ދުނިޔެ

ޓެރަރިސްޓް ހަމަލާ: މުސްލިމަކު ކުރި ކަމެއް ނަމަ 5 ގުނައަށް ހުޅަނގުގެ މީޑިއާއިން އެވާހަކަ ދައްކާ – ދިރާސާ

މާތްﷲ އެކަލާންގެ ދިނާގެން އުންމަތުގެ ރަސޫލާ މުޙަމަދު (صلى الله عليه وسلم ) ފޮނުވީއްސުރެ މި ދީނުގެ އަގު ވައްޓާލުމަށް ދީނުގެ އަދުއްވުން ކެނޑި ނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ. އިސްލާމް ދީނާ ދެކޮޅަށް ކުރަމުން އައި ހަނގުރާމަތަށް ސުލްޙައި ނަމުގައި ފަރުދާގެ ފުރަގަހުގައި ފޮރުވި ތިބެ އުކަމުންދާ ފިކުރީ ހަނގުރާމައިގެ ތީރުތަކަކަށް މި ވަނީ ވެފައެވެ. މި ހަނގުރާމައިގެ އެންމެ ބާރުގަދަ ހަތިޔާރަކަށް އެމީހުން މިއަދު ބޭނުން ކުރަމުން އަންނަނީ މީޑިއާއެވެ. ހުޅަނގުގެ މީޑިއާއިން މުސްލިމުންނަކީ އަނިޔާވެރި ޓެރަރިސްޓުންތަކެއް ކަމަށް ދުނިޔެއަށް ދައްކައިދެން ކުރަމުންދާ މަސައްކަތް ހަމަ ބުއްދި ސަލާމަތުން ހުރި މީހަކަށް ވިއްޔާ ވަރަށް ރަނގަޅަށް ފެންނާނެއެވެ. ދާދި ފަހުން ކުރި ދިރާސާ އަކުން ވެސް މިކަން ވަރަށް ރަނގަޅަށް މި ވަނީ ހާމަވެފައެވެ.

ދާދި ފަހުން ޖޯޖިއާގެ ސްޓޭޓް ޔުނިވާސިޓީގެ ސައިންސްވެރިން ކުރި ދިރާސާ އަކުން ދައްކާ ގޮތުގައި އެމެރިކާގައި ދީފައި ހުރި ޓެރަރިސްޓް ހަމަލާތައް އެއީ މުސްލިމަކު ދިން ހަމަލާއެއް ނަމަ އެމެރިކާގެ މީޑިއާ ތަކުން އެ ހަބަރަކަށް 5 ގުނަ އިތުރަށް ސަމާލުކަން ދެއެވެ. ގޮތް ގޮތަށް ރިޕޯޓްތައް ހަދައިގެން ކެނޑި ނޭޅި އެވާހަކަ ދައްކައެވެ.

މި ދިރާސާ ގައި 2011 ވަނަ އަހަރުން 2015 ވަނަ އަހަރަށް އެމެރިކާގައި ދީފައި ހުރި އެކި ކަހަލަ ޓެރަރިސްޓް ހަމަލާތައް ބަލާ އެ ހަމަލާތަކުގެ ވާހަކަ މީޑިއާގައި ދައްކާފައި ހުރި ނެތް މިންވަރު ބެލިއެވެ. މި ދިރާސާއިން އެނގުނު ގޮތުގައި އެ ހަމަލާ އަކީ މުސްލިމުންނާ ގުޅުން ހުރި ހަމަލާއެއް ނަމަ މީޑީއާގެ ސަމާލުކަން 449 އިންސައްތަ އިތުރުވެފައި ވެއެވެ. އެހެން ނަމަވެސް އެމެރިކާގައި މި މުއްދަތުގައި ދީފައިވާ ޓެރަރިސްޓް ހަމަލާތަކުގެ ތެރެއިން މުސްލިމުންގެ ބައިވެރިވުން އޮތީ އެންމެ 12.4 އިންސައްތަ ޓެރަރިސްޓް ހަމަލާގައެވެ. އަނެއް 87.6 އިންސައްތަ އަކީ މުސްލިމުން ނުން މީހުން ދީފައި ހުރި ޓެރަރިސްޓް ހަމަލާ ތަކެވެ. އެހެން ނަމަވެސް އެންމެ 12.4 އިންސައްތަ އަށް 41.4 އިންސައްތައިގެ މީޑިއާ ކަވަރޭޖް ލިބިފައި ވާ ކަމަށް ދިރާސާއިން ދައްކައެވެ.

މި ދިރާސާ ހެދި ޓީމުން ފާހަގަ ކުރި ގޮތުގައި މީޑިއާއިން މުސްލިމުންނާ މެދު މީހުންގެ ހިތުގައި ބިރުވެރިކަން އުފައްދަން މަސައްކަތް ކޮށްފައި އެބަހުއްޓެވެ. މި ދިރާސާގައި 2011 ން 2015 އަށް ދީފާއި ހުރި ޓެރަރިސްޓް ހަމަލާތަކުގެ ތެރެއިން ކޮންމެ ހަމަލާ އަކަށް ޙާއްސަކޮށް މީޑިއާގައި ލިޔެފައިވާ ލިޔުންތަކާއި އެ ލިޔުންތަކުގެ އަދަދު ވެސް ބެލިއެވެ.

ދިރާސާގައި މިސާލެއްގެ ގޮތުން ފާހަގަ ކުރި ބައެއް ކަންތައްތަކަށް ބަލާއިރު 2013 ވަނަ އަހަރު ބޮސްޓޯން މެރަތޮން ގައި ދިން ބޮމުގެ ހަމަލާއަކީ 2 މުސްލިމަކު ވެގެން ދިން ބޮމުގެ ހަމަލާއެކެވެ. އެ ހަމަލާގައި މަރުވީ 3 މީހުންނެވެ. އެ ހަމަލާއަށް މުޅި 5 އަހަރު ދުވަހުގައި ދީފައިވާ ޓެރަރިސްޓް ހަމަލާތަކަށް ނުލިބޭހާ މީޑިއާގެ ސަމާލުކަން ލިބުނެވެ. މުޅި 5 އަހަރު ދުވަހުގެ މުއްދަތުގައި ދިން ހުރިހާ ޓެރަރިސްޓް ހަމަލާތަކަކަށް ދީފާއިވާ ސަމާލުކަމުގެ 20 އިންސައްތަ ސަމާލުކަން ހަމަ އެކަނި އެ ހަމަލާއަށް ވެސް ލިބިގެން ދިޔައެވެ.

އެއާ ހިލާފަށް 2012 ވަނަ އަހަރު ސިކުންގެ ފައްޅި އަކަށް ދިން ޓެރަރިސްޓް ހަމަލާއެއްގައި 6 މީހުން މަރުވިއެވެ. އެ ހަމަލާ ދީފައި ވަނީ އެމެރިކާގެ ދޮން ނަސްލަށް ނިސްބަތްވާ ކާފަރެކެވެ. މި ހަމަލާއަށް ލބުނީ މީޑިއާގެ އެނެމް 3.8 އިންސައްތަ ސަމާލުކަމެވެ. ވިސްނާށެވެ. މި ހަމަލާގައި ބޮސްޓޯން މަރަތަން އަށް ދިން ހަމަލާއަށް ވުރެ މަރުވި މީހުންގެ އަދަދު ވެސް ގިނައެވެ. އެހެން ނަމަވެސް މި ހަމަލާ ދިނީ މުސްލިމަކަށް ނުވާތީ މިއީ މާ ބޮޑު ކަމަކަށް ނުވިތާއެވެ.

ދިރާސާގައި ފާހަގަ ކުރި އެހެން މިސާލަކަށް ބަލާއިރު އެމެރިކާގެ ކެރޮލިނާގައި ހުރި ނަޞޯރާއިންގެ ފައްޅިއަކަށް ދިން ބަޑީގެ ހަމަލާތަކެއްގައި 9 މީހުން މަރުވިއެވެ. މި ހަމަލާ ދިނުމުގައި ބައިވެރިވީ ޑިލަން ރޫފް ކިޔާ އެމެރިކާ އަދި އެފްރިކާއަށް ނިސްބަތްވާ ދޮން ނަސްލުގެ ކާފަރެކެވެ. މި ހަމަލާ އަށް ލިބުނީ އެންމެ 7.4 އިންސައްތަ މީޑިއާ ކަވަރޭޖެވެ. 2014 ވަނަ އަހަރު ކެންސަސްގައި ހުރި ޔަހޫދީން އަޅުކަން ކުރަން ބޭނުން ކުރާ ތަނަކަށް ދިން ޓެރަރިސްޓް ހަމަލާއަކަށް ވެސް ލިބުނީ 3.3 އިންސައްތަ މީޑިއާ ކަވަރޭޖެވެ.

މި ދިރާސާ ހެދި ޓީމުން ބުނި ގޮތުގައި މި ދިރާސާއިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ވާހަކަ ފުޅުގެ ދޮގު ކަން ހާމަކުރެއެވެ. މި އަހަރު ފެބްރުއަރީ މަހު ޑޮނަލްޑް ޓްރަންޕް ވިދާޅުވެފައި ވަނީ އެމެރިކާގެ މީޑިއާތަކުން މުސްލިމުން ދޭ ޓެރަރިސްޓް ހަމަލާތައް ރިޕޯޓް ނުކުރާކަމަށެވެ. އެހެން ނަމަވެސް ކަން އޮތީ ދިމާ އިދިކޮޅަށެވެ. މިހާ ހިސާބުން އެފެދޭ ސުވާލަކީ އެމެރިކާގެ މީޑިއާ ތަކުން މުސްލިމުންގެ ކުއްހޯދާއި ދުނިޔޭގެ ކުރިމަތީގައި މުސްލިމުންގެ އަގު ވައްޓާލަން މަސައްކަތް މި ކުރަނީ ކީއްވެ ބާއެވެ؟ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެމެރިކާގެ އެކި ހިސާބުތަކުގައި އެ ޤައުމުގެ ރައްޔިތުން އެކަކު އަނެކަކަށް ދޭ ބަޑީގެ ހަމަކާތަކުގައި ދުވާލަކު އެތައް ބަޔަކު މަރުވެއެވެ. އެހެން ނަމަވެސް މީޑިއާގެ ފަލަ ސުރުހީތަކުން މި ހަބަރުތަކަށް މި ވަނީ ޖާގަ ނުލިބިފައެވެ. (ރިޕޯޓް: ދަ އިންޑެޕެންޑެންޓް)

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close