138
0

ރަމަޟާން މަހުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުނުތަ؟

138
0

ިއަހަރުގެ ބަރަކާތްތެރި ރަމްޟާން މަސް މި އުއްމަތާ އަލްވަދާއު ކިޔާފައި މިވަނީ ނުހަނު ގިނަ ގުނަ ފިލާވަޅުތަކެއް ދަސްކޮށްދެމުންނެވެ.

މި އަހަރުގެ ރަމަޟާން މަހަކީ މުޅި ދުނިޔެއަށްވެސް ތަފާތު ކަމެއް ގެނުވި ރަމްޟާން މަހެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އާނއެކެވެ. ރައްޓެހިންނާއި،  އާއިލާ މީހުން ކުޅިވަރާއި މަޖަލުގެ ތެރެއިން ލިބޭ ބާކީ ވަގުތު ތަކުގައިވެސް ބަދިގެއިން ސަލާމަތް ނުވެ އުޅެނިކޮށް ކިތަންމެ ރޯދަމަހެއް ނިމިއްޖެއެވެ. ކޮންމެ ދުވަހަކުވެސް ރޯދަވިއްލަން ނުވަތަ ތަރާވިސް ވަގުތު ސުފުރާ މަތި ފަޅު ފިލުވާލަން ކޮންމެވެސް އާއިލާ މީހަކު ނުވަތަ ރައްޓެއްސަކު ނުގެންނަ ފަހަރެއް މަދުވާނެއެވެ. ގިނަ ފަހަރު ސުފުރާ މަތީ އަތުރާލާފައި ހުންނަ ކާ ބޯ ތަކެތި ގިނަވެ ކުނި ޑަސްޓްބިނަށް އަޅާ އިރު ހިތުގައި ރަޙުމެއް ޙަމްދަރު ދީއެއްވެސް ހަމަ ނެތީހެއްޔެވެ؟ ލޯބިވާ މަންމަ އާއި އަންބިކަނބަލުންނާއި، ދައްތަމެން އިރު އެރީއްސުރެ ހާރު ވަގުތާ ޖެހެންދެންވެސް އަރާމު ކޮށްލުމެއް ނެތި ، ފިރިންނާއި، ކޮށްކޮމެން، ބޭބެ މެން، ދަރިންނަށް ރަނގަޅު ކާއެއްޗެއް ތައްޔާރު ކުރުމަށްޓަކައި އަވަދި ނެތި ބަދިގޭގައި އުޅެމުން ދާއިރު އެ އަންހެން ކަނބަލުންވެސް ނަމާދު ކޮށް، ޤުރުއާން ކިޔަވާލަން ބޭނުން ވާނެކަން ވިސްނާލީ އަޅުގަނޑުމެން ތެރެއިން ކިތައް ބޭފުޅުން ތޯއެވެ. ކޮންމެއަކަސް މީ މާޒީގައި އަޅުގަނޑުމެންނާ ބައްދަލު ކުރި ރޯދަމަސްތައް ފެށި ނިމިގެން ދާ ގޮތް ކަމާއި މެދު ތިބޭފުޅުން ހިލާފު ނުވާނެ ކަން ޔަގީނެވެ.

އެކަމަކު ނިކަން ވިސްނާލަ ބަލާށެވެ! މި އަހަރު އަޅުގަނޑުމެންނާ ބައްދަލު ކުރި ބަރަކާތްތެރި ރަމްޟާން މަސް ކުޑަ ކުޑަ ވައިރަސް އެއްގެ ބިރުވެރި ކަމުން ޖެހުނީ ގޭ ހަތަރު ފާރު ތެރޭގައި މުޅި ދުވަސް ހޭދަ ކޮށްލާށެވެ. މުޅި ދުނިޔޭގެ ބޮޑުތި ބާރުތައް ކަމަށް ދައުވާކުރާ ގައުމުތައްވެސް ފުރަ ބަންދުވެ މި ކުޑަ ކުޑަ ދިވެހި ރާއްޖެވެސް އޮތީ އެއްކޮށް ފުރަ ބަންދުވެފައެވެ. ގިނަ ރައްރަށުގައި ފުރަބަންދުގެ މުއްދަތުގައި އެއްވެސް ގޮތަކަށް ގެއިން ބޭރަށް ނިކުމެ ނޫޅެވޭ ހާލު ޖެހުނީ ގޭގައި ބަންދުވެ ތިބޭށެވެ. ތިބާ އަމިއްލަ ނަފްސާ ސުވާލް ކޮށްލަބަލާށެވެ. މި ނިމިގެންދާ ބަރަކާތްރެރި ރަމްޟާން މަހު ތިބާ ގޭގައި ބަންދުވެފައި އިން އިރުވެސް ތިބާގެ ލޯބިވާ މަންމަ، އަނބިކަނބަލުން، ދައްތަ، ކޮށްކޮ މެން އަވަދި ނެތި ބަދިގޭގައި ތިބާއަށްޓަކައި ކާނާ ރޯފިލުވަމުން ދިޔަ ހިނދު ތިބާއަށް ކޮށްދެވުނީ ކޮން ކަމެއްތޯއެވެ؟ މިއަދު ދާނެ ތަނެއް، ކުރާނެ މަސައްކަތެއް ނެތް އިރުވެސް ތިބާ ގޭގައި ހުރެ އެހީތެރިކަން ފޯރުކޮށް ނުދެވުމަކީ ވަރަށްވެސް ފިނޑި އަދި އެހާމެ ހިތާމަ ކުރަން ޖެހޭ ކަމެކެވެ. ކުރާނެ ކަމެއް ނެތެވެ. މި އަހަރުގެ ބަރަކާތްތެރި ރަމްޟާން މަސްވެސް އަ އަންހެން ވެރިން އެ ހޭދަކުރަން ޖެހުނީ ނަމާދު ވަގުތުގައި ނުކުރެވި، ޤުރުވާން ހަތިމެއް ނުކުރެވި ތިޔަ ފިރިހެން ބޭފުޅުންނަށް ކާނާ ރޯ ފިލުވާލުމުގައެވެ.

ނަމާދަކީ ދީނުގެ ތަނބު ކަމުގައި ވީ ހިދުވެސް ވޭތުވެ ދިޔަ އަހަރު ތަކުގައި އަދާކުރަން ޖެހޭ ވަޒިފާގެ ސަބަބުންނޭ ބުނެ ފަރުވާ ކުޑަ ކުރަމުން ދިޔަ ނަމާދަށް މިފަހަރު ދައްކާނީ ކޮން އުޒުރެއް ހެއްޔެވެ؟ ރާއްޖޭގައި ކޮވިޑް ގެ ނުރައްކާ ފެތުރެން ފެށި ހިސާބުން އޮފީސް ތަކާއި، ސުކޫލް ތަކާއި، ރެސްޓޯރަންޓް ތަކާއި، ފިހާރަތަށް ބަނދު ކޮށް ތިބާ ގޭގައި މަޑު ކުރަން ޖެހި ހުރިހާ މިސްކިތެއް ހާލަތުގެ ގޮތުން ބަނދުވެ ގޭގައި ނަމާދު ކުރުވަން މަޖުބޫރު ކުރުވި ހިނދުވެސް ތިބާ އަށް މި ރަމްޟާން މަހު ކުރެވުނީ ކިތައް ނަމާދު ހެއްޔެވެ؟ ނަމާދާއި ނުލާ ކުރާ އެއްވެސް ހެޔޮ ކަމެއްގައި ރަޙުމަތެއް ބަރަކާތެއް ނުލާއްވާނެ ކަން އިނގޭ ހިނދުވެސް ތިބާ ދުވާލް ހުސްގޮހޮރާ ހުރެ ތިޔަ ހިފި ރޯދަ ސައްޙަވާނެ ކަމަށް ތިބާ ޤަބޫލު ކުރަން ހެއްޔެވެ؟ އޭ އިންސާނާއެވެ! ފަހަރުގައި މި ވަގުތު މީ ތިބާގެ ހަޔާތުގެ އެންމެ ފަހު ވަގުތު ކަމުގައިވެސް ވެދާނެއެވެ. ލަސްނުކޮށް ދެންވެސް ފުރިހަމަ ތަޢުބާއަކުން ތަޢުބާވެ ސޯލިޙް އަޅަކަށް ވުމަށް އަޒުމު ކަނޑައަޅާށެވެ. މާދަމާއަށް ލަސްކޮށްފި ނަމަ ވަގުތު ފާއިތު ވެދާނެއެވެ.

ރަމްޟާން މަސް ޙާއްސަވެފައި ވަނީ ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމާއި، ވީހާވެސް ގިނަ ވަގުތު އަޅުކަމުގައި ހޭދަ ކުރަން ޖެހޭ މަހެއްގެ ގޮތުގައެވެ. އެހެން އަހަރު ތަކުގައި ތިބާ ހިތުގައި ނުހަނު ގިނަ ހަތިމް ކުރަން އަޒުމު ކަނޑައަޅައިގެން ރަމްޟާން މަހާއި ބައްދަލުކޮށް އެމަސް ނިމިގެން ދާއިރުވެސް ޤުރުއާން ހަތިމެއް ނުކުރެވޭ ތާ ޤުރުއާންގެ މިންވަރެއްވެސް ކިޔަވާ ނުލެވި ނިމިގެން ދިޔައީ ކިތައް ރަމްޟާން މަސް ހެއްޔެވެ؟ ނަމަވެސް މިއަހަރުގެ ރަމްޟާން މަސް ތިބާއަށް ނުހަނު ގިނަ ގުނަ ހުސް ވަގުތު ލިބި، ދާނެ ޑިއުޓީއެއް ނެތް ހިނދުވެސް މާތް ﷲގެ ކަލާމްފުޅު ކިޔަވާ ނުލެވި މިބަރަކާތް ތެރި ރަމްޟާން މަހާއި އަލްވަދާއު ކިޔަން ޖެހުމަކީ ނުހަނު ހިތާމަ ކުރަން ޖެހޭކަމެކެވެ. ކުރިއަށް އޮއިތް އަހަރުގެ ރަމްޟާން މަހާއި ތިބާ ބައްދަލު ކުރާނެ ކަމުގެއް އޮތީ ފަހެ ކޮން ޔަޤީން ކަމެއް ހެއްޔެވެ؟

