ރިޕޯޓްކުޑަކުދިން

ހަޔަރ ސެކެންޑްރީން އެންމެ މޮޅު ދަރިވަރަކަށް ނާލިރާ ޔައުޤޫބް

އުނގޫފާރު ސްކޫލް

މިއީ 2017 ވަނަ އަހަރު އުނގޫފާރު ސްކޫލްގެ ހަޔަރ ސެކެންޑްރީން އެންމެ މޮޅު ދަރިވަރެއްގެ މަޤާމު ހޯދި ނަލިރާ ޔައުޤޫބްގެ ތައުލީމީ ހަޔާތުގެމައްޗަށް ބަލާލާއި އުނގޫފާރު ސްކޫލުން ތައްޔާރު ކޮށްފައިވާ ރިޕޯޓެކެވެ.

ރ. އުނގޫފާރު ފަންގި، ނާލިރާ ޔައުޤޫބަކީ 3 ކުދިންގެ އާއިލާއަކަށް އުފަން އާއިލާގެ އެންމެ ދޮށީކުއްޖާއެވެ. ނާލިރާ އަކީ އެންމެ ކުޑައިރުން ފެށިގެންވެސް މައިންބަފައިންގެ ބަސްއަހާ ކުއްޖެކެވެ. ކިޔެވުމަށް ޝައުޤުވެރިކަން ބަހައްޓާ ކުއްޖެއް އަދި އެންމެ ކުޑައިރުން ފެށިގެންވެސް މަންމައާއި ބައްޕަގެ ފުރިހަމަ ރިވެތި ތަރުބިއްޔަތުން ޒީނަތްތެރިވުމުގެ ނަތީޖާ އަކީ އެހެން ކުދިންނަށް ލާމަސީލު ދަރިވަރެއްގެ ގޮތުގައި ތަޢުލީމީ ޙަޔާތުގެ ދަތުރުގައި ނަން ފަވާލެވުނު ދަރިވަރެކެވެ. ސްކޫލް މަރުޙަލާގެ ހަރުފަތަކަށްފަހު ހަރުފަތެއް ކަޑައްތުކުރަމުން ދިޔައިރު، ނާލިރާގެ ތަޢުލީމާއި ތަރުބިއްޔަތާއިމެދު މުދައްރިސުންގެ ޝަކުވާ އަޑުއަހަންޖެހިފައެއް ނުވެއެވެ.  ދުވަހަކުވެސް ފިލާވަޅު ނުނިންމައިގެން، ނުވަތަ ނޭދެވޭ އުޅުމެއް ފާހަގަކުރެވިގެން ނަޞޭޙަތްދޭންޖެހިފައެއް ނުވެއެވެ.

ތައުލީމީ ޙަޔާތުގައި ދެއްކި މި ނަމޫނާއާއި އެކު އޯ ލެވެލް އިމްތިޙާން ނިންމާލީ  ރާއްޖޭގެ ޓޮޕްޓެންގެ  10 ވަނަ އާއިއެކުއެވެ. ނާލިރާ ޤަބޫލުކުރާ ގޮތުގައި، ގުރޭޑު 10 ނިމުމުން ތަޢުލީމީ ޙަޔާތް ނިމުނީއެއްނޫނެވެ. ތަޢުލީމުގެ އައު ހަރުފަތެއް ފެށުނީކަމުގައި ދެކި، ކުރި މިންނަތް މަސައްކަތުގެ ނަތީޖާ އަކީ، މަތީ ސާނަވީ އިމްތިޙާނުގައި، އޭ ލެވެލްގެ 8 ވަނަ ޙާޞިލްކުރެވުމެވެ.

އުނގޫފާރު ސްކޫލްގެ 2017 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން

ހޯދާ ކާމިޔާބީއެއްގެ ނަން ފަޚުރުވެރިކަމާއެކު ބުނެލުމަކީ ފަސޭހަ ކަމެކެވެ. އެހެނަސް އެ ކާމިޔާބާއި ހަމައަށް ވާޞިލުވުމަށް ކުރަންޖެހޭ މަސައްކަތަކީ ބުރަ މަސައްކަތެކެވެ. ކެތްތެރިކަމާއި ޢަޒުމު ވަރުގަދަ ކުއްޖަކަށް މެނުވީ މި ދަންނަވާފަދަ ކާމިޔާބީ ޙާޞިލް ކުރުމަކީ އުނދަގޫކަމެކެވެ. މިގޮތުން މި ނަތީޖާއާއި ހަމައަށް ނާލިރާއަށް ވާޞިލްވެވުނީ މައިންބަފައިން ދިން ފުރިހަމަ އިރުޝާދުގައި ހިފައިގެން މުދައްރިސުން ކޮށައިދެއްވެވި މަގުން ހިނގަމުން، އަމިއްލަ އަށް އެތައް މިންނަތެއް ކޮށްގެންނެވެ.

ނާލިރާ ޤަބޫލުކުރާގޮތުގައި ކާމިޔާބު ކުއްޖަކަށް ވުމަށްޓަކައި އެންމެ މުޙިއްމީ  މައިންބަފައިންގެ ބަސްއެހުމާއި ދީނީ އަޅުކަންތައްތައް ފުރިހަމައަށް އަދާކުރުމެވެ. މިގޮތުން ނާލިރާގެ ދުވަސް ފަށަނީ ފަތިސް ނަމާދުންނެވެ. އަދި ކޮންމެ ދުވަހަކު ސްކޫލަށް ދިއުމުގެ ކުރިން ސްކޫލުން ދީފައިވާ ފިލާވަޅުތައް މުޠާލިޢާކުރެއެވެ. ޚާއްޞަކޮށް ފަތިސް ގަޑީގައި ހިތުން ދަސްކުރަންޖެހޭ ފިލާވަޅުތައް ދަސްކޮށް ސްކޫލުގައިވެސް ފިލާވަޅު ނަގައިދޭ ގަޑީގައި ސަމާލުވެ، ފިލާވަޅުގައި ފުރިހަމައަށް ބައިވެރިވެއެވެ. އޮޅުން ނުފިލާ އެއްޗެއް އޮތްނަމަ ފަސްޖެހުމެއްނެތި މުދައްރިސުންގާތު އަހައި އޮޅުންފިލުވއެވެ. މީގެ އިތުރަށް ސީނިއަރ ކުދިން ކައިރީ އަހައިގެންނާއި، ރައްޓެހިންގެ އެހީތެރިކަމާއެކު ކޮންމެ ދުވަހެއްގެ ފިލާވަޅުތައްވެސް ފުރިހަމައަށް ދެނެގަންނަން މަސައްކަތްކުރެއެވެ.

އުނގޫފާރު ސްކޫލްގެ 2017 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން

ގެއަށް ހަވާލުކުރެވޭ މަސައްކަތްތައް ބަރާބަރަށް ނިންމައެވެ. ޙާޞިލް ކުރަން ބޭނުންވާ އަމާޒެއް ކަނޑައަޅައިގެން ބަރާބަރަށް ފިލާވަޅުތައް މުޠާލިޢާކުރެއެވެ. މިގޮތުން ފަތިހުގެ ހަމަހިމޭން ވަޤުތަކީ ފިލާވަޅު ދަސްކުރަން ނާލިރާއަށް އެންމެ ފަސޭހަ ގަޑިއެވެ. އެހެންކަމުން ކޮންމެ ރެއަކުވެސް ފަތިހު 3 ކާއި 4 ކާއި ދެމެދު ހޭލެވޭތޯ އޭނާ ވަނީ ގަދައަޅައި މަސައްކަތް ކޮށްފައެވެ. ގުރޭޑު 8 ކާއި ހަމައައިން ފެށިގެން އޯލެވެލް އިން ރަނގަޅު ނަތީޖާއެއް ހޯދުމަށް ޢަޒުމު ކަނޑައެޅިއެވެ. މިގޮތުން އޯލެވެލް އިން އުނގޫފާރު ސްކޫލުން ރަންތަރީގެ މަޤާމު ހޯދައި އޯ ލެވެލް ގެ ގަދަ 10 ގައި ހިމެނުނެވެ. އޭ ލެވެލް ގައިވެސް ވަނީ، ހިތްވަރާއި އެކު މަސައްކަތްކޮށް، މި ފަޚުރުވެރި ނަތީޖާ އިތުރަށް ރަނގަޅުކޮށްފައެވެ. މިގޮތުން ތިން މާއްދާއިން ސީ، ދެ މާއްދާއިން ބީ، އަދި 2 މާއްދާއިން އޭ ސްޓަރ ޙާޞިލްކޮށް ޓޮޕް އެޗީވާރސް އެވާރޑްގެ 8 ވަނަ ނާލިރާ ވަނީ ޚާޞިލްކޮށްފައެވެ.

