ރިޕޯޓް

ބައްޕައެއްގެ ފަރުވާ – ދަރިއެއްގެ އާދޭސް

އެ ލޮބުވެތި އިނގިލި ތަކަކީ އޭގައި ހިފައިގެން އަޅުގަނޑުމެން އަމިއްލަފައި މައްޗަށް ކޮޅަށް ތެދުވެ ހިނގާ ބިނގައި އުޅެން ދަސްކުރި އިންގިލިތަކެވެ. އެ ދެ އަތަކީ އަޅުގަނޑުމެން ބަލިހާލުގައި ވީ ދުވަހު އެ ފިރިމުންތަކުން ޝިފާ ހޯދައި ދިން ދެއަތެވެ. އެ ތުންފަތުން އިއްވައިދިން ނާނާ ތަކަކީ އަޅުގަނޑުމެންނަށް ރޭގަނޑުގެ އަރާމު ހޯދައިދިން ނާނާތަކެވެ. އެ ޚިދުމަތްތައް  ރަނުގެ ފަރުބަދަ ތަކުން އަގުކުރިޔަސް ވަޒަން ނުކުރެވޭނެއެވެ. ތިޔަ ވިސްނަވަނީ ހަމަ ރަނގަޅަށެވެ. އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑުމެންގެ ލޮބުވެތި މައިންބަފައިންގެ ވާހަކައެވެ. ސުވާލަކީ އެކަން ދަނެ މައިންބަފައިންނަށް އަޅުގަނޑުމެންގެ އަޅާލުމާއި އޯގާތެރިކަން އެންމެ ބޭނުންވާ ދުވަހު މޫނު އަނބުރާ ލަނީ އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުން ބާއެވެ؟ އެފަދަ މީހުންގެ ވާހަކަ އެހަށް ބޭއްވުމަށް ފަހު މައިންބަފައިންގެ ހައްޤުގައި ޤުރުބާންވަމުންދާ ނަމޫނާ ދަރިއެއްގެ ވާހަކަ އަޑުއަހާލަމާ ހިނގާށެވެ.

ލ.ފޮނަދޫގައި ފިރިމީހާއާ އެކު ދިރިއުޅުން ހޭދަކުރަމުންދާ ތ.ތިމަރަފުއްޓަށް ނިސްބަތްވާ ނަސްވާ އަބްދުލް މަޖީދަކީ އެފަދަ ދަރިއެކެވެ. ނަސްވާގެ ދިރިއުޅުން ހިތާމައިގެ ފުން ކަނޑަކަށް ބަދަލުވެގެން ދިޔައީ އޭނާގެ ލޯބިވާ ބައްޕަގެ ސިއްޙީ ހާލުކޮޅު ގޯސްވި ހިސާބުންނެވެ. ނަސްވާގެ ބައްޕަ ބަލި އެނދު އިހުތިޔާރު ކުރަން ޖެހުނީ އައިލާގެ ހިދުމަތުގައި ހުއްޓައެވެ. އަބްދުލް މަޖީދު މާހިރު، 59 އޭނާގެ ވަޒީފާގައި ތ.ތިމަރަފުށީ ކެފޭއެއްގައި މަސައްކަތް ކުރަމުން ދަނިކޮށް އަނބުރައި ގަނެގެން ވެއްޓުނެވެ. މާލެ ގެނެސް ޑޮކްޓަރަށް ދެއްކުމުން ލިބުނީ ހިތް ކުދިކުދިވާ ފަދަ ހަބަރެކެވެ. ނަސްވާގެ ބައްޕަގެ ފުއްޕާމޭގައި ޓިއުމަރެއް އުފެދި އެ ޓިއުމަރު ކެންސަރަށް ބަދަލުވެފައިވާ ކަމުގެ ހިތާމަވެރި ހަބަރެވެ. ނަސްވާގެ ބައްޕަގެ ބަލި ދެނެގަނެވުނު އިރު ބައްޕަގެ ހާލަތު ހުރީ ކެންސަރުގެ 3 ވަނަ ސްޓޭޖުގައެވެ.

