ރ.އަތޮޅުރިޕޯޓް

އިންސާފު ނުލިބޭ އެ މަރަށް ފަހު އަނެއްކާވެސް ރ.އަތޮޅު ރޮއްވާލައިފި

2017 ވަނަ އަހަރު އޯގަސްޓް މަހަށް އަލިވިލުނު އިރު ދުވަސް ވެފައި ވަނީ ރ.އަތޮޅު އަދި ދިވެހި ރާއްޖޭގެ ވެސް ހަޔާތުގައި އަނެއްކާ ވެސް ކަޅު ސޮފުހާތަކުން ސޮފުހާއަކަށެވެ. އިންސާފަށް އެދި އަދިވެސް ގިސްލަމުންދާ އެތަކެއް މައެއް، ބަފައެއް އަދި ދިވެހި މި ވަތަން ދެކެ ލޯބިވާ ކޮންމެ ދަރިއެއްގެ ލަގޮނޑިއަށް ކެއްނުވީ އަނެއްކާ ވެސް ފުރަ މާލޭގެ ފަސްގަނޑުގައި މައުސޫމުންގެ ލޭގެ ކޯރުތައް ދެމެމުންތާ ހިތްދަތި މަންޒަރުތަކުންނެވެ. ހާލުގެ ދުލުން ވަތަން އެދި ގޮވަނީ އިންސާފުވީ ކޮންތާކު ހެއްޔެވެ؟

މިފަހަރު އަނެއްކާވެސް ރ.އަތޮޅުގެ ދަރިއެކެވެ. ރ.އަތޮޅުގެ ހަޔާތުގައި ހިތްދަތި ނާމާން ދުވަހެކެވެ. 2012 ވަނަ އަހަރު އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލެވުނު އުނގޫފާރު ދާއިރާގެ ރައްޔިތުން މަޖުލީހުގެ ކުރީގެ މެންބަރު އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ ރ.އުނގޫފާރު ގުލްފާމުގޭ އަލްމަރްޙޫމް ޑރ.އަފްރާޝީމް ޢަލީ އަނިޔާވެރި މަރުގެ ހަނދާންތައް އިއްޔެ ހިނގި ކަމެއްހެން މި އަތޮޅު އަދި ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ހިތުގައި ތާޒާކަން މަތީ ވެއެވެ.

އަނިޔާވެރި އެ ޖަރީމާގެ ފަހަތުގައިވާ ޚާއިނުން ހައްޤު އަދަބު ނުލިބި މި ފަސްގަނޑުގައި ޖެހިލުމެއް ނެތި ހިނގާ ބިނގާވެ އެޅޭނެ ކަން ހިތަށް އަރާ ކޮންމެ ފަހަރުގެ ހިތުގައި އުފެދޭ ވޭނީ ހުޅުގަނޑު އަނެއްކާ ވެސް ފަޅައިގެން ދިޔައީއެވެ. ރ.އަތޮޅުގެ ރައްޔިތުންގެ ޚިދުމަތުގައި ދެމިހުރި ޒުވާނެއް ކަމުގައިވާ ރ.މީދޫ ފެންފިޔާޒުގޭ މުޙައްމަދުގެ އަނަސް އަނިޔާވެރި ގޮތަކަށް “ކަތިލެވުނު” ޙަބަރާއެކު ރ.އަތޮޅު އަނެއްކާވެސް ރޮއްވާލައިފިއެވެ. ހިތުގާ އުފެދޭ ސުވާލަކީ “ހައިޕްރޮފައިލް ކޭސް” އެއް ގޮތުގައި ޙާއްސަ ސަމާލުކަމެއް ދީގެން ތަހުގީގު ކުރި ޑރ.އަފުރާޝީމް އަލީގެ މަރުގެ ފަހަތުގައި ވާ ބަޔަކު އަދި އަދަށް ދާންދެން ވެސް ހޯދިފާ ނުވާއިރު އަނަސް އަށް އިންސާފުލިބޭނެ ބާއެވެ؟ ނިކަމެއްޗެއްގެ ދަރިއަކަސް، ބާރުގަދަ ސިޔާސީ މަޤާމެއްގައި ހުރި މީހަކަށް ނުވިޔަސް ގެއްލިގެން ދިޔައީ ޤައުމަށް ޚިދުމަތް ކުރުމުގައި ދެމިހުރި ދިވެރި ދަރިއެކެވެ. ރ.އަތޮޅަށް ޚިދުމަތް ކުރުމުގައި ދެމި ހުރި ކުޅަދާނަ ކައްޕިއެކެވެ.

ރަހުމަތްތެރިންގެ ފަރާތުން މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަނަސް އަކީ އެންމެންނާ ވެސް ގުޅޭ ހިއްޖެޔޮ މިޒާޖެއްގެ ކުއްޖެކެވެ. އޭނާ އަކީ އެއްވެސް ގޮތަކަށް މާލޭގެ ގޭންގަކާ ގުޅުން އޮތް ފަރާތެއް ނޫން ކަން ޢާއިލާ އާއި އަނަސްގެ ރަހުމަތްތެރިން ދަނެއެވެ. އަނިޔާވެރި ގޮތަކަށް މަރާލެވުނު އިރު އޭނާ މަސައްކަތް ކުރަމުން ދިޔައީ ރ.އަތޮޅާއި މާލެ އާ ދެމެދު އޮޕަރޭޓް ކުރާ ލޯންޗް ފެރީއެއް ކަމުގައިވާ ޖަޒީރާ ފެރީގެ ކައްޕިއެއްގެ މަޤާމުގައެވެ. މަރާލެވުނު އިރުވެސް ހުރީ އެ ޙިދުމަތުގައެވެ.

ގޭންގް މާރާމަރީގެ މައްސަލަ މާލޭގައި ބޮޑުވެފައިވާ މި ދުވަސްވަރު މެދުކެނޑުމެއް ނެތި މާލޭ މަގުމަތިން ސެކުރިޓީ ކެމެރާތަކުގެ ކުރިމަތީގައި މި ހަފުތާ އެކަނި ވެސް އެތަކެއް ޖަރީމާއެއް ހިނގައިފިއެވެ. ކެފޭއެއް ތެރޭގައި އިންދާ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެސް ވަނީ ގުރޫޕަކުން ޒަވާނަކަށް ހަމަލާދީ މަރާލާފައެވެ. ފުލުހުން ބުނަނީ މިއީ ގޭންގު ތަކުގެ މެދުގައި ފެށިގެން އުލޭ ބަދަލު ހިފުމުގެ ކުޅިގަނޑެކެވެ. އެހެން ނަމަވެސް މި ކުޅިގަނޑުގެ ޝިކާރައަކަށް މިފަހަރު ވެފައި މިވަނީ ގޭންގް ހަދައިގެން މާލޭގައި އުޅޭ ނުވަތަ ގޭންގްތަކާ ގުޅުން އޮތް ޒުވާނެއް ނޫނެވެ. އަނަސްގެ ރައްޓެހިންނާއި އެކި ފަރާތްތަކުން ހޯދާފައިވާ މަޢުލޫމާތު ތަކަށް ބަލާއިރު އަނަސް މަރާލާފައި ވަނީ “އޮޅިގެންނެވެ”. މި ގޮތަކަށް ބަޔަކު ނުކުމެ އެއްވެސް ޖެހިލުމެއް ނެތި އެންމެންގެ ކުރިމަތީގައި ދިރި ހުރި ފުރާނައެއް ކަތިލަން ކެރޭވަރުގެ ތަނަކަށް މި ރާއްޖެ ވުމަކީ ހާދަހާ ހިތާމަހުރި ކަމެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަނަސް މަރާލެވުނު އިރު އޭނާ ދިޔައީ ޒަވާޖީ ހަޔާތެއް ފެށުމަށް ތައްޔާރުވަމުންނެވެ. އެތަކެއް ފޮނި ހުވަފެންތަކެއް ދެކެމުންނެވެ. އަނަސްގެ މަރާއެކު ކަތިލެވުނީ އަނަސްގެ ޢާއިލާގެ އިތުރުން އޭނާގެ ހަޔާތުގެ މިތުރަށް ވުމުގެ ހުވަފެންތައް ދެކެމުންއާ ޒުވާން އަންހެން ކުއްޖެއްގެ ހިތުގެ އުންމީދުތަކެވެ. އަނަސްގެ ޙިދުމަތައް އެދެއެދި ތިބި ރ.އަތޮޅުގެ ދަރިންގެ އުންމީދުތަކެވެ. މައެއް އަދި ބަފައެއްގެ ހިތުގެ ވިންދެވެ. ލޮލުގެ ފިނިކަމެވެ. ފޫނުބެއްދޭނެ މި ހިތާމާގައި ރ.އަތޮޅު ކަރުނަ އަޅަމުން ދާއިރު އިންތިޒާރު ކުރެވެމުން ދަނީ އިންސާފު ޤާއިމްކުރެވޭނެ ދުވަހަކަށެވެ. ކުއްވެރިން ފަލީހަތްވާނެ ދުވަހަކަށެވެ. އަޅުގަނޑުމެން އެންމެންގެ ދުޢާއަކީ ވެސް އެއީއެވެ.

މާތްﷲ އަނަސްގެ ފުރާނައަށް ހެޔޮ ރަޙުމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާ އަދި ޢާއިލާއަށް ކެއްތެރިކަން ދެއްވާންދޭވެ. އަދި މި ޤައުމުގައި އިންސާފު ޤާއިމްވާނެ ދުވަހެއް ދައްކަވާންދޭވެ. އާމީން

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
9 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
9 Comment authors
ehkalaFathimRayyithehރިޒާންދިވެހި ދަރިއެއް Recent comment authors
ehkala
Guest
ehkala

aameenn

Fathim
Guest
Fathim

Ameen

Rayyitheh
Guest
Rayyitheh

Vrh dhrakameh …maai allaah anas ge gaathilun faleehaii kurahvai emeehunah haggu adhabu libeyne goii medhuveri kuravvaashi… aameen

ރިޒާން
Guest
ރިޒާން

އަާމީން

ދިވެހި ދަރިއެއް
Guest
ދިވެހި ދަރިއެއް

އާމީން

މަާ
Guest
މަާ

އާމީން

ފާތުން
Guest
ފާތުން

އާމީން

Dhivehi dhariyeh
Guest
Dhivehi dhariyeh

Aameen

shee
Guest
shee

Aameen

Close