އެއް އަތް ތެޅިޔަސް އަޑެއް ނުކިޔާނޭ ފަދައިން، ހަމައެކަނި ބެލެނިވެރިންނާއި، އެދުރުންގެ ގުދާރު ބިންދިޔަސް، ކިޔަވަންތިބޭ ދަރިވަރުން މަސައްކަތް ނުކުރާނަމަ، އެ މަތިވެރިވި ފަރާތްތަކުގެ މަސައްކަތްވާނީ ، ފޫނެތްފަޔަށް ފުރޭ ފެނަކަށްކަން ޔަޤީނެވެ. މިގޮތަށް މިކަން ވިޔަ ނުދިނުމަށްޓަކައި، މި ލިބޭ އަގުހުރި ދުވަސްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަކީ،  ދަރިވަރުންގެ ވާޖިބެކެވެ. މަދަރުސީ ޙަޔާތުގައި ތަޢުލީމުގެ އިތުރަށް ކޯކަރިކިއުލަރ އެކްޓިވިޓީސް ތަކަކީވެސް ތަޢުލީމު ފުރިހަމަކުރުމަށް ވަރަށް މުޙިއްމު ދައުރެއް އަދާކުރާއެއްޗެކެވެ. ނާލިރާ އަކީ ކިތަންމެ މަޑުމައިތިރި ކުއްޖަކަށްވީ ނަމަވެސް ނާލިރާ އަކީ ހުރިހައި މައިދާނެއްގައިވެސް ލީޑަރެކެވެ. ރަށުފެންވަރުގައި ބޭއްވޭ އެކި މުބާރާތްތަކުގައި ބައިވެރިވެ، އޭނާ ވަނީ ތަފާތު ވަނަތައް ޙާޞިލްކޮށްފައެވެ. ސްކޫލުގައި ބޭއްވޭ ކޮންމެ އަދަބީ މުބާރާތެއްގައި ނާލިރާ ވަނީ އޭނާގެ ހުނަރުވެރިކަން ދައްކައިދީފައެވެ. ރައިވަރު ކިޔުމާއި ބަޙުސްކުރުންފަދަ މުބާރާތްތަކުން އޭނާވަނީ، ފާހަގަކޮށްލެވޭފަދަ ރަން ވަނަތަކެއް ޙާޞިލްކޮށްފައެވެ.  މީގެ އިތުރަށް ސްކޫލުގައި ބޭއްވޭ އިތުރު ޙަރަކާތްތަކުގައި އޭނާވަނީ ބައިވެރިވެފައެވެ.

އުނގޫފާރު ސްކޫލްގެ 2017 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން

މި ބަވަނަ ވަމުންދާ ދުނިޔޭގައި، ހަމައެކަނި ތަޢުލީމު ލިބުމަކުން ނުފުދޭނެއެވެ. ތަޢުލީމުގެ އިތުރުން ތަހުޒީބީ ދުނިޔެއެއްގައި އުޅުމަށްޓަކައި، ރިވެތި އަޚުލާޤަކީ މިއަދުގެ މުޖުތަމަޢަށް އެންމެ މުޙިއްމު އެއް އަސާސްއެވެ. އަޅުގަނޑުމެންގެ އެދުރުން ތަކުރާރުކޮށް ވިދާޅުވާފަދައިން، މިއަދުގެ މުޖުތަމަޢަށް ފަރިތަވުމަށްޓަކައި، ތަރުބިއްޔަތާއި، ތަޢުލީމަކީ ވަކި ނުކުރެވޭނެ ދޭއްޗެކެވެ. އެހެނީ، ކުއްޖާގެ ކިބައިގައި ރަނގަޅު ތަޢުލީމެއް ހުއްޓަސް އަޚުލާޤީ ފެންވަރު ފައިދަށަށްލާހާ ދަށްވެއްޖެނަމަ، އެކުއްޖާއަކީ މުޖުތަމަޢުގައި ޤަދަރު ލިބިގެންދާނެ ކުއްޖަކަށް ނުވާނެއެވެ. މިގޮތުން ބަލާއިރުވެސް ނާލިރާ އަކީ އަޚުލާޤީގޮތުން އެހެން ދަރިވަރުން ނަމޫނާއަކަށް ބަލަންޖެހޭ ދިރިހުރި މިސާލެކެވެ. ރިވެތި ސިފަތައް ލިބިފައިވާ ނާލިރާ އަކީ މައިންބަފައިންގެ ހިތް އުފަލުން ރޮއްވާލާފަދަ ޢަދަބުވެރި ކުއްޖެކެވެ.

