މުނިފޫހި ފިލުވުން

ހިތި ހަނދާން (8 ވަނަ ބައި)

“ނަބާޙް ކޮބާ ދާކަށް ނުވޭތޯ މިހާރު ހުރިހާ ޓީޗަރުން ވެސްގޮސްނިމިއްޖެ” ވޮޗަރު އާދަންބެ ސުކޫލް ބަންދު ކުރާގަޑިޖެހިގެން ނަބާޙް ލައިބްރަރީ ކަނެއްގައި ފޮތުން ކިޔަން އިންދާ ފެނިގެން ނަބާޙް ކައިރީ ބުނެލިއެވެ. އާނދޮގޭއޭ ބުނަމުން ނަބާޙް ފޮތްލައްޕާލިއެވެ. އަދި ވަރަށް ފަރުވާތެރިކަމާއެކު ފޮތް ކުރިން އޮތްދަބަހަށް ލިއެވެ. ވޮޗަރު އަލިބެދެކެ ހިތްހަމަ ނުޖެހިފައެވެ. މިފަހަރު މިވީ ހިންދީ ސީރީޒް ތަކުން ވާގޮތެވެ. އެންމެ ބަލާހިތްވާ ބަޔަށް ދާއިރަށް އެވެސް ނިންމާނެއެވެ. ފޮތުންވެސް އެންމެ ކިޔާހިތްވާ ބައިދޯއެވެ. ދެންގެޔަށް ދެވެންދެން މިފޮތުން ނުކިޔޭނެއެވެ. މާދަމާ އާދީއްތައެވެ. އަލުން ފޮތްކިޔާނީ މާދަމާއެވެ. ސައިކަލްގައި ގެޔަށްދަމުން ނަބާޙް ވިސްނަމުން ދިޔައެވެ.

ނަބާޙް ގެޔައްގޮސް އެނދުގައި އިށީނދެލިއެވެ. އަދި ދަބަހުން ފޮތްނަގާ ހުޅުވާލިއެވެ.

“ދަރިފުޅާ ނަބާޙް ބަލި ޙަބަރު ލިބުމުން މަންމަމެން އަވަހަށް މިއައީ އަދި މިތިބީ ސަޕްރައިޒްދޭންވެގެން ގެތެރޭގަ މިހާލަސްވީ ކިއްވެ؟” ނަބާޙްގެ ބައްޕައާއި ނަބާޙްގެ މަންމަ އައިސް ވާހަކަ ދައްކަން ފެށިއެވެ. އުދާސް ކަމާއެކު ނަބާޙް އަނެއްކާވެސް ފޮތްލައްޕާލިއެވެ. ނަބާޙްގެ މަންމަމެން އުޅެނީ އިންޑިޔާގައެވެ. ނަބާޙް ބަލި ހަބަރު ލިބުމުން އަވަހަށް އައީއެވެ.

ނަބާޙް މަންމަމެންނަށް ކުރުގޮތަކަށް ދިމާވި ހާދިސާ ކިޔާދިނެވެ. ބައްޕަ އާއި މަންމަ ހަމައެކަނި ހޫންއެއް ދިގުކޮށް އަޅުވާލިއެވެ. ނަބާޙް  ޒައިނާ އާއި ބެހޭގޮތުންވެސް ކޮންމެވެސް ވަރަކަށް މަންމައާއި ބައްޕައަށް ކިޔާދިނެވެ. ހާއްސަ ގޮތެއްގައި ޒައިނާއަށް ތަޢުރީފް ކޮށްފައެވެ. ނަބާޙްގެ މަންމަޔަކީ ވިސްނުން ތޫނު އަންހެނެކެވެ. ނަބާޙްގެ ހިތުގައި މޯޅިޔަކަށް ޒައިނާގެ ނަން ފެވިފައިވާކަން އެ މަންމަ ދެނަގަތެވެ. އަދި ޒައިނާއާއި ބައްދަލު ކުރުމުގެ އުންމީދު މަންމަގެ ހިތުގައި އާވިއެވެ.

