ރިޕޯޓްދިރިއުޅުންސިއްޙަތު

ބޮލުން އިސްތަށި ފޭބުން – ހައްލަކީ ކޮބާ؟

ޝައްކެއްނެތް ގޮތުގައި މިއަދުގެ މުޖުތަމަޢުގައި ޒުވާނުން އެންމެ އިސްކަމެއްދޭ ކަންކަމުގެ ތެރެއިން އެއްކަމަކީ އެބައިމީހުންގެ ހަށިގަނޑުގެ ރީތިކަމެވެ. މިގޮތުން ހަށިގަނޑު ރީތިކޮން ބެހެއްޓުމަށްޓަކައި ތަފާތު ޒަމާނީ ވަސީލަތްތަކުގެ ބޭނުން ކުރުމަކީ ވަރައް އާއްމު ކަމެކެވެ. ހަށިގަނޑު ރީތިކޮން ބެހެއްޓުމަށްޓަކައި އެއްމެ އިސްކަމެއްދޭ އެއްކަމަކީ ބޮލުގެ އިސްތަށިގަޑު ރީތިކޮން ބެހެއްޓުމެވެ. އިސްތަށިގަނޑު ރީތިކޮން ބެހެއްޓުމަޢްޓަކައި ބިއުޓީ ސެލޫންތައް ފަދަ ތަންތަނަށް ދިއުމާއި ބާޒާރަށް ނުކުންނަ އިސްތަށިގަނޑުގައި އުނގުޅާ ތަފާތު ކޯސްމެޓިކްސް އާއި ޖެލް ފަދަ ތަކެތި ބޭނުން ކުރުމަކީ އަދުގެ ޒުވާނުންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމާވެސް ގުޅިފައިވާ ކަންކަކަމެވެ. ނަމަވެސް ޒުވާނުންގެ ތެރެއިން 60 އިންސައްތަ މީހުންނަށް ވަނީ ބޮލުގެ އިސްތަށިގަނޑުގެ ތަފާތު މައްސަލަތަކާއި ކުރިމަތިލާން ޖެހިފައެވެ. މިގޮތުން ދިމާވާ އެއްމެ ބޮޑު އަދި މިހާތަނަށް އެދެވޭ އެއްވެސް ހައްލެއް ލިބިފައި ނުވާ އެއް މައްސަލައަކީ ބޮލުގެ އިސްތަށިގަނޑު ހުއްޓުމެއްނެތި ފައިބާގެން ދިޔުމެވެ.

ބޮލުގެ އިސްތަށިގަނޑު ފައިބާގެން ދިޔުމަކީ އެކި މީހުންގެ އާއްމު ދިރިއުޅުމަށާއި އަދި ބައެއް ހާލަތްތަކުގައި ޒަވާޖީ ހަޔާތައްވެސް އޭގެ އަސަރު ކުރުވާކަމަކަށް ވުމާއެކު މިކަމުން ސަލާމަތް ވުމަށްޓަކައި އެތަކެއް ހޭދަ ތަކެއް ކުރަން ޖެހިފައިވާ ކަމެކެވެ. ނަމަވެސް އިންތަށިގަނޑަށް މިދިމާވާ އަސްލު މައްސަލަ ވަނީ ގިނަމީހުންނަށް ނޭންގި އެވެ. ނުވަތަ ބަޔެއް ވިޔަފާރި ކުންފުނިތަކުގެ ފައިދާއަށްޓަކައި މިކަން ވަރަށް ބޮޑަށް އޮޅުވާލާފައި ވާ ކަމަށްވެސް ބެލެވިދާނެވެ. ސަބަބަކީ ކޮންމެ އަހަރަކު ބޮލުގެ އިސްތަށި ފޭބުމުން ސަލާމަތްވާނެ ކަމަށް ވެވޭ އެތަކެއް ވަައުދަކާއެކު އެތަކެއް ހާސް އުފެއްދުންތަކެއް ބާޒާރަށް ނުކުމެވެ. އަދި މިއިން ކޮންމެ އުފެއްދުމެއް އެތަކެއް މިލިޔަން ބަޔަކު ގަނެއެވެ. އެމެރިކާގައި އެކަނިވެސް ބޮލުގެ އިސްތަށިގަނޑު ފޭބުމަށް ފަރުވާއެއް ހޯދުމަށް ކޮންމެ އަހަރަކު އެތަކެއް ބިލިއަން ޑޮލަރެއްެ އިންވެސްޓް ކުރެއެވެ. ބޮލުން އިސްތަށި ފައިބަނީ ކީއްވެ ހެއްޔެވެ. އާއްމު ގޮތެއްގައި ބޮލުން އިސްތަށި ފައިބާ މީހުންގެ އިސްތަށި ގަނޑު ފުރަތަމަ ފައިބަން ފަށަނީ ނިތްކުރިއާ ދިމާ ދެކަނުންނެވެ. އަދި އެޔައްފަހު ބޮލުގެ މެދުންނެވެ. މި އެއްގޮތް ޑިޒައިންގެ ފަހަތުގައި ފޮރިވާވަނީ ކޮން ސިއްރެއް ހެއްޔެވެ. މިކަން މެދުވެރި މިވަނީ ކީއްވެ ހެއްޔެވެ. މި ލިޔުމުގަ މިކަމާމެދު ކުރެވިފާވާ ދިރާސަތަކުގެ އަލީގައި މި ސުވާލުތަކުގެ ޖަވާބު ލިބޭތޯ ބަލައިލާނަމެވެ.
މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން އިނގޭގޮތުގައި ބޮލުން އިސްތަށި ފޭބުމަކީ މަންމަ ނުވަތަ ބައްޕަ ފަރާތުގެ އާއިލާއިން ވާރުތަވާ ކަމެކެވެ. ސިއްޙީ ޢިލްމު ވެރިން މިގޮތަށް ބޮލުން އިސްތަށި ފޭބުމަށް ކިޔާ އުޅެނީ “އެނޑްރޯ ޖެނެޓިކް އެލިޕޭސިޔާ” ނުވަތަ “މޭލް ޕެޓާން ބޯލްޑްނެސް” އެވެ. މި ނަމުގައި ހިމޭނޭ “އެންޑްރޯ” ނުވަތަ “އެންޑްރޯޖެން” އަކީ ހަށިގަނޑުގައި ހިމެނޭ ޖިންސް ވަކި ކޮއްދޭ ކެމިކަލް ހޯމޯން އަށް ކިޔާ ނަމެކެވެ. އަދި “ޖެނެޓިކް” މިނަމުގެ މާނައަކީ މައިން ބަފައިން ކިބައިން ވާރުތަވާ ކަމަކަށް މިކަން ވުމެވެ. ބޮލުން އިސްތަށި ފޭބުމުގައި ޖިންސް ވަކިކޮއްދޭ ހޯމޯން ކުޅޭ ރޯލް ވަރައް ބޯޑެވެ. ފިރިހެނުންގެ ޖިންސު ވަކިކޮއްދޭ ހޯމޯން އަށް ކިޔަނީ “ޓެސްޓިސްޓޮރޯން” އެވެ. ފިރިހެނުންގެ ހިމެނޭ އަންހެނުންނާއި ތަފާތުކޮށްދޭ ހުރިހާ ސިފަތަކެއް ހަށިގަނޑުގައި ލެހެއްޓުމައްޓަކައި ޓެސްޓިސްޓުރޯން މުހިއްމު ރޯލް އެއް އަދާކުރެވެ. މިގޮތުން ތުނބުޅި މަތިމަހާއި ހަށިގަނޑުގެ އެހެނިހެން ހިސާބުތަކުގައި ފަޅާ އިސްތަށިތައް ފެޅުވުން ހިމެނެވެ. ނަމަވެސް ޓެސްޓިސްޓުރޯން ބަޔެއްފަހަރަށް އިންސާނާގެ ބޮލުގެ އިސްތަށިތަކުގެ ހަތުރަކަށް ވެދެއެވެ. މިއީ އިސްތަށި ފޭބުމަށް މެދުވެރިވާ މައިގަނޑު ސަބަބެވެ. މިހެން ދިމާވަނީ ކިހިނެއް ކޮންގޮތަކުންތޯ ބަލައިލަމާ ހިނގާށެވެ.

