ރިޕޯޓް

ޖުމްހުރިއްޔަތަށް 50 އަހަރު: ވިރާޘީ ރަސްކަމަކުން ޖުމްހުރިއްޔަތަކަށް ދިވެހިން ކުރި ދަތުރު

މިއަދަކީ ތާރީހީ ފަތްފުއްތަކުން ފެންނަން އޮތް އެންމެ އިހުޒަމާނުއްސުރެ ރާއްޖޭގައި އޮތް ވިރާޘިއްޔަ ރަސްކަން ފުރޮޅި ޖުމްހުރިޔަތަކަށް ބަދަލުވެ، ޖުމްހުރީ ދުވަސް ދިވެހިން ފާހަގަ ކުރަމުންދާތާ 50 އަހަރު ފުރޭ ދުވަހެވެ. ދިވެހިންގެ ވިސްނުމާއި ފިކުރަށް އައި ބަދަލާއެކު ބާރުވެރިކަން ސީދާ ރައްޔިތުންގެ އަތްމައްޗަށް ފުރޮޅިގެން ދާނެ ނިޒާމަކަށް ދިވެހިން ކުރި އުންމީދު ހަޤީގަތަކަށް ވުމުގެ ބިންގާ އެޅުނުތާ 50 އަހަރު ފުރޭ އުފާވެރި ދުވަހެވެ.  ދިވެހި ރާއްޖޭގެ 2 ވަނަ ޖުމްހުރިއްޔާއަށް 50 އަހަރު ފުރޭ ދުވަހެވެ. މިފަދަ ދުވަހެއްގައި ވިރާޘީ ރަސްކަމަކުން ޖުމްހުރިޔަތަކަށް ދިވެހިރާއްޖެ ކޮށްފައިވާ ދަތުރުގެ ހަނދާން ކުރުގޮތަކަށް ނަމަވެސް  އާ ކޮށްލުމަކީ އެންމެ މުނާސަބު ކަމެއް ކަމުގައި ދެކެމެވެ.

ފުރަތަމަ ޖުމްހުރިއްޔާ

1953 ވަަނަ އަހަރު ޖެނުއަރީ މަހުގެ 1 ވަނަ ދުވަހެވެ. އެ ދުވަހުގެ އިރު އުދަރެހުން އަރައިގެން އައީ ޖުމްހުރިއްޔަތު ދިވެހި ބިމަށް އުފަންވި ކަމުގެ އުފާވެރި ހަބަރައިގެންނެވެ. ޖުމްހުރިއްޔަތެއް އުފަންވުމުގެ ކޮޅުމަތި ފެށުނީ މީލާދީން 1943 ވަނަ އަހަރު އެޕްރީލް 8 ވަނަ ދުވަހު ދިވެހިރާއްޖޭގެ ރަސްކަމުގައި ހުންނެވި އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ) ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން އަދި ވަޒީރުލް އަޢުޒަމް  މުޙައްމަދު ފަރީދު ދީދީ  ރަސްކަމުގެ ތަހުތުން އިސްތިއުފާ ދެއްވުމުންނެވެ. ތާރީހީ ޢިލްމުވެރިން ސިފަކުރާ ގޮތުގައި ޙަސަން ނޫރައްދީން ރަސްކަމުގެ ތަޙްތުގައި އިންނެވީ ހަމއެކަނި ފަތްކޮޅުތަކުގައި ސޮއެކޮށްލައްވާ ގޮނޑި ހޫނުކޮށްލައްވާ ބޭފުޅެއް ގޮތުގައެވެ. އޭރު ރާއްޖޭގެ ހަޤީގީ ވެރިންނަކީ އެ ޒަމާނުގައި ރައްޖޭގައި ސިޔާސީ ގޮތުން އެންމެ ނުފޫޒު ގަދަ ޢާއިލާ ކަމުގައިވާ އަތިރީގޭ ބޭފުޅުންނެވެ. ޙަސަން ނޫރައްދީން ރަސްކަމުން އިސްތިއުފާ ދިނީ މިވެރިންގެ އެންގުމަށް ކަމަށްވެއެވެ.

އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ)
އައްސުލްޠާން ޙަސަން ނޫރައްދީން (ދެވަނަ)

އެއަށް ފަހު ރާއްޖޭގެ ވެރިކަމުގެ ކަންތައް ހިންގަވަމުން ގެންދިޔައީ “ވަލީ ކޮމެޓީ” އޭ ކިޔުނު ކޮމެޓީއަކުންނެވެ. ވެރިކަމުގެ ތަހުތައް އައި ހުސްކަން ފޫބެއްދުމަށް މި ކޮމެޓީގެ ތެރެއިން ކުރަމުން ދިޔަ މަސައްކަތުގެ  ތެރެއިން ވެރިކަމުގެ ތަހުތައް އަތިރީގޭ އަބްދުލް މަޖީދު ރަންނަ ބަނޑޭރި ކިލެގެފާނު އިންތިހާބު ކުރެވުނެވެ. އެހެން ނަމަވެސް އެމަނިކުފާނު ހުންނެވީ ރާއްޖޭއިން ބޭރުގައި ކަމުން ރަސްކަމާ ހަވާލުވެ ވަޑައެއް ނުގަންނަވައެވެ. ކޮންމެއަކަސް ރަސްކަމުގެ ތަޙްތުގައި ވަޑުވާނެ ބޭފުޅަކާ މެދު ވަލީ ކޮމެޓީގެ ތެރޭގައި ކޯޅުން ބޮޑުވެ އެންމެ ފަހުން އެ ކޮމެޓީން ނިންމީ ރަސްކަމުގެ ތަޙްތު ޒުވާން ލީޑަރު މުޙައްމަދު އަމީން ދީދީއާ ހަވާލުކުރުމަށެވެ. އެހާ ހިސާބުން 812 އަހަރުވީ ދިވެހިރާއްޖޭގެ ރަސްކަމުގައި ސިއްކަ ޖެހި ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހުރިއްޔާ އުފަންވިއެވެ.

އަލަށް އުފެދުނު މި ޖުމްހުރިއްޔާ ދިވެހިން ދުށީ މުއްދަތު ކުރު އަދި އޭގެ ނިމުން ހިތި ޖުމްހުރިއްޔާއެއް ގޮތުގައެވެ. ދުވަސް ވަރަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސް ވަރުކަމުން އޭގެ ދަތިކަން ދިވެހިންނަށް ދިޔައީ އިންތިހާއަށް ފޯރަމުންނެވެ. އެއާ ވިދިގެން އަމީން ދިދީ އަޅުއްވަމުން ދިޔަ ފިޔަވަޅުތަކަށް ވެސް ދިވެހިން ދިޔައީ ނުރުހެމުންނެވެ. އޭގެ އިތުރުން އެންމެ ބޮޑު ގޮންޖެހުމަކަށްވީ ވެރިކަމުގެ މަތީ ފަޑީގައި ޚިޔާލު ތަފާތުވުމާއި އަރާރުން ބޮޑުވުމެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހުރިއްޔާގެ ނިމުމަކަށް އަންނަން މެދުވެރިވި ސަބަބުތައް ކަމުގައި މަސްހޫރު ލިޔުންތެރިޔާ އިބްރާހީމް ޝިހާބު ބައެއް ކަންކަން ފާހަގަކުރައްވާފައިވެއެވެ. އޭގެ ތެރޭގައި މުޙައްމަދު އަމީންގެ ވެރިކަން ނިމުމަކަށް އައުމަށް ޢާންމު ބައެއް ސަބަބުތަކާއި ، ޚާއްޞަ ސަބަބުތަކެއް ހިމެނެއެވެ. ޢާންމު ބައެއް ސަބަބަކީ އޭރު ފާސްކުރެއްވި ހިންގާލެވުނު ބައެއް ގާނޫނު ތަކެވެ. އެގާނޫނު ތަކާއި ގުޅިގެން ކަންހިގަމުންދިޔަ ޢަމަލީ ގޮތެވެ. އެކަމަށް ރާއްޖޭގެ ރައްޔިތުން ތަރުޙީބު ދިނުމުގެ ބަދަލުގައި ހިތް ނުބައިވަމުން ދިޔަ ދިޔުމެވެ. ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ އާއި ގުޅިގެން ކުރިމަތިވި ބޮޑު ތަދާއި ދަތިކަމެވެ. އިގްތިޞާދީ މަސްއަލަ ތަކެވެ. ޚާއްޞަ ބައެއް ސަބަބުތަކަކީ ވެރިކަމުގެ އެތެރޭގައި އެކަކު އަނެކަކާ ދެމެދު ހިތް ނުބައިވުމެވެ. ދެވަނަ ސަބަބަކީ ވަކި ދަރިކޮޅަކަށް ނިސްބަތްވެވޭގޮތަށްތިބި، ޒުވާނުންގެ ބަޔަކާއި، އެވެރިކަމާ ދެމެދު އޮތް ވިސްނުން ނުބައިވުމަކާއި، ނަފްރަތް ތެރި ކަމެކެވެ. އަމީން ދީދީގެ ޖުމްހުރިއްޔާ ނިމިގެންގޮސް ދިވެހި ތާރީހުގައި ކަޅު ލައްގަނޑެއް ޖެހިގެން ދިޔައީ މާލޭގެ ގުޅަކޮޅޭ ފަސްގަނޑަށް ރައްޔިތުން އެއްވެ އެ ހިނގައި ދިޔަ ކަންތައްތަކުގެ ތެރެއިންނެވެ.

