަށްވީ ރައޫފް އަހަރެންނަށް ގުޅުމެވެ. ބައްދަލު ކުރަން ގަޑި ކިޔުމެވެ. ތަފާތު ހަފްލާތަކުގައި ދެމީހުން އެކުގައި އެހެނަސް އެހެންމީހުނަށް ސިއްރުން ބައްދަލު ކުރުމެވެ. ފެށުނީއްސުރެވެސް ރައޫފްގެ ސިއްރު ކަންތައް ގަނޑެއް ވާކަން އަހަރެންގެ ޅަސިކުނޑި ދިޔައީ ބުނަމުންނެވެ. އެއީ ކޮންކަމެއްކަން އެވަގުތު އަހަރެންގެ ހަވަނަ ޙިއްސު އަހަރެން ކާރީ ނުބުނެއެވެ. އޭނާގެ ލޯބީގެ ދަލުގައި އަހަރެން ވަނީ ރަނގަޅަށް ޖެހިފައެވެ. އޭނާ ހޫނު ގަދަ މެންދުރު މިއީ ހަވީރޭ ބުންޏަސް ލޯމަރާލާފަ އަހަރެން ޤަބޫލް ކުރަމެވެ.

ގުޅުމަށް ހައެއްކަ މަސްވިއިރު ވެސް އޭނާގެ އާއިލާގެ އެއްވެސް މީހަކާ އަހަރެން ބައްދަލު ކުރަން ތަފާތު ގިނަ ވަގުތު އެދުމުންވެސް އޮތީ އެކަން ނުވެފައެވެ. އޭގެ ބަދަލުގައި އޭނާ ގެނެސް އަހަރެންނަށް ދިނީ އޭނާގެ ފޮޓޯ އަލްބަމެވެ. އެފޮޓޯ އަލްބަމްގައިވެސް ސިއްރު ތަކެއް ހުއްޓެވެ. ފަހަތުން ތިންގަޑެއް މަދެވެ. އަހަރެން ސުވާލު ކޮށްލީމާ އޭނާގެ ޖަވާބަކަށްވީ ފޮޓޯ ހަލާކުވެގެން ނެގީކަމަށެވެ. އަހަރެން ގަބޫލް ކުރީމެވެ. ހިނިތުންވެލާފައެވެ. މިއީ އިތުބާރު ކުރުމުގެ ކިހާ ލޮބުވެތި އަދާއެއް ނޫންހެއްޔެވެ. އަހަރުމެން ދެމީހުން ހަޔާތުގެ ބިންގާ އެޅުމުގެ ހުވަފެން ދެކެ އެކަމަށް ޕުލޭން ކުރަންފެށީމެވެ. ސުކޫލްގެ ގަޑިތަށް ނޫންގަޑީގައި އަހަރެންގެ ގޭގައި ދެމީހުން ކުލާސް ނަގާދޭގޮތަށެވެ. ޓިއުޝަން ގޮތުގައެވެ. އޭނާ އޭނާގެ މާއްދާއެވެ. އަހަރެން އިނގިރޭސިއެވެ. އެންމެ ފުރަތަމަ މަހުވެސް އަހަރެމެންނަށް އެކަށީގެންވާ ވަރަށް ދަރިވަރުން ލިބުނެވެ. ހަވީރު ހައެކުން ރޭގަނޑު 8.30 ވަންދެން އިނގިރޭސި ކުލާސް 8:30 އިން ފެށިގެން 10 ވަންދެން އޭނާގެ ސަބްޖެކުޓް ކަމަށްވާ ހިސާބެވެ. އެންމެ ފުރަތަމަ ލިބުނު ފައިސާވެސް އޭނާ ބޭނެމެއް ނުކުރިއެވެ. ހުރިހާ ފައިސާއެއް ދިނީ އަހަރެންނަށެވެ. ޒައިނާ ސޭވް ކުރާށޭ ކިޔާފައެވެ. ތެދެކެވެ. މާތް ފިރިހެނުންގެ ގޮތަކީ އަންހެން ކުދިންނަށް ޙަދަރު ކުރުމެވެ. މިއީ އަހަރެންނަށް ދަސްވި އާ ފިލާވަޅެކެވެ.

ދުވަސްތަށް މަސްތަކަށް މަސްތަށް އަހަރުތަކަށް ބަދަލުވަމުންދިޔައެވެ. އަހަރެމެންގެ އެކުވެރިކަމާއި ލޯބިވެސް ދިޔައީ ދެފަރާތުގައި ކުރިލާ ފަޅަމުންދާ ގަހަކަށް ވެގެންނެވެ.

“އަސްލުވެސް އަހަރެން ބޭނުންމިރޭ ރައޫފް މެން ގެޔަށް ދާން” ސުކޫލްގެ އަހަރު ޗުއްޓީގައި އެގޭ އެންމެން އިންޑިޔާއަށް ދިޔަ ޙަބަރު ލިބުމާއެކު އަހަރެން ރައޫފް ކާރީ ބުނަމުން ދިޔައީމެވެ. ނަސީބަކުން އެއްބަސްވިއެވެ. އަހަރެން ވެސް ފުރިހަމަޔަށް އަލަށް އެގެޔަށް ދެވޭތީ ތައްޔާރުވެލީމެވެ. ދެމީހުން އެގެޔަށް ދިޔައީ ރައޫފްގެ ސައިކަލްގައެވެ. ޢާންމުކޮށް މީހުނަށް ފެނިދާނެތީ އާއި ވާހަކަ ހަދާފާނެތީ އަހަރެމެން މުޅިންވެސް އުޅުނީ ދެމީހުން ދެސައިކަލްގައެވެ. މިހެން ވުމާއެކު ރަށުގެ ގިނަމީހުންނަށް އަހަރެމެންގެ ގުޅުމުގެ ރޭކާއެއް ނުލައެވެ. އެއީ އަހަރެމެން ބޭނުންވިވެސް ގޮތެވެ. މާބޮޑަށް މަޝްހޫރުވާކަށް ބޭނެމެއް ނޫނެވެ. އެހެނަސް ކުލާސްތަކުގައި އުޅޭ ލާނެއްފުރާގެ ކުދިން ޓިއުޝަނަށް ގެޔަށް އައިސް ތަފާތު ގޮތްގޮތަށް އަހަރުމެން އަޅުވާކިޔާ ހަދައެވެ. އޭގެތެރޭގައި އަހަރުމެން ހުރިހާ ސުޓޫޑެންޓުން ގޮވާގެން ދަތުރު ދިޔައީމެވެ. އެދަތުރު ގައިވެސް ހުރިހާ ކުޅިވަރެއްގައި އަހަރެމެން ދެމީހުން ނަގައިގެން ބައެއްސުޓޫޑެންޓުން އުޅުނެވެ. މަރީނާ އާއި އާމިލާ އާއި ޝައިލާ އަހަރެމެން ނޭވާލިޔަކަ ނުދެއެވެ. މިކަމުން އަހަރެން މީރުކަމެއް ލިބިގަތީމެވެ.

“ތިހާބޮޑަށް ރީތި ވާންޖެހޭތަ އެގެޔަށް ދާން” ފުރަތަމަ ފަހަރަށް އަހަރެންގެ ރީތި ކަމާއި ބެހޭގޮތުން ރައޫފް ވާހަކަ ދައްކަންފެށިއެވެ. އޭނާގެ ދަހިވެތި ނަޒަރު އަބަދުވެސް އަހަރެން ހުންނަނީ ސަމާލްވެއެވެ. އަންހެން ކުއްޖާގެ އިއްފަތްތެރި ކަމަކީ ކިހާ އަގުމާތް ޖަވާހިރެއްކަން އަހަރެން ވަރަށް ރަނގަޅަށް ހަނދާންހުރެއެވެ. އެހެންނޫނަސް އަހަރެންނަށް ލިބިފައިވާ ތަރުބީއްޔަތާއި ތަމައްދުންގެ ސަބަބުން މިއަދާހަމަޔަށް ބުރުގާ ނެތި ރައޫފް އަށް އަހަރެން ފެނިފައި ނުހުންނާނެއޭ އަހަރެންގެ ހިތްބުނެއެވެ.

