85
0

“ރ. ޓޫރިޒަމް އެކްސްޕޯ 2022” ގެ ހަރަކާތްތައް ރ. މީދޫގައި ފަށައިފި

85
0

“ރ. ޓޫރިޒަމް އެކްސްޕޯ 2022” ގެ ނަމުގައި ކުރިއަށް ގެންދަން ރާވާފައިވާ ހަރަކާތްތައް ރ. މީދޫގައި މިއަދު ފަށައިފިއެވެ. މި ހަރަކާތަކީ ފަތުރުވެރިކަމުގެ “ރަން އަހަރު” ފާހަގަ ކުރުމަށް ރ. އަތޮޅު ކައުންސިލްގެ ފަރާތުން، މިނިސްޓްރީ އޮފް ޓޫރިޒަމްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ހަރަކާތެކެވެ.
ރ. ޓޫރިޒަމް އެކްސްޕޯ 2022 ގައި ހިމެނޭ ހަރަކާތްތަކުގެ ތެރޭގައި ދެން ހިމެނެނީ އަންނަ ޖޫންމަހުގެ 18 ވަނަ ދުވަހު ހުޅުދުއްފާރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މޫދު ކުޅިވަރުގެ ހަރަކާތްތަކެވެ. އަތްތެރިކަމުގެ މައުރަޒު އޮންނާއި އަނގޮޅިތީމުގައި އޮގަސްޓް މަހުގެ 6 ވަނަ ދުވަހުއެވެ. މި އެކްސްޕޯގެ އެންމެ ފަހު އަދި ގާލާ ނައިޓް ބޭއްވުމަށް ނިންމާފައިވަނީ އޯގަސްޓް 20 ވަނަ ދުވަހު ރ. ދުވާފަރުގައެވެ.

މިއަދު މީދޫގައި ފެށިގެން ކުރިއަށްދިޔަ ކަލިނަރީ އާރޓްސް ޝޯވްކޭޝް އެގްޒިބިޝަންގައި ރިސޯޓްތަކުގައި ތައްޔާރުކުރާ މުހިންމު ބައެއް ބާވަތްތަކުގެ ކާބޯތަކެތި ތައްޔާރުކުރުމުގެ ހުނަރު ދައްކާލުމުގެ އިތުރަށް އެތަކެތި ރަހަބަލާލުމުގެ ފުރުސަތު ޒިޔާރަތް ކުރި ފަރާތްތަކަށް ލިބިގެންގޮސްފައިވެއެވެ.

ހުޅުދުއްފާރުގައި ބާއްވާ އިވެންޓުގައި އާންމުކޮށް ރިސޯޓްތަކުގައި މޫދު ކުޅިވަރުތަކުގައި ބޭނުންކުރާ އާލާތްތަކާއި އެތަކެތި ބޭނުންކުރާ ގޮތުގެ ހުނަރުތައް ވަރަށް ފުރިހަމައަށް ދައްކާލުން އޮންނާނެއެވެ. 


މި އެކްސްޕޯގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ބާއްވާ ގާލާ ނައިޓްގައި ގިނަ އެވޯޑްތަކެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް ހިދުމަތްކޮށް ދެއްވާފައިވާ ފަރާތްތަކާއި އިޖުތިމާއީ ކަންކަމުގައި ރ. އަތޮޅަށް އެހީތެރިކަން ދެއްވާފައިވާ ފަރާތްތަކާއި މި އެކްސްޕޯއިން ވަނަތައް ހާސިލް ކުރާ ފަރާތްތައް އިއުލާނުކުރުމާއި އިވެންޓްތައް ބޭއްވުމަށް އެހީތެރިކަން ދެއްވި ފަރާތްތަކަށް އެވޯޑް ދިނުމަށްވެސް ހަމަޖެހިފައިވެއެވެ.

ރ. އަތޮޅު ތައުލީމީ މަރުކަޒުގެ މަލްޓިޕާޕަސް ހޯލުގައި މިއަދު ކުރިއަށްދިޔަ ކަލިނަރީ އާރޓްސް ޝޯވްކޭޝް އެގްޒިބިޝަންގައި ރ. އަތޮޅުގެ 15 ރިސޯޓްގެ ތެރެއިން 7 ރިސޯޓެއް ބައިވެރިވެއެވެ. އެއީ ޖޯލި މޯލްޑިވްސް، ޖޯލި ބީން، އަދާރަން ސެލެކްޓް މީދުއްޕަރު، ހެރިޓެންސް އާރަށް، ދިގަލި މޯލްޑިވްސް، ކުޑަފުށި ރިސޯޓް އެންޑް ސްޕާ އަދި ޔޫއެންޑްމީއެވެ. 

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ.