މުނިފޫހި ފިލުވުން

ހިތި ހަނދާން (9 ވަނަ ބައި)

.
“މިތަނުން ފޮތެއް ވެއްޓުނީ” އެފޮތް ނަގަމުން އަހަރެން ޖަވާބު ދިނީމެވެ. ފޮތްވެއްޓުނު އިރު އޭގެތެރެއިން ބައިވަރު ފޮޓޯތަކެއ ބޭރަށް ނިކުމެފަ ހުއްޓެވެ. އަހަރެން އެފޮޓޯތަށް ނަގަމުން ފޮތާއި އެކު ތެދުވެލީމެވެ. އެއީ ކުޑަދެއަންހެންކުދިންނާއި ބޮޑު އަންހެނެކެވެ. ހީވާގޮތުން އެއީ އެއަންހެންމީހާގެ ކުދިންނެވެ. ދެވަނަ ފޮޓޯގައި ހުރީ ފިރިހެނަކާއި ހަމަ އެއަންހެންމީހާއެވެ. އަދި އެފޮޓޯ ރަނގަޅަށް އަހަރެންނަށް ބަލާނުލެވެނީސް ފާހާނާއިން ނިކުތް ރައޫފް އަހަރެންގެ އަތުން އެފޮޓޯ ޖަހައިގަތެވެ. އަހަރެންނަށް ލިބުނީ ކުއްލި ސިހުމެކެވެ.
“އެއީ ކޮންބައެއް” އަހަރެން ސުވާލު ކުރީމެވެ.
” އެއީ މިގޭ ބޭބެގެ ކުރީގެ އަނބިމީހާ އަދި އޭނާގެ ކުދިން ”
ރައޫފް ޖަވާބު ދިނެވެ.
އޭނާގެ ޖަވާބު ކުރަކިއޭ އަހަރެންގެ ހިތްބުނީ ކީއްވެބާވައެވެ.

އަހަރެމެން އެކުގައި ދެން ދިޔައީ ކާން ރެސްޓޯރަންޓަށެވެ. އެކަމަކު ވަރަށް ހިމޭން ކަމާއެކީގައެވެ. ގައިމުވެސް އެފޮޓޯ އާއި މިކަމާއި ގުޅުން އެބައޮތްކަން އަހަރެންގެ ހިތް ބުނެއެވެ. އެކަމަކު ގުޅުން އޮތީ ކިހާވަރަކަށް ކަމެއް އަހަރެންގެ ހިތެއް ނުބުނެއެވެ. ކޮންމެ ގޮތެއް ވިޔަސް އަހަރެން މިވަގުތު މިހިރީ މިދަތުރު އައިސްފައެވެ. ވީމާ ބޭނުންވީ ހިންހަމަ ޖައްސާލާށޭވެ. ދެމީހުން އެކުގައި އަނެއްކާވެސް ސައިކަލަށް އަރާދުއްވާލީއެވެ. ކުއްލިއަކަށް ވިދާލާފަ ހަމަ އެވަގުތު ވާރޭ ވެހެންފެށިއެވެ. ސައިކަލްގައި ދެމީހުންގޮސް ވަނީ ކާރިން ފެނުނު އެއްބަޔަށް ހަދާފަ ހުރި ފަޅުގޯއްޗަކަށެވެ. އައްޑޫގައި މިކަހަލަ ވަރަށް ގިނަ ފަޅު ގޯތި ހުރެއެވެ. އަހަރެން ވަށައިގެން ބަލާލީމެވެ. އަސްލު އެތަނަށް ވަރަށް މަސައެްކަތްވެސް ކޮށްފަ ހުރިކަން ފާހަގަވިއެވެ.

“މިއީވެސް އަހަރެންގެ ތިމާގެ މީހެއްގެ ގެ” ރައޫފް ބުނެލިއެވެ. އަހަރެން ހަމައެކަނި ބޯޖަހާލީއެވެ.

“ކަލާގެ ހިތުގައި މިނަން ނުވޭހޭ ސުވާލު ކުރަމޭ ޖަވާބު ދޭށޭ…” ރައޫފް އަހަރެންނާއި ކާރިވެލާފަ ލަވަ ކިޔަން ފެށިއެވެ. އަހަރެން ހިނިތުންވެލާފަ ދުރަށް ޖެހިލީމެވެ. މާބޮޑަށް ގައިގޯޅިވުމަކީ އަހަރެންގެ ޒަމީރު ގަބޫލު ކުރާގޮތެއް ނޫނެވެ.