ދިވެހި ޖުމްހުރިއްޔާގެ ބާނީ ސުންމުވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާން

ދެވަނަ ޖުމްހުރިއްޔާ

ފުރަތަމަ ޖުމްހުރިއްޔާއަށް ފަހު އަނެއްކާވެސް ވެރިކަމުގެ ނިޒާމް ރަސްކަމަކަށް ފުރޮޅިގެން ދިޔައެވެ. ސުންމުވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ޖުމްހުރިއްޔާ ނިމުމާއެކު ޖުމްހުރިއްޔާ އުވާލާ މުޙައްމަދު ފަރީދު  މަނިއްޕުޅުގެ ރަސްކަން ފެށެންދެން ވެރިކަމާ ހަވާލުވެ ވަޑައިގަތީ ވެލާނާގޭ އިބްރާހިމް ދީދީ އާއި އެއްގަމުގޭ އިބްރާހިމް ފާމުލަދޭރި ކިލެގެފާނާއި ދެބޭފުޅުންނެވެ. އެހެން ކަމުން މުޙައްމަދު ފަރީދު ނުވަތަ ޖަލާލަތުލް މަލިކު މުޙައްމަދު ފަރީދުލް އައްވަލް އަކީ ދިވެހިރާއްޖޭގެ ފުރަދާނަ ތަޚްތުކޮޅުގައި އެންމެ ފަހުން ރެދަލި ކުރެވުނު ކީރިތި މަހާ ރަދުންނެވެ. އެމަނިކުފާނާ ހިސާބުން ދިވެހިރާއްޖޭގައި ރަސްކަން ޙަތިމްކުރެވިއްޖެއެވެ.

މުޙައްމަދު ފަރީދުގެ ރަސްކަމުގެ 13 ވަނަ އަހަރު، މީލާދީން 1967 ވަނަ އަހަރު އޭރުގެ ވަޒީރުލް ޢައުޒަމް ވެލާނާގޭ އިބްރާހިމް ނާޞިރު ރަންނަ ބަނޑޭރި ކިލެގެފާނުގެ ޙިކްމަތު ޢަމަލީގެ ދަށުން ރާއްޖޭގައި އޮންނަން ފެންނަނީ ކޮންކަހަލަ ވެރިކަމުގެ ނިޒާމެއްތޯ ބެލުމުގެ މަސައްކަތް ފެށުނެވެ.

އެގޮތުން 15 ނޮވެމްބަރު 1967 ގައި އޮތް ރައްޔިތުންގެ މަޖުލީހުގެ ޖަލްސާގައި ދިވެހިރާއްޖެގައި އޮންނަން ފެންނަނީ ކޮންކަހަލަ ވެރިކަމެއްތޯ ބެލުމަށް ބިލެއް މަޖުލީހަށް ހުށަހެޅިގެން ދިޔައެވެ. މަޖުލީހުގައި ތިއްބެވި 44 މެންބަރުންގެ ތެރެއިން 40 މެންބަރުންނަށް ފެނުނީ ރާއްޖޭގައި އޮންނަން ފެންނަނީ ޖުމުހޫރީ ވެރިކަމެއް ކަމަށެވެ. ކުރިން ދެންނެވި ގޮތަށް ފާސްވުމާއި ގުޅިގެން 15 މާރޗް 1968 ގައި އާންމު ރައްޔިތުންގެ ޚިޔާލު އެކަމުގައި ހޯދުމަށް ވޯޓް ނެގުނެވެ. ނެގުނު އާންމު ވޯޓްގެ ނަތީޖާގައި ޖުމުހޫރީ ވެރިކަމެއް އޮތުމަށް 36997 ވޯޓް ލިބުނެވެ. ރަސްކަމެއް އޮންނަން ފެންނަކަމަށް ލިބުނީ 8551 ވޯޓް އެވެ. މިވޯޓްގެ ނަތީޖާއަށްފަހު 11 ނޮވެމްބަރު 1968 ގައި ދިވެހި ޖުމުހޫރިއްޔާ އިޢުލާންކޮށް، އެރޭ އޮތް ރައްޔިތުން މަޖުލީހުގެ ޖަލްސާއެއްގައި ކެބިނެޓް އިޢުލާންކޮށް  ދިވެހިރާއްޖޭގެ 2 ވަނަ ޖުމްހުރިއްޔާގެ ފުރަތަމަ ރައީސް ކަމުގެ ހުވާ އިބްރާހީމް ނާޞިރު ކުރެއްވި އެވެ. ވިރާޘީ ރަސްކަމަކުން ޖުމްހުރީ ވެރިކަމަކަށް ދިވެހިން އަނެއްކާވެސް މަރުހަބާ ކިއެވެ.

ދެވަނަ ޖުމްހުރިއްޔާގެ ފުރަތަމަ ރައީސް ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ ސުންމުވުލް އަމީރު އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލޭގެފާނު

ރައީސް އިބްރާހިމް ނާޞިރަށް ފަހު ދިވެހި ޖުމްހުރިއްޔާއާ ދެން ހަވާލުވެ ވަޑައިގަތީ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމެވެ. ރައީސް މަޢުމޫންގެ 11 ނޮވެންބަރ 1978 ން 11 ނޮވެންބަރ 2008 ކަށް 30 އަހަރު ރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާގެ މަޤާމުގައި ހުންނެވިއެވެ. ރައީސް މައުމޫނަށް ފަހު ދިވެހި ރާއްޖޭހެ ރައީސްކަން އިތުރު  3 ބޭފުޅަކު ކުރައްވައިފިއެވެ. އެއީ ރައީސް މުޙައްމަދު ނަސީދާއި، ރައީސް ޑރ.މުޙައްމަދު ވަހީދު ހުސެން މަނިކާއި ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމެވެ. އަދި ހިނގަމުން މިދަނީ ދިވެހިރާއްޖޭގެ ދެވަނަ ޖުމްހުރިއްޔާގެ 5 ވަނަ ރައީސް، އަބުދުﷲ ޔާމީން އަބްދުލް ޤައްޔޫގެ ވެރިކަމުގެ ދައުރުގެ އެންމެ ފަހު  ދުވަސްތަކެވެ. އެމަނިކުފާނަށް ފަހު މީލާދީ ސަނަތުން 17 ނޮވެމްބަރ 2018  ދުވަހު ދިވެހިރާއްޖޭގެ ރައީސުލް ޖުމްހުރިއްޔާ ކަމުގެ ހުވާ ކުރައްވާނީ އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހެވެ.

ވިރާޘީ ރަސްކަމުން ފެށިގެން  ޖުމްހުރިއްޔާއަށް ދިވެހިން ކުރި ދަތުރުގެ ވާހަކަތަކުން އަޅުގަނޑުމެންނަށް އެތަކެއް ފިލާވަޅުތަކެއް ލިއްބައިދީފިއެވެ. އަޅުގަނޑުމެން ކޮންމެ ދިވެހި ދަރިއަކު ވެސް އަބަދުވެސް ވާން ޖެހޭނީ މާޒީން އިބުރަތް ހާސިލްކޮށް ދިވެހިރާއްޖޭގެ މުސްތަޤުބަލް ދުޅަހެޔޮކޮށް އުޖާލާ ކުރަން މަސައްކަތް ކުރާ ދަރިއަކަށެވެ. އެކަމުގެ ހެޔޮ ތައުފީޤް މާތްﷲ މިންވަރު ކުރެއްވުން އެދި ދުޢާކުރަމުން މިއަދު ފާހަގަ ކުރަމުންދާ ދިވެހި ޖުމްހުރިއްޔާ 50 އަހަރު ފުރުމުގެ މުނާސަބަތުގައި އުނގޫފާރު.ކޮމް ގެ ފަރާތުން އެންމެހާ ކިޔުންތެރިންނަށާއި ދިވެހި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރަމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close