ޙަބަރުރ.އަތޮޅު

އިންޖީނެއްގެ ކޮއިލްގައި ރޯވެ ކިނޮޅަހުގެ ކަރަންޓް ޚިދުމަތަށް ބުރޫއަރައިފި

ރ.ކިނޮޅަހުގައި ކަރަންޓު ދިނުމަށް ބޭނުން ކުރަމުން ދިޔަ 2 ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރުގެ ކޮއިލްގައި ރޯވެ އިންޖީނުގެ ކޮއިލް ބޭނުން ނުކުރެވޭ ވަރަށް އަނދައިފިއެވެ. މިހާދިސާ ހިނގާފައި ވަނީ މިރޭ ގާތް ގަނޑަކަށް 8 ޖަހާ އިރު އެވެ.

ފެނަކާގެ ކިނޮޅަހު ބުރާންޗް މިވަގުތު ހިންގުމާ ހަވާލުވެ ހުންނެވި މުޙައްމަދު ޒިޔާދު އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެއްވި ގޮތުގައި އިންޖީނުގެ ކޮއިލްގައި ރޯވެފައި ހުއްޓާ ފެނިގެން އިންޖީނަށް ވެލި ޖަހައިގެން ކޮއިލްގައި ހިފާފައިވާ ހުޅުގަނޑު ނިއްވާލި ކަމަށެވެ. އެހެން ނަމަވެސް އިންޖީނުގެ ކޮއިލް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް ޒިޔާދު މަޢުލޫމާތު ދެއްވިއެވެ.

ޒިޔާދު ވިދާޅުވި ގޮތުގައި ކިނޮޅަހަށް ކަރަންޓް ދިނުމަށް ބޭނުން ކުރަމުން ދަނީ 80 ކިލޯވޯޓްގެ ޖަނަރޭޓަރަކާއި 108 ކިލޯ ވޯޓްގެ ޖަނަރޭޓަރެކެވެ. އޭގެ ތެރެއިން މައްސަލަ މި ދިމާވީ 80 ކިލޯވޯޓްގެ ޖަނަރޭޓަރަށެވެ. ޒިޔާދު މަޢުލޫމާތު ދެއްވި ގޮތުގައި 108 ކިލޯ ވޯޓްގެ ޖަނަރޭޓަރު ބޭނުންކޮށްގެން މިހާރު މުޅި ރަށަށް ކަރަންޓް ދީފައި ވީ ނަމަވެސް ވަކިވަރަކަށް ވުރެ ކަރަންޓް ބޭނުންކުރާ ވަރު މަތިވެއްޖެ ނަމަ ލޯޑް ބޮޑުވެ ރަށުން ކަރަންޓް ދިއުން އެކަށީގެން ވެއެވެ.

ޒިޔާދު ވިދާޅުވި ގޮތުގައި 80 ކިލޯވޯޓްގެ ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން އެ ޖަނަރޭޓަރު ބޭނުން ކުރެވޭނީ އާ ކޮއިލް ލިބުނުހާ އަވަހަކަށެވެ.

ކިނޮޅަހު އިންޖީނުގެ ހިންގަމުން އަންނީ ފެނަކާ ކޯޕަރޭޝަނުންނެވެ. ކިނޮޅަހު އިންޖީނަކަށް މައްސަލަ ދިމާވެފައި މި ވަނީ އިންޖީނުގޭގައި އިސްކޮށް މަސައްކަތް ކުރަމުން އަންނަ ފެނަކާގެ 2 މުވައްޒަފަކު އެހެން 2 ރަށެއްގެ އިންޖީނުގެއަށް ބަދަލު ކުރުމަށް ފެނަކާއިން ނިންމުމާ ގުޅިގެން އެކަމާ ދެކޮޅަށް އެ ރަށުގެ ބައެއް ރައްޔިތުން ކިނޮޅަހު އިންޖީނުގެ ކުރިމަތީގައި ހިއްހަމަ ނުޖެހުން ފާޅުކޮށްފައި ވަނިކޮށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close