ޙަބަރު

އުނގޫފާރުގައި ޤާއިމުރަމުންދާ ފެނުގެ ނިޒާމާއިބެހޭ މައުލޫމާތު ރައްޔިތުންނަށްދީފި

އެންވަޔަރު މިނިސްޓްރީން އުނގޫފާރުގައި ޤާއިމުރަމުންދާ ފެނުގެ ނިޒާމާއިބެހޭ މައުލޫމާތު ރައްޔިތުންނަށްދީފިއެވެ. މިމައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުންއޮތީ ރޭ 20:30 ގައި އުނގޫފާރު ސްކޫލުގެ ރިހި މާލަމްގައެވެ.

ރޭގެ ބައްދަލުވުމުގައި ދީފައިވާމައުލޫމާތަށް ބަލާއިރު މިޕްރޮޖެކްޓްގެ ދަށުން އުނގޫފާރުގައި ޤާއިމުކުރެވެމުންދާ ފެނުގެ ނިޒާމުން ގަޑިއަކު 8 ޓަނުގެ ފެން އުފަށްދާނެއެވެ. ބޯހޯލް ތޮރުފައިގެން ބިމުގެ 30 މީޓަރު އަޑިންނަގައިގެން އުފައްދާ މިފެން ރައްކާކުރުމަށް 97 ޓަނުގެ  ދެ ތާންގީ ބަހައްޓާނެއެވެ.

ރޭ ބޭއްވި ބައްދަލުވުން ނިންމާލުމުގެ ކުރިންވަނީ ރައްޔިތުންނަށް މިނިޒާމުގެ ކަންކަން ކުރިއަށްދާގޮތާއި އަދި އިތުރަށްސާފުކުރަން ބޭނުންވާ ކަމެއްނުވަތަ ކަންބޮޑުވާ ކަމެއްއޮތްނަމަ އެކަމެއް އޮޅުންފިލުވުމުގެ ގޮތުން ސުވާލުކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ސުވާލުކުރުމުގެ ފުރުސަތުގައި ގިނަބަޔަކު ސުވާލުކޮށް އޮޅުންފިލުވާފައިވަނީ މިހާރު ކުރިއަށްދާ ޕްރޮޖެކްޓްގެ ތެރެއިން ގޭގެއަށް ކަނެކްޝަން ގުޅައިދިނުމަށް ގެންގުޅޭ އުސޫލާއި ބެހޭގޮތުންނެވެ.

ބައިވެރިންގެ މިސުވާލުތަކަށް މިނިސްޓްރީން ވަޑައިގެންނެވި ބޭފުޅުންނާއި މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޑަބްލިޔުއެސްސީން އަދި އުނގޫފާރު ކައުންސިލުން ވަނީ ވަރަށް ތަފްސީލުކޮށް ޖަވާބުދެއްވާފައެވެ.

ސަރުކާރުން 41 މިލިޔަން ރުފިޔާ ހަރަދުކޮށް އުނގޫފާރުގައި ގާއިމުކުރާ ފެނުގެ ނިޒާމުގެ މެއިން ކޮންޓްރެކްޓަރ އަކީ އެމްޑަބްލިޔުއެސްސީއެވެ. މިޕްރޮޖެކްޓްނިމި އަންނަ ޖެނުއަރީ މަހު އުނގޫފާރަށް ފެނުގެ ހިދުމަތް ދެވޭނެ ކަމަށް ރޭގެ ބައްދަލުވުމުގައި މިނިސްޓްރީގެ ފަރާތުން ހާމަކޮށްފައިވެއެވެ.

އުނގޫފާރު ރައްޔިތުންނާއި ކައުންސިލުން މިމަސައްކަތަށް ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް މިނިސްޓްރީންނާއި އެމްޑަބްލިޔުއެސްސީން ވަނީ ރައްޔިތުންނަށާއި ކައުންސިލަށް މިބައްދަލުވުމުގައި ވަރަށްބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close