ޙަބަރު

އަނަސްއަށް އިންސާފަށް އެދި މީދޫގައި ހިނގާލުމެއް ބާއްވައިފި

މިދިޔަ ހަފުތާގެ ހޯމަ ދުވަހުގެ ރޭ މެޔަށް ވަޅި ހަރާ އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ރ.މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ މީދޫގައި ހިނގާލުމެއް ބާއްވައިފިއެވެ.

މިއަދު ހަވީރު ކުރިއަށް ދިޔަ މި ހިނގާލުމުގައި މުޅި މީދޫގެ ހުރިހާ ރައްޔިތުން ބައިވެރިވިއެވެ. މި ހިނގާލުމުގައި އަނަސްގެ ޤާތިލުންނާއި އެފަދަ އަނިޔާވެރި ޖަރީމާތައް ހިނގާފައިވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގޮވާލާ މީދޫ ރައްޔިތުންގެ ހިތުގެ އާދޭހާއި ޝުއޫރުތައް ފާލުކޮށްފައިވެއެވެ.

މި އަނިޔާވެރި މަރުގެ ސަބަބުން މީދޫގެ ވަނީ ފުން ހިތާމައިގެ ވަޅުގަނޑަކަށް ވެއްޓިފައެވެ. މިކަން މި އެއްވުމުގައި ބައިވެރިވި ކޮންމެ ރައްޔިތެއްގެ މޫނުމަތިން ސާފުކޮށް ފެންނަން ހުއްޓެވެ. ލޯ ތަކުން ކަރުނަ އޮހޮރިގެން ދިޔަ މި ހިނގާލުމުގައި ޙާއްސަ ދުޢާއެއް ވެސް ކުރިއެވެ.

މި ދުޢާގައި އަނަސް އާއި އަނަސް ފަދައިން ހައްޤަކާ ނުލާ ޤަތުލު ކުރެވިފައިވާ ހުރިހާ އެންމެންނަށް އިންސާފު ޤާއިމްކޮށްދެއްވާ ޤާތިލުންނަށް ދުނިޔެ އާއި އާޚިރަތުގައި ހައްޤު ޖަޒާ ދެއްވުމަށް އެދިފައިވެއެވެ. އެންމެން ރޮއްވާލި މި އަސަރު ގަދަ ދުޢާގައި އަނަސްއަށް ޝަހީދެއްގެ ދަރަޖަ ދެއްވާ އާއިލާއަށް ކެއްތެރިކަން ދެއްވުމަށް އެދި ދުޢާކޮށްފައިވެއެވެ.

މި ހިނގާލުމުގައި އަނަސްއަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ޙާއްސަ ޕެޓިޝަނެއްގައި މީދޫގެ ރައްޔިތުންނާއި އެއްވުމަށް ހާޒިރުވެ ތިބި ސޮއެކުރިއެވެ.

މާތްﷲ އަނަސްގެ ފުރާނައަށް ހެޔޮ ރަޙުމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަރް ދެއްވާންދޭވެ. އަދި އަނަސްގެ އާއިލާއަށާއި، ރަށުގެ ރައްޔިތުންނަށް ކެއްތެރިކަން ދެއްވާންދޭވެ. އާމީން

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close