“ރީތިވާން ޖެހޭނެތާ ވާންއުޅޭ ގެޔަށް ފުރަތަމަ ދުވަހު ދާއިރު” އަހަރެންވެސް ލާނެއް ޖަވާބެއް ދިނީމެވެ. ހިމޭން ކަމާއެކު ދެމީހުން އެގެ ކާރިޔަށް ގޮސް މަޑުކޮށްލީމެވެ. އަހަރެން ސައިކަލުން ފޭބީމެވެ. ރައޫފް ސައިކަލް ވެއްދީ ގެޔަށެވެ. ބޭރުގައި ބަހަށްޓަން ބޭނުން ނުވީ ކަންނޭގެއެވެ. އޭގެ ސިއްރެއްވެސް އަހަރެންނަށް ނޭގެއެވެ. އެނގޭކަށްވެސް އަހަރެން އެހާ ބޭނުމެއް ނޫނެވެ. ވަށައިގެން އެގޭތެރޭގައިވާ ތަފާތު ގިނަ ގަސްތަކަށް އަހަރެން ދިޔައީ ދަހިވެތި ނަޒަރުން ބަލަމުން ހިޔާލުގައި އެގޭގައި ގަސްތަކަށް ފެންދެމުންނެވެ.”

“ނަބާޙް ކޮބާ ދާކަށް ނުވޭތޯ މިހާރު ހުރިހާ ޓީޗަރުން ވެސް ގޮސްނިމިއްޖެ” ވޮޗަރު އާދަންބެ ސުކޫލް ބަންދު ކުރާ ގަޑި ޖެހިގެން ނަބާޙް ލައިބްރަރީ ކަނެއްގައި ފޮތުން ކިޔަން އިންދާފެނިގެން ނަބާޙް ކާރީ ބުނެލިއެވެ. އާނ ދޮގޭއޭ ބުނަމުން ނަބާޙް ފޮތްލައްޕާލިއެވެ. އަދި ވަރަށް ފަރުވާތެރިކަމާއެކު ފޮތް ކުރިން އޮތް ދަބަހަށް ލިއެވެ. ވޮޗަރު އާދަންބެ ދެކެ ހިތްހަމަ ނުޖެހިފައެވެ. މިފަހަރު މިވީ ހިންދީ ސީރީޒް ތަކުން ވާގޮތެވެ. އެންމެ ބަލާހިތްވާ ބަޔަށް ދާއިރަށް އެވެސް ނިންމާނެއެވެ. ފޮތުންވެސް އެންމެ ކިޔާހިތްވާ ބައި ދޯއެވެ. ދެން ގެޔަށް ދެވެންދެން މިފޮތުން ނުކިޔޭނެއެވެ. މާދަމާ އާދީއްތައެވެ. އަލުން ފޮތްކިޔާނީ މާދަމާއެވެ. ސައިކަލްގައި ގެޔަށްދަމުން ނަބާޙް ވިސްނަމުން ދިޔައެވެ.

(ނުނިމޭ)

ޓެގް
އިތުރަށް ވިދާޅުވުމަށް

ރޯޒީ ޝަރީފް

ރޯޒީ އަކީ ތަފާތު އެކި އޮންލައިން ނޫސްތަކަށް ލިއުންތައް ލިއުއްވަމުން އަންނަ ކުޅަދާނަ ލިއުންތެރިއެކެވެ. ރޯޒީ ފާހަގަ ކޮށްލެވެނީ މުނިފޫހި ފިލުވުމުގެ ދާއިރާއިން ހިއްގައިމު ވާހަކަތަކެއް ކިއުންތެރިންނަށް ގެނެސް ދެމުންދާ ލިއުންތެރިއެއް ގޮތުގައެވެ. މީގެ އިތުރުން ފެޝަން އަދި ބިއުޓީގެ ދާއިރާ އަދި ސިއްހީ ދާއިރާއިން ތަފާތު ލިއުންތައް ލިއުއްވައެވެ. ރޯޒީ އަކީ ބިއުޓީ ތިރަޕީގެ ދާއިރާއިން މާސްޓަރސް ހައްދަވާފައިވަ ސެޓިފައިޑް ބިއުޓީ ތިރަޕިސްޓެކެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close