އިންސާނާގެ ހަށިގަނޑުގައި “އަލްފާ ރިޑަކްޓޯސް” ކިޔާ ކެމިކަލް އެންޒައިމް އެއް ހަރަކާތްތެރިވެ އެވެ. މި އެންޒައިމްގެ މަސައްކަތް ތަކުގެ ތެރޭގައި ޖިންސު ވަކިކޮއްދޭ ހޯމޯން “ޓެސްޓިސްޓުރޯން” އެހެން ކެމިކަލް އަކަށް ބަދަލް ކޮއްލުމަށްޓަކައި ހިނގާ ކެމިކަލް ރިއެކްސަން އަކަށް އެހީތެރިވެދުން ހިމެނެވެ. މި ކެމިކަލް ރިއެކްސަންގައި “ޓެސްޓިސްޓުރޯން” ބަދަލު ކޮއްލަނީ “ޑިހައިޑުރޯ ޓެސްޓިސްޓުރޯން” ނުވަތަ ޑީއެޗްޓީ ކިޔާ މާއްދާއަކަށެވެ. ޑީއެޗްޓީ ވެގެންދަނީ އިސްތަށިގަނޑުގެ ބުޑުގައި އަޅާ ކަތުރުފަންޏެއް ފަދަ އެއްޗަކަށެވެ. ޑީ އެޗްޓީ އިސްތަށިގަނޑުގެ ބުޑުގައިވާ ސެލްތަކަށް ހަމާލާދީ އިސްތަށީގެ ބުޑަށް ކާނާއާއި ލޭ ފޮނުވާދޭ ނާރުތައް ބަންދު ކޮއްލައެވެ. އަދި އިސްތަށިގަނޑުގެ ބުޑުގައިވާ ސެލްތައް ހާލުގައި ޖައްސައެވެ. ނަތީޖާއަކަށް ވަނީ އިސްތަށިގަނޑުގެ ބުޑު ދާއީމީގޮތެއްގައި މަރުވެގެން ދިޔުމެވެ. ދެން އުފެދޭ ސުވާލަކީ މިގޮތަން އިސްތަށިގަނޑަށް އެންމެންނަށް މިމައްސަލަ ދިމާ ނުވަނީ ކީއްވެގެންތޯ ކުރެވޭ ސުވާލެވެ.
މީއީ ކުރިން ބަޔާންކުރެވިދިޔަ ފަދައިން ޖެނެޓިކް ކަމަކަށް ނުވަތަ މައިންބަފައިން ކިބައިން ވާރުތަވާ ކަމަކަަށް މިކަން ވެގެންދާ ގޮތެވެ. އިސްތަށިގަނޑުގެ ބުޑުގައި ހިމެނޭ ސެލް ތަކުގައި ހިމެނޭ ސިފަތަކަކީ ހަށިގަނޑުގެ އެހެން ގުނަވަންތަކެކޭ އެއްފަދައިން އެގޭ ސިފަތައް މައިންބަފައިންގެ ކިބައިން ދަރިންނަށް ވާރުތަވާ ސިފަތަކެކެވެ. މިގޮތުން ބައެއް މީހުންގެ އިސްތަށިގަނޑުގެ ބުޑުގައިވާ ސެލްތައް އުފެދިފައިވަނީ ޑީއެޗްޓީ އަށް ހަމަލާ ދެވޭނެ ފަދަ ގޮތަކަށެވެ. އަނެއްބައި މީހުންގެ ސެލްތަކަކަށް ޑީއެޗްޓީ އަށް ހަމަލާއެއް ނުދެވެއެވެ. އިސްތަށިގަނޑުގެ ބުޑުތަކުގެ ހަލާކު ގުޅިފައިވަނީ މި ކެމިކަލް މާއްދާތަކަށް ކަމުގައި ވުމުން އިސްތަށި ފޭބުން ހުއްޓުވޭނެ އޮތީ އެއްމެ ގޮތެކެވެ. އެއީ ޓެސްޓިސްޓުރޯން ޑީއެޗްޓީ އަށް ބަދަލުވާ ކެމިކަލް ރިއެކްސަން ހުއްޓުވުން ނުވަތަ ހަށިގަނޑުން ޑީއެޗްޓީ މަދުކުރުމެވެ. ނުވަތަ މި ކެމިކަލް ރިއެކްސަން އަށް އެހީތެރިވާ “އަލްފާ ރިޑަކްޓޯސް” އެންޒައިމް ހުއްޓުވުމެވެ. މިކަންތައް ތަކަށް ބަލައިގެން އިސްތަށިފޭބުން ކޮންމެސް ވަަރަކަށް ހުއްޓުވުމަކަށް ގެނެއުމަށް ޑަބްލިޔު އެޗް އޯގެ ފުޑް އެންޑް ޑުރަގް އޮތޯރިޓީއިން ބަޔެއް ބޭސް ބޭނުން ކުރުމުގެ ހުއްދަ ދީފައި ވީނަމަވެސް މި ބޭސް ތަކަކީ ޖިންސް ވަކިކޮއްދޭ ހޯމޯން އާއި އެޔާ ގުޅޭ ކެމިކަލް ރިއެކްސަން ތަކާ ކުޅެލާ ބޭސްތަކެއް ކަމުން ތަފާތު ގިނަ ގުނަ ގެއްލުންތަކެއް ހަށިގަނޑަށް ކުރިމަތި ކުރުވާ ބޭސްތަކެކެވެ. އޭގެ ތެރޭގައި ދަރި އުފައްދާ ފަނި ހަށިގަނޑުގައި އުފެދުން މަދުވެ ދަރިން ނުލިބޭ ގޮތް ފަދަ ގޮތްތައް މެދުވެރިވުން ހިމެނެވެ.

