ރިޕޯޓް

އުނގޫފާރުގެ މަގުތަކުގައި ޗަކަ ހެދުން – ބޮޑު ނުރައްކަލެއް!

އެއީ ވިއްސާރަ ދުވަހެކެވެ. އާދައިގެ މަތިން އުނގޫފާރަށް ކުޑަކޮށް ވެސް ވިއްސާރަ ވެއްޖެ ނަމަ މަގުތަކުގައި ފެންބޮޑު ވެ ޗަކަ ހެދި އެވާގޮތެއް މަގުތަކަށް އޭރު އޮތީވެފައެވެ. އޭނާގެ މިސްރާބު ހުރީ ޢީދު ބަންދުގައި ރަށަށް އައިސް އުޅޭ އޭނާގެ ލޯބިވާ މާމަ ދަރިއަކާ ފުރުމުގެ ކުރިން ބައްދަލުކޮށް ހަދިޔާއެއް ދިނުމަށް އެ ގޭ ދޮށަށް ދިއުމަށެވެ. ނަމަވެސް ފިޔަވަޅުތަކަށް ހުއްޓުން އެރީ ވީނުވީއެއް ނޭގި ކަހާލައިގެން ވެއްޓި ހެޔަށް ގޮތްވުމުންނެވެ.

މިއީ އިއްޔެ ހަވީރު އުނގޫފާރުގައި ހިނގައިދިޔަ ހާދިސާއެކެވެ. އުނގޫފާރުގައި ތިބި އެންމެ އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ހިމެނޭ މީހެއް ކަމުގައިވާ ޚައިރުނިސާ ޢަލީ (ޚައިރުނިސާ ދައިތަ) އަށް ދިމާވި ނުރައްކާތެރި ހާދިސާއެކެވެ. އިއްޔެގެ މި ހާދިސާގައި ޚައިރުނިސާ ދައިތައަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އެމަޖެންސީގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދީފައި ވާ އިރު  އިތުރު ފަރުވާއަށް މާލެ ގެންދަން ކުރަންޖެހޭ އެންމެ ފަހުގެ ތައްޔާރީތަށް ވަމުންދާ ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތު ދެއްވައެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތުދޭ ގޮތުގައި ޚައިރުނިސާދައިތަގެ އުނަގަނޑު ވަނީ އުކުޅުވަޅާ ދިމާއިން ބިނދިފައެވެ.

މި ހާދިސާ ހިނގައިދިޔަ އުނގޫފާރު ހެޕީމާޓް ކަންމައްޗަކީ ވިއްސާރަވުމުން އެންމެ ބޮޑަށް ޗަކަހެދޭ އެއް ސަރަހައްދެވެ. މި ހާދިސާއަށް ފަހު އެސަރަހައްދުގެ ގޭގޭގެ މީހުން މިހާރު ވަނީ އެ ދިމާ މަގުމަތީގައިވާ ޗަކަހެދިފައިވާ ފަސްގަނޑު ކަހާ ހަދާފައެވެ. ނަމަވެސް މިއީ ހައްލެއް ނޫނެވެ. ނުރައްކާތެރި އެތަކެއް ހާދިސާތަކެއް ހިނގާފައިވާ މި ހަތަރުއަނގޮޅި ފަދަ އެތައް ތަނެއް އުނގޫފާރު މަގުތަކުގައި އެބައޮތެވެ.  ގިނަ އަދަދަކަށް ސައިކަލް ގެންގުޅޭ މި މި ރަށުގެ މަގުތަކުގައި ޗަކަ ހެދުމުގެ ސަބަބުން ކަހާލައިގެން ވެއްޓި އެތައް އަނިޔާތަކެއް މީހުންނަށް ލިބިފައި އެބަހުއްޓެވެ.

“އަޅުގަނޑަށް ވެސް އެއް ދުވަހަކު އެތަނުން ލަނޑު ލިބުނު. އެ ދުވަހު ސައިކަލާ އެއްކޮށް ވެއްޓީ މުޅި އުޅަނބޮއްޓާއި ތަންތަން މަށައިގެން ދިޔަ. އޭގެ ފަހުން އަޅުގަނޑުގެ ރައްޓެއްސަކަށް ވެސް ހަމަ އެތަނުން ސައިކަލުގަ ކަހާލާފަ ވެއްޓިފައިވޭ” އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދިން މީހަކު ބުންޏެވެ.

އުނގޫފާރުގެ ތާރީހުގައި ޗަކަހެދުމުގެ ސަބަބުން ހިނގައިދިޔަ އެންމެ ނުރައްކާތެރި ހާދިސާއަށް ފަހު މިއީ މިކަމަށް ލޯ ހުޅުވަންވީ ވަގުތެވެ. މި ކަމަށް ސަމާލުވާންވީ ވަގުތެވެ. މިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގެ އުންމީދު އޮތީ ފެންނާނެށެވެ. އުނގޫފާރުގެ މަގުތައް ތާރު އަޅައިގެން ރަނގަޅު ފެންވަރެއްގައި ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންއާ ހަވާލުކޮށްގެން އެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އުނގޫފާރު މަގު ހެދުމުގެ ޕްރޮޖެކްޓް ނިމުމުން އިރާދަކުރެއްވިއްޔާ މިކަމަށް ހައްލެއް ލިބިގެން ދާނެއެވެ. އެހެން ނަމަވެސް އޭގެ ކުރިން މި ފަދަ ދެވަނަ ހާދިސާއެއް ހިނގިޔަ ނުދީ މިކަމަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ. އުނގޫފާރު ކައުންސިލާއި ރައްޔިތުން ގުޅިގެން މިފަދަ ތަންތަނުގައި ޗަކަ ނުހެދޭނެ ގޮތެއް ހެދުމަކީ މުހިންމު ކަމެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close