ނަބާޙް ކައި ނިމިގެން މަންމަމެންނާ ވާހަކަ ދައްކަން އިރުކޮޅަކު އިނދެފަ މަންމަޔާ ބައްޕަގެ ލަގެޖް ގޭތެރެއަށް ވެއްދިއެވެ. އަދި ސިޓިންރޫމްގައި އޭނާގެ ފޮތް ހިފައިގެން އިށީނެވެ. މަންމަ މެންވެސް އޭނާއަށް އުނދަގޫ ނުކޮށް އެތާނގެ ދޮރު ލައްޕާލާފަ ދިޔައީއެވެ.

ނަބާޙް ފޮތްނަގާފަ އޭނާ ކިޔަމުންދިޔަ ހިސާބު ފާހަގަ ކޮށްފަ ހުޅުވާލިއެވެ.

ފޮތުން: “ރީތިވާންޖެހޭނެތާ ވާންއުޅޭގެޔަށް ފުރަތަމަ ދުވަހު ދާއިރު” އަހަރެންވެސް ލާނެއްޖަވާބެއް ދިނީމެވެ. ހިމޭން ކަމާއެކު ދެމީހުން އެގެކާރިޔަށް ގޮސް މަޑުކޮށްލީމެވެ. އަހަރެން ސައިކަލުން ފޭބީމެވެ. ރައޫފް ސައިކަލް ވެއްދީ ގެޔަށެވެ. ބޭރުގައި ބަހަށްޓަން ބޭނުންނުވީ ކަންނޭގެއެވެ. އޭގެ ސިއްރެއްވެސް އަހަރެންނަށް ނޭގެއެވެ. އެނގޭކަށްވެސް އަހަރެން އެހާ ބޭނުމެއް ނޫނެވެ. ވަށައިގެން އެގޭ ތެރޭގައިވާ ތަފާތު ގިނަ ގަސްތަކަށް އަހަރެން ދިޔައީ ދަހިވެތި ނަޒަރުން ބަލަމުން ހިޔާލުގައި އެގޭގައި ގަސްތަކަށް ފެންދެމުންނެވެ.”

“އާދޭ އެތެރެއަށް ޒައިނާ” ރައޫފް އަހަރެން އެތެރައަށް ވަންނަން ތަންދެއްކިއެވެ. އެކަމަކު ރައޫފް ދިން ހިސާބުން ގޭތެރެއަށް ވަދެވުނީ ކޮންމެވެސް ވަރަކަށް ރައޫފް ގައިގާ އަޅައިގަނެފައެވެ. އެއީވެސް އޭނާގެ ލާނެއް އަދާއެއް ކަހަލައެވެ. އެގޭތެރޭގައި ކޮޓަރިތަށް ހުންނަނީ ހޮޓަލެއްގައި ކޮޓަރި ހުންނަގޮތަށެވެ. ރައޫފްގެ ކޮޓަރި ހުންނަނީ ދޮރުން ވަނަތަނުން ދިމާއަށެވެ. ވައަތް ފަރާތުން އެންމެ ފުރަތަމަޔަށެވެ. ދެން އެއާއި ޖެހިގެން ހުންނަނީ އޭނާގެ މަންމަ މެން ކޮޓަރިއެވެ. ރައޫފް އެކޮޓަރި ދައްކަމުން ބުނެލިއެވެ. އެއީ ދެވަނަ ކޮޓަރިއެވެ. ތިންވަނަ އާއި ހަތަރުވަނައެއްއް ވެސް ހުއްޓެވެ. ދެފަރާތުގައެވެ. އުނދޯޔެއްވެސް ހުއްޓެވެ. ސިޓިންރޫމް ގޭގެ މީހުންގެ ތަނަވަސްކަން ދައްކުވާދޭ އަގުބޮޑު ފަރުނީޗަރތަކުން ޒީނަތްތެރި ކުރެވިފައިވެއެވެ. އަގުބޮޑު ދޫލައެއްވެސް ބިންމަތީ އަޅާފައި އޮތެވެ. ރައޫފް އަހަރެން ގޮވައިގެން އޭނާގެ ކޮޓަރިއަށް ވަނެވެ.