ރަމްޟާން މަހަކީ އެ މަހެއްގައި ކީރިތި ޤުރުއާން ބާއްވާ ލެއްވުނު މަސް ކަމުގައި ވެފައި އެ މަހުގައި ކުރާ ކޮންމެ ހެޔޮ ކަމެއްގައި ވެސް ދަރުމައާއި ސަވާބު އެތައް ގުނަ އަކުން އިތުރުވެގެން ދާއިރު އެކި މީހުން ސަވާބް ހޯދަން ކުރަނީ އެކި ކަހަލަ ހެޔޮ އަމަލެވެ. އެގޮތުން ސޮދަޤާތް ކުރުމަކީވެސް އަޅުގަނޑުމެންނަށް ނުހަނު ގިނައިން ފެންނަ މަންޒަރެކެވެ، އެ ގޮތުން އަވެއްޓެރިންނާއި ރައްޓެހިންނަށް ރޯދަ ވިއްލަން ދައުވަތު ދިނުމާއި، މަޤްރިބް ނަމާދަށް ދާ މީހުންނަށް މިސްކިތް ތަކުގައި އެކި އެކި ފަރާތް ތަކުން ރޯދަ ވިއްލިމަށް އެކި އެކި ވައްތަރުގެ ކާ ބޯ ތަކެތިން ސޮދަޤާތް ކުރަމުން ދިޔަ ނަމަވެސް މިއަހަރުގެ ރަމްޟާން މަސް އަޅުގަނޑުމެންނާ ބައްދަލު ކުރީ ފުރަބަންދުގެ ހާލަތުގައި ކަމުން، ގެއިން ބޭރަށް ނިކުމެ އުޅުން މަނާ ވުމާއި، މިސްކިތްތަށް ބަންދުވެފައި ހުރުމުގެ ސަބަބުން، ސޮދަޤާތް ކުރުމުގެ ގޮތުން ގެއަށް ރޯދަ ވިއްލަން ދައުވަތު ދިނުމާއި މިސްކިތަށް ރޯދަ ވިއްލުން ހަދިޔާ ކުރުން ވަނީ މަޙްރޫމް ވެފައެވެ. އެހެނަސް ތިބާ ބޭނުންވާ ގިނަ ގުނަ ކަންކަން ފުރިހަމަ ކުރުމަށްޓަކައި ބޭރަށް ގޮސް އުޅުނު ފަދައިން ގޭގައި ހަދާފައި ހުރި ކާ ބޯ ތަކެތި އަވައްޓެރިޔާގެ ގެއަށް ނުގެންދެވި، އިތުރުވާ ކާ ބޯ ތަކެތި އުކާލަން ޖެހޭ ހާލުގައިވެސް އަވަށްޓެރިޔާއަށް ހަދިޔާކޮށް ނުލެވި، ޒަމާނީ ޓެކްނޮލޮޖީގެ ބޭނުންކޮށް (އިންޓަރނެޓް ބޭންކިންގް) ބޭނުން ޖެހިފައިވާ ފަރާތަކަށް 1 ރުފިޔާގެ މިންވަރުވެސް ފޯރުކޮށް ނުދެވި އުޅެނިކޮށް މި ބަރަކާތްތެރި ރަމްޟާން މަސް ނިމިގެން ދާ ކަމީ ނުހަނު ހިތާމަ ކުރަން ޖެހޭ ކަމެކެވެ. ނަމާދު ކުރުމާއި، ޤުރުއާން ކިޔެވުމާއި، ސޮދަޤާތް ކުރުމަކީ ހަމަ އެކަނި ރަމްޟާން މަސް އައުމުން ކުރަންޖެހޭ ކަން ކަމެއް ނޫނެވެ.

ޔާ ﷲ! ނިމިގެން މިދާ ބަރަކާތްތެރި ރަމްޟާން މަހުގެ ހެޔޮ ދަރުމައާއި ސަވާބް އަޅަމެންނަށް މިންވަރު ކުރައްވާނދޭ!

ޔާ ﷲ! އަޅާއަށް ވަގުތު ލިބި އެހެނަސް ނަމާދަށް ފަރުވާ ކުޑަ ކުރެވި ހުސް ގޮހޮރާއި ހުރެ މި ބަރަކާތްތެރި ރަމްޟާން މަހާއި އަލްވަދާއު ކިޔަން ޖެހުމުން ނުހަނު ހިތާމަ ކުރަން. އަޅާގެ ފާފަ ފުއްސަވާ އަޅާގެ ކުއް ފާފަތައް ފުއްސަވާނދޭ!

ޔާ ﷲ! އަޅަމެންނީ މަގު ގެއްލި މަގު ފުރެދިފައިވާ ބައެއް ކަމުގައި ނުލައްވައި އަޅަމެންނަށް ސީދާވެގެންވާ ތެދުމަގު ދައްކަވައި އިސްލާމް ދީނުގައި އަޅަމެންގެ ފައިތިލަތަށް ސާބިތު ކުރައްވާނދޭ!

ޔާ ﷲ! މި ބަރަކާތް ތެރި ރަމްޟާން މަހު އަޅަމެންނަށް ފަރުވާ ކުދަ ކުރެވުނު ނަމަވެސް ކުރިއަށް އޮއިތް އަހަރުގެ ރަމްޟާން މަހާއި ބައްދަލު ވުމުގެ ހެޔޮ ތައުފީޤް އަޅަމެންނަށް މިންވަރު ކުރަށްވަވައި، ކުރިއަށް އޮއިތް ރަމްޟާން މަހުގެ ހޮޔޮ ދަރުމައާއި ސަވާބު ލިބުމުގެ ހެޔޮ ތައުފީޤް މިންވަރު ކުރައްވާނދޭވެ!

އާމީން!

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ.