ޙަބަރު

އުނގޫފާރުގެ އީދު ކުޅިވަރުތައް މިރޭ ފެށޭނެ

1439 ވަނަ އަހަރުގެ އަޟްހާއީދުގެ ކުޅިވަރުތައް މިރޭ އުނގޫފާރުގައި ރަސްމީކޮށް ފެށޭނެއެވެ.

އާދަކާދައިގެ މަތިން މިފަހަރުވެސް އީދުގެ ކުޅިވަރުތައް ފެށިގެން ދާނީ ޢީދުވެދުމާއި ދިއުމުންނެވެ. މި ހަރަކާތަކީ ޢިދު ކުޅިވަރުތައް ކުޅުމުގެ ހުއްދަ އުނގޫފާރު ކައުންސިލުން އީދު ކޮމެޓީއާ ހަވާލު ކުރުމަށް ބާއްވާ ހަރަކާތެކެވެ. މި ހަރަކާތް ފެށޭނީ މިރޭ 20:30 ގައި އުނގޫފާރު ޒުވާނުންގެ މަރުކަޒުންނެވެ. އަދި ނިންމާނީ ސްޓޭޖް ސަރަހައްދަށެވެ.

އެއަށްފަހު މިރޭގެ 22:00 ގައި އޮންނާނީ އީދު ހުޅުޖެހުމެވެ. އުނގޫފާރު ކުދި ބޮޑު އެންމެންގެ މެދުގައި މަޤުބޫލު މި ހަރަކާތް އޮންނާނީ އުނގޫފާރު އިރުމަތީ މަގު ކޮޅު އަތިރިމަތީގައެވެ.

އުނގޫފާރުގައި އީދު ފާހަގަ ކުރުމަށް މާދަމާއިން ފެށިގެން އޮގަސްޓް 24 ގެ ނިޔަލަށް ވަނީ ގިނަ ކުޅިވަރުތަކެއް ރޭވިފައެވެ. އީދު ދުވަސް ފެށިގެން ދާނީ އީދު ނަމާދުންނެވެ. އީދު ނަމާދު މިފަހަރު ވެސް ކުރަން ހަމަޖެހިފައި ވަނީ ކުރީފަހަރެކޭ އެއްފަދައިން ބޮޑު ޖަމާޢަތުގައި އުނގޫފާރު ފުޓްސަލް ދަނޑުގައެވެ.

އީދު ނަމާދަށް ފަހު ރަށުގެ ރައްޔިތުންނަށް ދެވޭ އީދު ސައިފޮދު އޮންނާނެއެވެ. އީދު ސައިފޮދު އިންތިޒާމް ކުރެވިފައި ވަނީ ޒުވާނުންގެ މަރުކަޒުގައެވެ. އެއަށް ފަހު ކުރިއަށް ދާނީ އުޟްހިޔާ ކަތިލުމެވެ.

އީދު ދުވަހު 10:00 ގައި ކުރިއަށް ދާނީ ފިރިހެނުންގެ ބިލެއް އެޅުމެވެ. ޒުވާނުންގެ މަރުކަޒުން ފެށޭ މި ހަރަކާތް އުނގޫފާރުގެ އެކި އެކި މަގުތަކުގައި ކުރިއަށް ދާނެއެވެ. އީދު ދުވަހު ހަވީރު ވާދެމުމުގެ މުބާރާތެއް ކުރިއަށް ދާއިރު ރޭގަނޑު އޮންނަނީ މާލި ޕެރޭޑެވެ.

ބުދަ ދުވަހު ހެނދުނު އޮންނާނީ އަންހެންވެރިންގެ ބިލެއް އެޅުމެވެ. އެއަށް ފަހު އެދުވަހު ހަވީރު ސްޓޭޖް ސަރަހައްދުގައި ރިލޭ ރޭސް އޮންނާނެއެވެ. މީގެ އިތުރުން އެދުވަހުގެ ރޭ ކުރިއަށްދާނީ ވަރަށް ތަފާތު އަދި މަޖާ ހަރަކާތެއް ގޮތުގައި ފާހަގަކޮށްލެވޭ “އުނގޫފާރު އޮޑިޝަން” އެވެ.

ބުރާސްފަތި ދުވަހަކީ އީދުގެ އެންމެ ފޯރިގަދަ އެއްދުވަސް ކަމުގައިވާ ކޯޑި ނެރޭ ދުވަހެވެ. މިފަހަރު ކޯޑި ހަދަން ބޭނުންވާ ސާމާނު ބަލާ ދިއުން އޮތީ ރ.މާކުރަތަށެވެ. ކޯޑި ހަދާ ސާމާނު ގެނައުމަށް ފަހު ކޯޑި ހެދުން ކުރިއަށް ދާނީ އުނގޫފާރު އިތުމަތީ ފަރާތު އަތިރިމަތީގައެވެ. އެއަށް ފަހު ހަވީރު ކޯޑި ނެރުމުގެ ހަރަކާތް އުނގޫފާރު ބޮޑެތި މަގުތަކުގައި ކުރިއަށް ދާނެއެވެ. މި ފޯރިގަދަ ހަރަކާތަށް ފަހު ބުރާސްފަތި ދުވަހުގެ ރޭ ސްޓޭޖު ޝޯއެއް ވެސް އޮންނާނެއެވެ.

އީދު ކުޅިވަރުތަކުގެ އެންމެ ފަހު ހަރަކާތްތައް ހުކުރު ދުވަހު ކުރިއަށް ދާއިރު ހުކުރު ދުވަހު އޮންނާނީ ކޯޑި ކަނޑާލި މީހާ “ބޭ ބަނުމަށް ފަހު” މޫދަށް ލުމެވެ. ހުކުރު ދުވަހުގެ ހަވީރު ހާއްސަ ކުޑަ ކުދިންގެ ހަވީރެއް އޮންނާނެއެވެ. އީދު ކުޅިވަރުގެ އެންމެ ފަހު ހަރަކާތެއްގެ ގޮތުން އޮންނާނީ ހުކުރު ދުވަހުގެ ރޭ އޮންނަ ވާދެމުމުގެ މުބާރާތެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރއވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close