ހިމޭންކަމާއެކު އަހަރެންވެސް އެކޮޓަރިއަށް ވަނީމެވެ. ފަނޑު ލައިޓްގެ ތެރެއިން ވަރަށް ރީތިކޮށް ކޮޓަރި ފެނުނެވެ. ކޮޓަރީގެ މެދުގައި ވަރަށް ރީތި ޑަބަލް ބެޑެއްހުއްޓެވެ. ހަމަ ދޮރު ކާރީ ފުދޭވަރެއްގެ މޭޒެއްވެސް ހުއްޓެވެ. މޭޒުމަތީގައި ތަރުތީބެއް ނެތްގޮތަށް ފޮތްތަކެއް އަތުރާފަ ހުއްޓެވެ.

“އަހަރެން އަންނާނަން ފެންވަރައިގެން ޖައްސާލާ ފޮތެއްވެސް ކިޔާލާ” މިހެން ބުނަމުން ރައޫފް ތުވާލި ނަގައިގެންގޮސް އެކޮޓަރީގައި ވާ ފާހާނާއަށް ވަދެ ދޮރު ލައްޕާލިއެވެ. ދެމިނެޓް ތެރޭ ދޮރު ހުޅުވާ ބަލާލިއެވެ. އަހަރެން ފޯނާ ކުޅެން އެނދުގައި އިނީމެވެ. އެދުވަސްކޮޅު އަހަރުމެން ހުރިހާ ޓީޗަރުންވެގެން ކުޅޭ އޮންލައިން ގޭމެއް އިނދެ އެވެ. އެގޭމުންވެސް އެންމެ މޮޅީ އަހަރެންނެވެ.

“ކިހިނެއްވީ ނުދާނަމޭ ފިލައިގެން” ފޯނު މައްޗަށް ހިއްލާ ދައްކާލަމުން އަހަރެން ބުނީމެވެ. ރައޫފް ފާހާނާ ދޮރުލައްޕާލިއެވެ. އަހަރެން ފޯނު ބާއްވާފަ މޭޒުމަތީ ހުރި ފޮތްތަށް ނަގައިގެން ފަހަރަކު ފޮތަކުން ބަލަމުން ދިއައީމެވެ. އެއް ފޮތް އަހަރެންގެ އަތުން ވެއްޓުނެވެ.

“ކިހިނެއްވީ އަނެއްކާ” ފާހާނާގަ ހުރެފަ ރައޫފް ގޮވާލިއެވެ.

“މިތަނުން ފޮތެއް ވެއްޓުނީ” އެފޮތް ނަގަމުން އަހަރެން ޖަވާބު ދިނީމެވެ. ފޮތްވެއްޓުނު އިރު އޭގެތެރެއިން ބައިވަރު ފޮޓޯތަކެއ ބޭރަށް ނިކުމެފަ ހުއްޓެވެ. އަހަރެން އެފޮޓޯތަށް ނަގަމުން ފޮތާއި އެކު ތެދުވެލީމެވެ. އެއީ ކުޑަ ދެއަންހެންކުދިންނާއި ބޮޑު އަންހެނެކެވެ. ހީވާގޮތުން އެއީ އެއަންހެންމީހާގެ ކުދިންނެވެ. ދެވަނަ ފޮޓޯގައި ހުރީ ފިރިހެނަކާއި ހަމަ އެއަންހެންމީހާއެވެ. އަދި އެފޮޓޯ ރަނގަޅަށް އަހަރެންނަށް ބަލާނުލެވެނީސް ފާހާނާއިން ނިކުތް ރައޫފް އަހަރެންގެ އަތުން އެފޮޓޯ ޖަހައިގަތެވެ. އަހަރެންނަށް ލިބުނީ ކުއްލި ސިހުމެކެވެ.

“އެއީ ކޮންބައެއް” އަހަރެން ސުވާލު ކުރީމެވެ.

” އެއީ މިގޭ ބޭބެގެ ކުރީގެ އަނބިމީހާ އަދި އޭނާގެ ކުދިން”

ރައޫފް ޖަވާބު ދިނެވެ.

ނުނިމޭ))

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close