ނަސްވާ އަދި އޭނާގެ ބައްޕަ އަބްދުލް މަޖީދު މާހިރު

ބައްޕަގެ ފުރާނަ ސަލާމަތް ކުރުމަށް ވެވެން ހުރި ހުރިހާ ގުރުބާނީއެއް ވުމަށް ނަސްވާ އަތުކުރި އޮޅާލިއެވެ. އާއިލާގައި ނަސްވާގެ އިތުރުން 7 ދަރިން ތިބި ނަމަވެސް އެންމެ ދޮއްޓަށް ހުންނަނީ ނަސްވާއެވެ. ނަސްވާގެ އާއިލާގެ އެހީތެރިކަމެއް ފޯރުކޮށްދެވޭނެ އެހެން މީހަކު ނެތެވެ. ނަސްވާ ނިންމީ ނަސްވާގެ ބައްޕަ އޭނާގެ ގާތަށް ލ.ފޮނަދުއަށް ބަދަލުކޮށް ބައްޕަ ބެލުމުގެ ހުރިހާ ކަމަކާ ހަވާލުވާށެވެ. ނަސްވާގެ ފިރިމީހާއަށް ލިބޭ 10،000ރ ގެ މުސާރައިން ބައްޕަގެ ބޭސްފަރުވައިގެ ކަންކަން ހަމަޖެއްސޭ ވަރެއް ނުވެއެވެ. އެހެން ކަމުން ނަސްވާ  ގަސްތުކުރީ ބައްޕައަށްޓަކައި ސަލާން ޖަހަން މަގުމައްޗަށް ނުކުންނާށެވެ. ކޮންމެ ހާލެއްގައި ނަމަވެސް ބައްޕައަށް ޝިފާއެއް ހޯދައިދޭށެވެ.

ބައްޕަގެ ބަލިހާލާ ގުޅޭ ޑޮކްޓަރީ ލިޔުންތައް ހިފައިގެން އެހީއަކަށް އެދި އާދޭސް ކުރަމުން ފޮނަދޫގެ ހުރިހާ ގެޔަކަށް ނަސްވާ ވަކިވަކިން ހިނގިއެވެ. އެގޮތުން އެކި މީހުންގެ އެހީތެރިކަމާއެކު މާލެއިން ބައްޕައަށް ފަރުވާ ކުރެވޭނެ ވަރަށް ފައިސާ ހޯދިއެވެ. ކެންސަރަށް ފަރުވާ ހޯދުމަށް އާސަންދައިގެ ދަށުން އޭރު އޭޑީކޭއިން ކިމޯ ދެވުން ނަމަވެސް ކޮޓަރި ކުއްޔަށާއި އެހެނިހެން ކަންކަމަށް ބޮޑެތި ހަރަދުތަކެއް ހިނގިއެވެ. މާލޭގައި ބައްޕައަށް ފަރުވާ ދިނުމަށް އާސަންދަ ލިބުން ނަމަވެސް އާސަންދައިން ކަވަރު ނުކުރާ އެތަކެއް ޓެސްޓްތަކެއް ހަދަން ޖެހުނެވެ. އާސަންދައިން ނުގަނެވޭ އެތަކެއް ބޭސްތަކެއް ގަންނަން ޖެހުނެވެ.

ނަމަވެސް ނަސްވާ ސަލާން ޖަހައިގެންނާއި އެކި ގޮތްގޮތުން ހެޔޮއެދޭ ފަރާތްތަކުގެ އެހިތެރިކަމާއެކު މާލެއިން ބައްޕައަށް ފަރުވާ ދެމުން ދަނިކޮށް ދެން އިތުރު ފަރުވާ ދެވޭނީ ރާއްޖެއިން ބޭރުން ކަމަށް އޭޑީކޭއިން ނަސްވާއަށް އެންގިއެވެ.

ނަސްވާ ބުނި ގޮތުގައި ރާއްޖެއިން ބޭރަށް ދިއުމަށް ބޭނުންބާ ފައިސާ ހޯދާނެ ގޮތެއް ނެތިފައި ވަނިކޮށް އެ މަގު ފަހިވީ އޮންލައިން ނޫސް ވަގުތުން ގެނެސްދޭ “ވަގުތު އެހީ” ޕްރޮގްރާމްގެ ދަށުން ނަސްވާގެ ބައްޕަގެ ހާލަތާ ބެހޭ ލިޔުމެއް ވަގުތުގައި ޝާއިރު ކުރުމުންނެވެ. ވަގުތު ނޫހުގައި ޝާއިރުކުރި ރިޕޯޓާ އެކު ނަސްވާއަށް 77،000ރ އެހީތެރިކަމެއް ލިބިގެން ދިޔައެވެ. ހެޔޮއެދޭ ފަރާތްތަކުން ވެދިން މި އެހީތެރިކަންމަށް އެނާ ހިތުގެ ފުން މިނުން ޝުކުރު އަދާ ކުރިއެވެ. އެހީގެ ގޮތުގައި ލިބުނު މި ފައިސާއާއި އާސަންދަގެ ދަށުން ފުރަތަމަ ފަހަރަށް ނަސްވާއަށް ބައްޕަ ރާއްޖެއިން ބޭރަށް ގެންދެވޭ ގޮތްވިއެވެ.