އުނގޫފާރު ސްކޫލްގެ 2017 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން

އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެޔޭ ބުނާ ބީދައިން ތަޢުލީމަށް ލޯބިކުރާ މަންމަޔަކާއި ބައްޕައެއްގެ ފުށުން އުފަންވާނީވެސް ތަޢުލީމީ ދަރިންނެވެ. ނާލިރާގެ މަންމައާއި ބައްޕައަށް ޒަމާނީ ތަޢުލީމުގެ ކުރިބޯއްޓާއި ހަމައަށް ވާޞިލު ނުވެނުނު ނަމަވެސް އެ ދެ ބޭފުޅުންނަކީ ތަޢުލީމަށް އިންތިހާއަށް ލޯބިކުރައްވާ ދެބޭފުޅުންނެވެ. އެހެންކަމުން ދަރިން އުނގެނޭ ފިލާވަޅުތަކުން މި ދެމަފިރިންނަށް ނުލިބުނު ފުރުޞަތު ދަނީ ހޯދަމުންނެވެ. އެދުރެއްގެ ޙައިޞިއްޔަތުން ބައްޕަ ޔައުޤޫބު ޔޫސުފް  އުނގޫފާރު ސްކޫލަށް ޚިދުމަތްކޮށްދެއްވިއެވެ. ޚާއްޞަކޮށް މި ދެ ބޭފުޅުން ތަރުބިއްޔަތު ކުރައްވަވަމުން ގެންދަވާ 3 ކުދިން ތަޢުލީމަށް ކުރާ އިޚުތިރާމާއި ލޯތްބަކީ މިކަމުގެ ހެއްކެކެވެ. މީގެ އިތުރުން ބައްޕަ ޔަޢުޤޫބު ޔޫސުފަކީ، ކޮންމެ ތަނެއްގައި މަސައްކަތް ކުރައްވަވަމުންވެސް ދަރިންގެ ކިޔެވުމުގެ ކަންތައްތައް ގާތުން ބަލާ ބައްޕައެކެވެ. މި ދަރިންތައް މެދު އުޑުގައި ފިޔަޖަހަމުންދާ ޙަޤީޤީ ސަބަބަކީ މި މަންމަޔާއި ބައްޕަގެ ހިތްވަރެވެ. މިކުދިންގެ ކާމިޔާބުގެ ފަހަތުގައިވަނީ ނުގުޑާނޭފަދަ ޢަޒުމެއްގައި ތިއްބެވި ނުހަނު ކެތްތެރި މަންމައާއި ބައްޕައެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން އަލަށް ފަށާ ޑޮކްޓަރުކަން ކިޔަވަން ފުރުސަތު ލިބުނު 50 ދަރިވަރުންގެ ތެރޭގައި ހިމެނިގެން ނާލިރާ މިހާރު ދަނީ މެޑިކަލް ޑޮކްޓަރެއްގެ ގޮތުގައި ގައުމަށް ހިދުމަތް ކުރުމަށް ތައްޔާރުވަމުންނެވެ. އަޅުގަނޑުމެންގެ ދުއާ އަކީވެސް ނާލިރާ އަށް މިހާރަށްވުރެވެސް މަތީ އިލްމީ ހަރުފަތްތަކަށްވާސިލުވުމެވެ. އަދި ފަހި މުސްތަގުބަލަކައި ކާމިޔާބު ދުވަސްތަކެއް މާތް ﷲ މިންވަރު ކުރެއްވުމެވެ. އާމީން.

This slideshow requires JavaScript.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close