“ބުނަންތަ ޒައިނާ އަހަރުމެން ދެމީހުންގެ ފުރެންޑުޝިޕް އަށް އަހަރު ފާހަގަ ކުރަން އަންނާނީ ދެމީހުން މިތަނަށްދޯ ކޮންމެ ތާކުތިބެފަވެސް އޯކޭ”
“ސާބަސް އަދިމިވީ ކިރިޔާ ދެތިން މަސްތޯއްޗެއް ނޫޅޭން ތިވަރަށް ދުރަށް ވިސްނާން” މިއީ އަހަރެންގެ ވާހަކަ ހުންނަގޮތެވެ. ލޯތްބަކީ ހުވަފެނެއްކަން އަހަރެން އަބަދުވެސް ގަބޫލް ކުރަމެވެ. ކޮންމެ އެދުމެއްގެ ނިވަލުގައި އަމިއްލަ ކޮންމެވެސް ކަންތައްގަޑެއްވެޔޭ އަބަދުވެސް އަހަރެންގެ ހިތްބުނެއެވެ. އަހަރެން ސުކޮލާރޝިޕެއްލިބިގެން ބޭރަށްދާން ފުރިދުވަހަކީ ރައޫފް ގިސްލަގިސްލާފަ އަހަރެންގެ ކާރީ އިނދެގެން ރުއި ދުވަހެކެވެ. އަހަރެންގެ ހިތުން އެއީ ހަގީގީ ލޯބިއެވެ.

ޓުރިވެންޑުރަމް އިން އަހަރެންނަށް ކޮލެޖް ކައިރިން ދިވެހިން ދިރިއުޅޭގެޔަކުން ކޮޓަރިއެއްލިބުނެވެ. ކޯސްހަދާ ނިމެންދެން އެގޭގައި ތިބެވޭނެ ކަމުގެ ޔަގީންކަން އެމީހުންދިނެވެ. އަހަރެން އެޅޭ ގެ ބޯޑިންކުރިގޭގައިވެސް ދެކޮޓަރި ހުންނަނީ ކުއްޔަށްދީފައެވެ. އަހަރެން ކޮންމެދުވަހަކު ކޮލެޖަށްދަމެވެ. އެއްވެސް މީހަކު ގެޔަކުން ނުފެނެއެވެ. ގެޔަށް އައިސްފައި ސިޓިންރޫމްގައިވެސް ގިނަވަގުތު ހޭދަކުރަމެވެ. އެގޭގައި ދެން އިތުރު މީހަކު އުޅޭހެނެއްހިއްޔެ ނުވެއެވެ. ބައެއްރޭރޭ ދަންވަރު މީހަކު ރޯކަހަލަ އަޑެއް އިވޭތީ އަހަރެން ވަރަށް ހައިރާންވިއެވެ. އެރޮނީ ކާކުބާވައެވެ. އެއީ ވޭނީ ރުއިމެކެވެ. އަހަރެންގެ ކިޔެވުމަށް ވުރެ އަހަރެންނަށް އިސްކަން ދެވުނީ އެހިމޭން ރުއިމުގެ އަޑަށެވެ. އަހަރުމެންގެޔަށް ކައްކަން ދިވެހި އަންހެނެއް އާދެއެވެ. އެމީހާވެސް ފެންނަނީ ހާލަކުން ފަހަރަކުއެވެ. އޭނާގެ އަތުގައި ޑަބަލް ތަޅުދަނޑި އޮތުމުން ގެޔަށް އައިސް ކައްކާލާފަ ސާފު ކޮށްލާފަ މިދައްތަ ދަނީއެވެ. އަދި މޮޅުގޮތަކަށް މެނޫވެސްހަދާނެއެވެ. މިކަމާވެސް އަހަރެން ހިނިއާދެއެވެ. ނޯޓްވެސް ލިޔެފަ އޮވެއެވެ.