އިންޑިއާގައި ނަސްވާއަށް ފަރުވާދިން ޑޮކްޓަރުން ވަނީ 6 މަސް ވަންދެން ބައްޕައަށް ފަރުވާ ދެވިއްޖެ ނަމަ ބައްޕަގެ ޓިއުމަރު ނެގިދާނެ ކަމުގެ އުފާވެރި ހަބަރު ދީފައެވެ. ނަމަވެސް އެހާ ދުވަހު އިންޑިއާގައި ހުރުމަށް 123،000ރ (8،000 ޑޮލަރު) ބޭނުންވެއެވެ. އެހެން ކަމުން ނަސްވާއަށް ޖެހުނީ އެވަރަށް ފައިސާ ނެތުމުގެ ސަބަބުން ބައްޕަގެ ފަރުވާ ފުރިހަމަ ނުކޮށް އެނބުރި ރާއްޖެ އަންނާށެވެ.

ނަސްވާ ބުނިތޮގުގައި ބައްޕައަށް ބޭނުންވާ ބޭސް އަގުބޮޑުވެފައި އެ ބޭސް އާސަންދައިން ލިބެން ނެތުމުގެ ސަބަބުން ކޮންމެ ހަފުތާއަކު ކަހަލަ ގޮތަކަށް ގަންނަން ޖެހޭ މި ބޭސް ހޯދުމަށް އެތަކެއް ހަރަދުތަކެއް ހިނގައެވެ.  އެ ހަރަދުތައް ނަސްވާ ހަމަ ޖައްސަނީ ނަސްވާގެ އަމިއްލަ ހަރަދުތަކެއް ގުރުބާން ކޮއްގެންނާއި ހެޔޮ އެދޭ ފަރާތްތަކުގެ ދީލަތި އެހީއާ އެކުއެވެ. “އަޅުގަނޑާއި އަޅުގަނޑުގެ ދަރިން ނުކައި ތިބެގެން ވެސް އަޅުގަނޑުގެ ބައްޕައަށް ބޭސް ކުރަން އަޅުގަނޑު ބޭނުން..” ނަސްވާ ބުންޏެވެ. އަގުބޮޑެތި އެތައް ބޭހެއް ބޭނުން ކުރަން ޖެހުމުގެ އިތުރުން ކޮންމެ 5 ދުވަހަކުން ނަސްވާގެ ބައްޕައަށް ލ.ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ހޯދަން ޖެހެއެވެ.

އިންޑިއާއަށް ގޮސް އަތްމަތި މުޅިން ހުސްވެފައި ވަނިކޮށް އޮންލައިން ނޫސް މިހާރުގައި ޝާއިރު ކުރެވުުނު ނަސްވާގެ ރިޕޯޓާއެކު ދިލަތި ފަރާތްތަކެއްގެ އެހީތެރިކަން ނަސްވާއަށް އަނެއްކާވެސް ލިބިގެން ދިޔައެވެ. ނަސްވާ ބުނި ގޮތުގައި ބައްޕަގެ ބޭސްފަރުވާގެ ހަރަދުތައް މިހާރު ބަލަހައްޓަމުން މިދަނީ އެ ފައިސާއިންނެވެ. ނާސްވާ ބުނިގޮތުގައި އޭނާގެ ބައްޕަގެ ހަރަދުތައް އޭނާ ބަލަހައްޓަމުން ދަނީ އޭނާގެ ފިރިމީހާއަށް ވެސް ބައްޕައާމެދު ހިތްބުރަނުވާނެ ގޮތަށެވެ.

ބައްޕަ ގޮވައިގެން އަނެއްކާ ވެސް އިންޑިއާއަށް ދިއުމަށް މަސައްކަތް ކުރަމުންދާ ނަސްވާގެ އުންމީދަކީ މި ދަތުރަކީ ނަސްވާގެ ބައްޕައަށް ޝިފާ ލިބޭނެ ދަތުރެއް ކަމުގައި މާތްﷲ މިންވަރު ކުރެއްވުމެވެ. ނަމަވެސް މި އުންމީދު ފުރިހަމަ ވާން އަންނަނީ އިތުރަށް ފައިސާ އާއި އާސަންދަ ލިބިގެންނެވެ. ނަސްވާ ބުނިތޮތުގައި ނަސްވާގެ ބައްޕައަށް އެހީތެރިކަމުގެ ގޮތުން ކުޑަ މިންވަރެއް ވެސް ދީފީ މީހަކަށް ހެޔޮ ދުޢާ ކޮށް ދިނުުމުގައި އަބަދުވެސް ދެމި ހުންނާނެ ކަމަށާއި މާތްﷲގެ މަގުގައި ހޭދަކުރާ އެއްވެސް އެއްޗަކީ ގެއްލިގެންދާނެ އެއްޗެއް ނޫނެވެ.

ނަސްވާގެ ބައްޕަ އަބްދުލް މަޖީދު މާހިރުގެ ހާލު އިތުރަށް އަންނަނީ ގޯސްވަމުންނެވެ. ވާހަކަ ދެއްކުމަށާއި ނޭވާލުމަށް ވަރަށް ބޮޑަށް އުނދަގޫވެފައިވައިވާ މާހިރު އުނގޫފާރު.ކޮމް އަށް އޭނާގެ ހާލު ހިއްސާކުރެވޭތޯ މަސައްކަތް ކުރިއެވެ. މާހިރުގެ އުންމީދަކީ  އޭނާ އެ ބަލިން ސަލާމަތްވެ އޭނާގެ ލޯބިވާ އާއިލާއާ އެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމެވެ. މާހިރުއަށް ޓަކައި އޭނާގެ ދަރިފުޅު ނަސްވާ ވަމުންދާ ގުރުބާނީ މާހިރު ފާހަގަކުރިއެވެ.

މާހިރުގެ ރަހުމްތެރިންނާއި ޢާއިލާއިން ފާހަގަ ކުރާ ގޮތުގައި މާހިރަކީ އިޖުތިމާޢީ ގޮތުން އޭނާގެ އުފަން ރަށް ކަމުގައިވާ ތ.ތިމަރަފުއްޓަށް ގިނަ ގުނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ފަރާތެކެވެ. އެ ގޮތުން މާހިރު ފާހަގަ ކުރެވިފައި ވަނީ ޖަމާޢަތްތެރިކަމުގެ ދާއިރަން އޭނާއަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފަތިހަަކަސް ދަންވަރަކަސް ފޫހި ކަމެއް ނެތި ޚިދުމަތަށް ހާޒިރުވެ ހުންނަ ފަރާތެއް ކަމުގައެވެ. މާހިރުގެ “މުޅި އުމުރު ހޭދަ ކުރީ އޭނާގެ ދެ އަތުން އެ ރަށުގައި ނިޔާވި ގިނަ މީހުންގެ ސަންދޯއް ވަޅަށް ތިރިކުރުމުގެ މަސައްކަތުގަ. އޭނާ އަކީ ރަށުގެ އެންމެންނާ ގުޅޭ އަގުހުރި ޚިދުމަތްތެރިއެއް. ” މާހިރުގެ އާއިލާގެ މެންބަރަކު އޭނާ ސިފަކުރީ މިފަދައިންނެވެ.

ޖަމާޢަތްތެރި ކަމުގެ މަސައްކަތުގައި އެތަކެއް ބަޔެއްގެ މަރު ލޮލުން ދެކެމުން މުޅި އުމުރު ހޭދަކުރި މާހިރު މިއަދު މަރުގެ ތުންފަތް މަތީގައި ވާ އިރު އޭނާ އަށް ބޭނުން ވަނީ އެންމެހާ ފަރާތްތަކުގެ ދީލަތި އެހީތެރިަކަމެވެ.

އިންޑީއާގެ ޑޮކްޓަރުން ލަފާ ދީފައިވާ ގޮތުގައި މާހިރުގެ ފުރާނަ ސަލާމަތްކުރެވޭނީ ވީއެންމެ އަވަހަކަށް އިންޑިއާއަށް ގޮސް ބައްޕައަށް ފަރުވާ ކުރެވިގެންނެވެ. އެހެން ނަމަވެސް މިކަމަށް އަދި އިތުރަށް ފައިސާ ބޭނުންވެއެވެ. ނަސްވާ އެދެނީ ގިނަ ބަޔަކު އޭނާގެ ބައްޕަގެ ފުރާނަ ސަލާމަތް ކުރުމަށް އެހީގެ އަތެއް ދިއްކޮށްލުމަށެވެ.

މާހިރަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން ފައިސާ ޖަމާކުރާނީ އޭނާގެ ކާފަ ދަރިފުޅު އަލީ ފަރުހާން ގެ އެކައުންޓް ނަންބަރު 7730000133664 އަށެވެ.   އަދި އިތުރު މައުލޫމާތު ހޯދަން ބޭނުން ފަރާތްތަކުން ނަސްވާ އަބްދުލް މަޖީދު (9968215)، މުޙައްމަދު ރަޝީދު (9910819)، އައިމިނަތު ނަހުލާ (7899595) އަށް ގުޅުމަށް އާއިލާއިން އެދެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close