ޙަބަރު

ބެސްޓް ފެމިލީ ދީނީ ސުވާލު މުބާރާތް މިފަހަރުވެސް ވަރަށް ތަފާތު!

ޢާއިލީ ގުޅުމުގެ ރީތި މިސާލެއް ދައްކަމުން އަންނަަ އުނގޫފާރު ދިލްބަހާރުގޭ ޢާއިލާގެ ފަރާތުން ކޮންމެ ރަމަޟާން މަހެއްގައި ސިލްސިލާކޮށް ބާއްވަމުން އަންނަ ދިނީ ސުވާލު މުބާރާތުގެ 3 ވަނަ މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމް ދިނުމުގެ ރަސްމިއްޔާތު މި ދިޔަ ހޮނިހިރު ދުވަހުގެ ރޭ ބާއްވައިފިއެވެ. ހުސްވި ރަމަޟާން މަހު ބޭއްވި މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮތީ ކުލަގަދަ ހަފުލާއަކާއެކު އުނގޫފާރު  ރޭޝަމް ގޭގައެވެ.

ބެސްޓް ފެމިލީގެ ނަމުގައި އުނގޫފާރު ދިލްބަހާރުގެ ޢާއިލާގެ ފަރާތުން ހިންގާ ވައިބާ ގްރޫޕެއް ތެރޭގައި ކުރިއަށް ދިޔަ މި މުބާރާތް ކުރިއަށް ދިޔައީ ރަމަޟާން މަހާއި 6 ރޯދާއިގެ ދުވަސްތަކުގައި ކޮންމެ 2 ދުވަހުން އެއް ދުވަހު ސުވާލެއް ކުރާ ގޮތަށެެވެ.

ބެސްޓް ފެމިލީގެ ފަރާތުން މި ސުވާލު މުބާރާތް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެއް ކަމުގައިވާ އަޙުމަދު ޝާކިރު އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެއްވި ގޮތުގައި މި ސުވާލު މުބާރާތުގައި ޢާއިލާގެ 10 މެންބަރަކު ބައިވެރިވި އިރު ހުރިހާ ސުވާލެއްގެ ޖަވާބު ދިމާކޮށްގެން 1 ވަނައަށް 5 ފަރާތެއް ގޮސްފައިވެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ހަފުލާގައި މުބާރާތުގެ 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާފައި ވަނީ އެންމެ ގިނަ ސުވާލުގެ ޖަވާބު ދިމާކުރި ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެންނެވެ. މުބާރާތުގެ 1 ވަނަ ހޯދާފައި ވަނީ މުބާރާތުގައި މި އަހަރު އަލަށް ވާދަކުރި ފަރާތެއް ކަމުގައިވާ މުނާޒު މުޙައްމަދު، ވިނަރެސް، ރ.އުނގޫފާރެެވެ. މުބާރާތުގެ 2 ވަނަ ހޯދަފައި ވަނީ ވޭތުވެ ދިޔަ 2 މުބާރާތުގެ ވެސް 2 ވަނަ ހޯދާފައިވާ ޝަޒިއްޔާ ސައީދު، އަމަން، ރ.އުނގޫފާރެވެ. އަދި 3 ވަނައަށް ހޮވިފައި ވަނީ މިދިޔަ ފަހަރުގެ މުބާރާތުގެ ވެސް 3 ވަނައަށް ގޮސްފައިވާ އިނާޔާ ސަޢީދު، އަމަން، ރ.އުނގޫފާރެވެ.

މުބާރާތުގެ 1 ވަނައަށް 1400ރ ގެ ފައިސާގެ އިނާމަކާއި، 2 ވަނައަށް 800ރ އަދި 3 ވަނައަށް 500ރ ގެ ފައިސާގެ އިނާމެއް ހުށައަޅާފައިވެއެވެ. ފައިސާގެ އިނާމުގެ އިތުރުން ވަނަ ތަކަށް ދިޔަ ފަރާތްތަކަށް ވަނީ ޙައްސަ ހަނދާނީ ފިލައެއްވެސް ހަވާލުކޮށްފައެވެ. މީގެ އިތުރުން މުބާރާތުގެ ހުރިހާ ސުވާލެއްގެ ޖަވާބު ރަނގަޅު ކުރި 5 ބައިވެރިންނާއި، ވަނަތަކަށް ހޮވުން ބައިވެރިންނަނަށް އާއިލާގެ ފަރާތުން ހުށައަޅާފައިޗާ ތަފާތު އެތައް އިނާމުތަކެއް ހަވާލުކުރުން ވެސް ކުރިއަށް ދިޔައެވެ. މި ހަފުލާގެ ޝާރަފުވެރި މެހެމާނަކީ ޢާއިލާގެ މެންބަރެއް ކަމުގައިވާ މުޙައްމަދު އާރިފްއެވެ.