“ޒައިނާކޮއްކޯ.. މާގިނައިން ކުޅިވެއްޖެއްޔާ ޔޯގަޓް ކާލާ.. މާދަމާގެ މެނޫގައި ފޮނި އެއްޗެހި ހުންނާނެ” މިނޯޓްކިޔާފަ އަހަރެންވެސް ޖަވާބު ފޮނުވަމެވެ. މިގޮތުގައި އަހަރެން އެގޭގައި އުޅޭތާ މަހަކާއި ކާއިރިވިއެވެ. އަހަރަން ވަރަށް ގަދަޔަށް ހުންއައިސްގެން ގޭގައި އަހަރެން އޮންނަންޖެހުނެވެ. އެދުވަސްކޮޅަކީ ސުކޫލްގެ އަހަރީޗުއްޓީކަމުން ރަހީމާދައްތަވެސްވީ ކައިރި އަވަށަކަށް ގޮސްފައެވެ. ކައްކަންޖެހުނީ އަމިއްލަޔަށެވެ. ދެންހުންނަ ކޮޓަރީގައި ވަނީ ކާކުކަމެއް އަދިވެސް ނޭނގެއެވެެ. އެކަމަކު ގައިމު މިހާރު އެމީހަކު ނިކުންނަންޖެހޭނެތާއެވެ. ރަހީމާ ދައްތަވެސް ނެތެވެ ކައްކަންޖެހޭނީ އަމިއްލަޔަށެވެ. އަހަަރެން ކޮޓަރިއަށްވެސް ނުވަދެ މިމީހެއްގެ ކަންތަށް ބަލަން ބޭރުގައި އިނީމެވެ. އަހަރެންގެ ހުން ގަދަކަމުންވެސް ހީވަނީ އެހެންކަމެއް ހެންނެވެ. އަމިއްލައަޔް އެއްވެސް ކަމެއް ކުރުމުގެ ގާބިލްކަމެއް ނެތްކަހަލައެވެ. އަހަރެންނަށް ހޭލެވުނީ މީހަކު އަހަރެންގެ ގައިގައި ފެންއުގުޅާ ހިދުމަތް ކުރަނިކޮށެވެ. އެއީ އަންހެނެކެވެ. ކޮންމެވެސް ތަނަކުން ފެނުނު ހެންވެސް ހިވިއެވެ. އަހަރެން ހޭލެވުމާއެކު އޭނާ އެނބުރިލާފަ އޭނާގެ ކޮޓަރިއާއި ދިމާލަށް ދާންހިގައިގަތެވެ.

“މަޑުކޮށްބަލަ ތިއީކާކު؟” އަހަރެން ފުންމާފަ ތެދުވެލީމެވެ. އޭނާވެސް އަހަރެންގެ ކުރީގައި ހުރެގެން ބާރަކަށް ހިނގަމުންދިޔައެވެ. އެވަގުތު އަރިއަޅާލައިގެން ސިޑީން ބިންމަށްވަށް އޭނާވެއްޓުނެވެ. އަހަރެން ކާރިޔަށް ގޮސް މަޑުމަޑުން އޭނާ އަތުލަފިކޮށްގެން ނެގީމެވެ.

“ކޮންތާކު ތިޔައުޅެނީ އެއްގެއެއްގައި އުޅޭއިރު ކީއްވެތަ ބޭރުން ނުފެންނަނީ”

“އަހަރެން ކަޅުވީމާ އަހަރެން ބިރުގަނޭ މީހުންނާ ވާހަކަ ދައްކަން”
ކޮންމެވެސްތަނަކުން އޭނާ ދެކެފަރިތަ ވައްތަރު ޖަހައެވެ.

“އަހަރުމެން ކުރިން ދިމާނުވޭތަ؟”

“އާނ އަހަރެން ހަނދާނެއް ނުވޭ”

“ކޮންނަމެއްތަ ކިޔަނީ؟”

“އަހަރެންގެ ނަމަކީ ޒާހިދާ.. އަހަރެންނަކީ ވެސް އައްޑޫ ކުއްޖެއް”

“ދެން އިންޑިޔާގަތިޔައުޅެނީ ކީއްވެ؟”

“އަހަރެންނަކީވެސް ޓީޗަރެއް އިތުރަށް ތަމްރީން ހޯދަން އައީ އެކަމަކު ފައިސާގެ ތާށި ކަމެއް އައިސްގެން މެދުކެނޑިފައި ހުރީ”

ޒާހިދާއާއި އަހަރެންގެ ގުޅުން އިސާހިތަކު ގާތް އެކުވެރިކަމަށް ބަދަލް ވިއެވެ. ޒާހިދާގެ ތޮބީއަތުގައި އެއްވެސް މީހަކަށް އޭނާ އިތުބާރެއް ނުކުރެއެވެ. އޭނާގެ ރައްޓިހިން ވަރަށް މަދެވެ. އޭނާ ހީކުރަނީ އޭނާ ކަޅުވުމަކީ އޭނާގެ ކުށްހެނެވެ. އަހަރުމެން ދެމީހުން އެކުގަައި ޝޮޕިން އަށްވެސް ދަމެވެ. އެތަނުން އެއްދުވަހެވެ. ދެމީހުން އެއްޗިހި ގަނެގެން ގެނެސް ކޮޓަރިއަށް ވަނީމެވެ. އަހަރެން ކޮޓަރިއަށް ގޮސް ބަލާލިއިރު އަހަރެންނަށް ގެނެވުނީ ޒާހިދާގެ ކޮތަޅު ތަކެވެ އަހަރެން ހެމުން ހެމުން ކޮަަތަޅުތަށް ހިފައިގެން އޭނާގެ ކޮޓަރި ކާރިޔަށް ގޮސް ބުނެވެސް ނުލާ ދޮރު ހުޅުވާލީމެވެ. އަހަރެންގެ ކުރިމަތިން ފެނުނު ފޮޓޯއިން އަހަރެން ގަނޑުވިއެވެ. ފެންނަމުންދަނީ ހުވަފެނެކޭ އަހަރެން ހިތަށް އެރިއެވެ. ޒާހިދާ އެފޮޓޯގައި ހިފާފަ ކަރުނަ އަޅާ ހިމޭންކަމާއެކު ރޮމުން ދަނީއެވެ. ކުރީރޭތަކުގައި އަހަރެންނަށް އިވުނު އަޑަކީމިއީތާއެވެ.

“ޒާހިދާ މިހިރީ އެއްޗިހި އޮޅިގެން މިގެންދެވުނީ މަގޭކޮޓަރިއަށް”
ޒާހިދާ އެނބުރިލާފަ އަހަރެންނާއި ކުރިމަތިލިއެވެ.

“އެއީ ކާކު” ކޮޓަރިތެރެ އަނދިރި ކަމުން އަހަރެންނަށް ފޮޮޓޯގައި ހުރިމީހަކު ނޭގުނެވެ.

ޒާހިދާ ކޮޓަރީގެ ބޮކިދިއްލިއެވެ. ސިފަވެގެންދިޔަ ތަސްވީރުން އަހަރެންގެ މުޅިދުނިޔެ އެފުށްމިފުށަށް ޖަހާލިއެވެ.
“އެއީ..އެއީ ކާކު؟”

“އެއީ އަހަރެންގެ…ފިރިމީހާ”
ޒާހިދާ މިހެން ބުނުމާއެކު އަަހަރެން އަނބުރައިގަންނަ ގޮތްވިއެވެ. ހުރިހާ މަންޒަރެއް ޒާހިދާ ބުނުމަކާ ނުލާ އަހަރެންގެ ކުރިމަތީ ހުޅުވިގެން ދިޔައެވެ. ކުރިންދުވަހު ރައޫފްމެން ގެއިން ފެނުނު ފޮޓޯތަކުން މިފެނުނީ ޒާހިދާއެވެ. އަހަރެން ޒާހިދާގެ ކޮނޑުގައި ބޯއަޅާލީމެވެ.

(ނުނިމޭ)

ޓެގް
އިތުރަށް ވިދާޅުވުމަށް

ރޯޒީ ޝަރީފް

ރޯޒީ އަކީ ތަފާތު އެކި އޮންލައިން ނޫސްތަކަށް ލިއުންތައް ލިއުއްވަމުން އަންނަ ކުޅަދާނަ ލިއުންތެރިއެކެވެ. ރޯޒީ ފާހަގަ ކޮށްލެވެނީ މުނިފޫހި ފިލުވުމުގެ ދާއިރާއިން ހިއްގައިމު ވާހަކަތަކެއް ކިއުންތެރިންނަށް ގެނެސް ދެމުންދާ ލިއުންތެރިއެއް ގޮތުގައެވެ. މީގެ އިތުރުން ފެޝަން އަދި ބިއުޓީގެ ދާއިރާ އަދި ސިއްހީ ދާއިރާއިން ތަފާތު ލިއުންތައް ލިއުއްވައެވެ. ރޯޒީ އަކީ ބިއުޓީ ތިރަޕީގެ ދާއިރާއިން މާސްޓަރސް ހައްދަވާފައިވަ ސެޓިފައިޑް ބިއުޓީ ތިރަޕިސްޓެކެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close