އެހެންކަމުން ހައްލަކީ ކޮބައިތޯއެވެ. ބޮލުން އިސްތަށިފޭބުމުގެ އެދެވޭ ހައްލެއް މިހާތަނަށް ހޯދިފައި ނުވާވާއިރު ބޮލުން އިސްތަށި ފޭބުން މަދު ކުރުމަށްޓަކައި ބޭނުން ކުރެވޭނެ އެހެން ބައެއް ޤުދުރަތީ ވަޞީލަތްތައް މިހާރު ވަނީ ހޯދިފައެވެ. މިތަކެއްޗަކީ މުޅިން ބޮލުން އިސްތަށިފޭބުން ހުއްޓުވާ ތަކެއްޗައް ނުވި ނަމަވެސް ކޮންމެސް ވަރެއްގެ ހައްލެއް މިކަމަށް އަންނަ ކަމަށް އެތަކެތި ބޭނުން ކުރާ ފާރާތް ތަކުން ބުނެއެވެ. ސަބަބަކީ މި ތަކެއްޗަކީ ޤުދުރަތީ ގޮތުން ޑީއެޗްޓީ، އަލްފާ ރިޑަކްޓޯސް ފަދަ މާއްދާތައް ހުއްޓުވޭނެ ފަދަ ގުދުރަތީ މާއްދާ ތަކެއް އޭގައި އެކުލެވޭ އެއްޗެއްސަށް ވާތީއެެެވެ. އޭގެ ތެރެއިން ބަޔެއް ތަކެއްޗަށް މި ލިޔުމުގައި އަލިއަޅުވާލާނަމެވެ.

ސޯވް ޕަލްމިޓޯ
ސޯވް ޕަލްމެޓޯ އަކީ އިހުގެ މާޔަނުންގެ ޒަމާނުއްސުރެ އެކި ބޭސް ފަރުވާއަށް ބޭނުން ކުރަމުން އަންނަ ގަހެކެވެ. ގުދުރަތީ ވަޞީލަތްތަކުގެ ތެރެއިން އިސްތަށި ފޭބުން ހުއްޓުވުމަށް އެންމެ ރަނގަޅު އެއްޗެއް ކަމަށް ސާބިތުވެފައިވާ އެއްޗަކީ ސޯ ޕަލްމިޓޯއެވެ. ސޯ ޕަލްމިޓޯއިން އެންޒައިމް އަލްފާ ރިޑަކްޓޯސްގެ ހަރަކާތްތައް ހުއްޓުވައެވެ. އަދި ޑީ އެޗްޓީ އިސްތަށިގަނޑުގެ ބުޑަށް ހަމަލާ ދިނުމުންވެސް ހުއްޓުވައެވެ. ނަތީޖާއެއްގެ ގޮތުން އިސްތަށި ފޭބުން މަދުކޮށްދެއެވެ. މިހާރު ބާޒާރުގައި ތަފާތު ނަންނަމުގައި ސޯވް ޕަލްމިޓޯ ހިމެނައިގެން އުފައްދާފައިވާ ތަފާތު ޕުރޮޑަކްޓް ތައް ލިބެން އެބަހުއްޓެވެ.

saw palmeto

ބަރަބޮލު އޮށުގެ ތެޔޮ
ބަރަބޮލަކީ ދިވެހިންގެ ކެއުމަށް އާއްމުކޮން ބޭނުން ކުރާ އެކައްޗެވެ. ދިރާސާ ތަކުން ދައްކާ ގޮތުން ބަރަބޮލުގެ ތެލުން ޑީއެޗްޓީ ހަށިގަނޑުގައި މަދުކޮއްދެއެވެ. އަދި އެންޒައިމް އަލްފާ ރިޑަކްޓޯސްގެ ހަރަކާތްތައް ހުއްޓުވުމަށްވެސް އެހީތެރިވެދެއެެވެ. މިހެން ކަމަށް ވުމުން ބަރާބޯ އޮށުގެ ތެލަކީ ވެސް އިސްތަށި ފޭބުން މަދުކޮއްދިނުމަށް ރަނގަޅު ފަރުވާ އެެކެވެ.

މަތީގައި ބަޔާންކުރެވި ދިޔަ ތަކެތިން އިސްތަށި ފޭބުން ހުއްޓުމަކަށް ނުގެނައި ނަމަވެސް އިސްތަށި ފޭބުން ވަރަށް ބޮޑުތަން މަދު ކޮއްދެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
0 Comment authors
badhavi Recent comment authors
badhavi
Guest
badhavi

Haadha dhinee. Foohi vehjje kiyan

Close