މި ހަފުލާގައި މުބާރާތް އިންތިޒާމުކޮށް މުބާރާތުގެ ކަންކަން ވަރަށް ފުރިހަމައަށް ގެންގޮސްފައިވާތީ މުބާރާތް ކުރިއަށް ގެންދިއުމުގައި އިސްކޮށް ހަރަކާތްތެރިވި އަޙްމަދު ޝާކިރު އަދި ފާތުމަތު ރިޒާ އަށް ބައިވެރިންގެ ފަރާތުން ވަނީ ޙާއްސަ ހަނދާނީ ފިލައެއް ވެސް ހަވާލުކޮށްފައެވެ. މީގެ އިތުރުން މި ހަފުލާގައި ވަނީ އިޖުތިމާޢީ ކަންކަމުގައި ޙާއްސަކޮށް ރަށުތެރެ ސާފުކޮށް ބެލެހެއްޓުމުގައި ހަރަކާތްތެރިވާ އިސް ފަރާތެއް ކަމުގައިވާ އަލްފާޟިން މުޙައްމަދު ނިޒާރު ޢަލީ، ނިއުފޭސް، ރ.އުނގޫފާރު ކުރައްވާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް ޙާއްސަ ހަނދާނީ ފިލައެއް ވެސް ހަވާލުކޮށްފައެވެ.

ޢާއިލާއެއް އެކުއެކީގައި އުފާވެރި ވަގުތުތަކެއް ހޭދަކުރާ ހިތްގައިމު މަންޒަރު ފެނިގެން ދިޔަ މި ހަފުލާ ނިމިގެން ދިޔައީ ޙާއްސަ ސައިފޮދަކުންނެވެ. ޙަފުލާއަށް ފަހު އުނގޫފާރު.ކޮމް އަށް ދެއްވި ޙާއްސަ އިންޓަވިއުއެއްގައި ބެސްޓްފެމިލީގެ ފަރާތުން އަޙުމަދު ޝާކިރު ވިދާޅުވި ގޮތުގައި މިފަދަ ދީނީ ސުވާލު މުބާރާތެއް ޢާއިލާ ތެރޭގައި ކުރިއަށް ގެންދިއުމުގެ މަގުސަދަކީ ރަމަޟާން މަސް ފަދަ މާތް މައްސަރެއްގައި ޢާއިލާގެ މެދުގައި ދީނީ މަޢުލޫމާތު މުއްސަނދިކޮށް ދީނީ ކަންތައްތަކަށް އަހަމިއްޔަތުކަންދޭ ޢާއިލާއެއް ބިނާ ކުރުމާއި ޢާއިލީ ގުޅުން ވަރުގަދަކޮށް އެންމެން އެކަތި ގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމެވެ.

ޝާކިރު ފާހަގަ ކުރެއްވި ގޮތުގައި މިފަދަ ކަމަކުން ޢާއިލާގެ މެންބަރުންގެ މެދުގައި ގުޅުން ބަދަހިވެ އެންމެން އެކީގައި އުފާވެރި ވަގުތުތަކެއް ހޭދަކޮށްލުމަށް ފުރުސަތު ފަހިވެގެންދެއެވެ. އަދި ރާއްޖޭގެ އެހެނިހެން ޢާއިލާތަކުން ވެސް މިފަދަ ކަންކަމަށް އިސްނަގައި ޢާއިލާ ތަކުގެ މެދުގައި އެއްބައިވަންތަކަން އާލާކުރާ މަންޒަރު ވަރަށް ދެކެން ބޭނުންވާ ކަމަށް ޝާކިރު ވިދާޅުވިއެވެ. އަދި މިފަދަ ދީނީ ކަންކަމަށާއި ޢާއިލާތަކުން އިސްނަގައިގެން ކުރާ މިފަދަ ރަނގަޅު ކަންކަމަށް ވިޔަފާރިތަކާއި ޖަމިއްޔާތަކުން ވެސް އެއްބާރުލުންދީ އެހީތެރިވުމަށް ޝާކިރު އެދިވަޑައިގަތެވެ.

This slideshow requires JavaScript.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close