92
0

ގޭންގް – 2 ވަނަ ބައި

92
0

ދެވަނަބައި

28 މެއި އާއި ގުޅޭ

ފަތިސްނަމާދުން ނިމިގެން އަހުސަނު މިސްރާބުޖެހީ އަހުސަނު އާއްމުކޮށް ވިޔަފާރި ކުރާ ސުޕަ މާޓަށެވެ. ފުރުމުގެ ކުރިން ގަނެލަންޖެހޭ ބައެއްތަކެތި ހުރުމުން އެތަކެތި ގަނެލުމުގެ ބޭނުމުގައެވެ.

އަހުސަނީ ޑްރީމް ލޭންޑްގެ ހީވާގި ޒުވާން މަސްވެރިއެކެވެ. ހަޔާތުގެ ބައިވެރިއަކަށް ގެންނާނެ ރަގަނޅު ބައިވެރިއަކު ދިމާނުވާތީ އަދި މީހަކާއި ނުއިދެހުރި އަހުސަނު މި ސިޓީގައި ދިރިއުޅެނީ އަހުސަނު ދިރިއުޅެން ކުންފުނިން ހަމަޖައްސައި ދީފައިވާ އެޕާޓްމަންޓްގައި މައިންބަފައިންނާއި އެކުގައެވެ. މުވައްޒަފުން އެމީހުންގެ ނުވަތަ އަބިން ފިރިންގެ މައިންބަފައިން ނާއެކު ދިރިއުޅުމުގެ ހުއްދަ ކުންފުނިން އޮންނަނީ ދީފައެވެ.

ގއ ކޮލަމާފުށިން އަހުސަނު މި ސިޓީގެ ވަޒީފާ އަށް ބަދަލުވިފަހުން މިވީ އަދި އަހަރު ދުވަހެވެ. ޑްރީމް ލޭންޑްގައި ދިރިއުޅޭ އާބާދީ އާއި ސިޓީއަށް ޒިޔާރަތްކުރާ ފަރާތްތަކަށާއި ޓޫރިސްޓް ހޮޓާ ތަކަށް ބޭނުންވާ ކަނޑު މަސްހޯދުމަށް އުފައްދާފައިވާ ކުންފުނި “ކަނޑު ރޯދި” ކުންފުނީގައި މަހަށްފުރާ 50 ދޯނި އޮވެއެވެ. 120 ފޫޓުގެ މިދޯނި ތަކަކީ ޒަމާނީ ހުރިހައި ވަސީލަތްތަކަކާއެކު މަހަށް ނިކުންނަ ފްލީޓެކެވެ. ކޮންމެ ދޯންޏެއްގައި 30 މީހުން ތިބޭއިރު އޭގެ ތެރޭގައި އިންޖިނިއަރުންނާއި ފަސްޓެއިޑުން ނާއި ޓެކްނީޝަނުން ފަދަ މަޤާމުތަކުގައި ތިބެނީ އެކަމުގެ ފަންނުވެރި ދިވެހިންނެވެ. ދޯނި ކެޕްޓަނުން ފެށިގެން ހުރިހައި އެންމެންނަކީ ވެސް އެމީހެއްގެ މަސައްކަތާއި ގުޅޭ ދާއިރާއަކުން އެއްމެ ދަށްވެގެން ޑިގްރީއެއް އޮތް މީހެކެވެ. ކުންފުނީގެ ފަރާތުން ޤަވާއިދުން މިއެންމެންނަށް ކަމާއިގުޅޭ ތަމްރީނުތައްދީ އަބަދުވެސް އެއްމެ ފަހުގެ މައުލޫމާތު ފޯރުކޮށްދެއެވެ.

އަހުސަންގެ މަސައްކަތަކީ ދޯނީގެ އިންޖީނުތަކާއި މަސްފިނިކުރާ ސިސްޓަމާއި ކަރަންޓް އާއި މުވާސަލާތީ ނެޓްވާރކް އަދި މިފަދަ ހުރިހައި ވަސީލަތްތަކެއް ބެލެހެއްޓުމެވެ. ވަޒީފާ އަކީ މިއީ ކަމުގައި ވިއަސް މަސްބޭނުމުގެ މަސައްކަތުގައިވެސް އަބަދުވެސް އަހުސަނު ބައިވެރިވެއެވެ.

ބޭނުންވާ ތަކެތި ގަނެގެން ސުޕަމާޓުން ނިކުތްތަނުން ދިމާވީ ޒައިލަމް އާއިއެވެ. ޒައިލަމް އަކީ އަހުސަންގެ ސްކޫލްދައުރުގެ ރައްޓެއްސެކެވެ. ސްކޫލް ދައުރަށްފަހު ދިހަ އަހަރުފަހުން ދެމީހުން އެންމެ ފުރަތަމަ ބައްދަލުވީވެސް މިސިޓީންނެވެ. ޒައިލަމް އަކީ ޑްރީމް ލޭންޑްގެ 25 މިސްކިތުގެ ތެރެއިން މިސްކިތެއްގެ އިމާމެކެވެ. މިސިޓީގައި އިމާމުންނަކީ ވަރަށް ޤަދަރުވެރި ބައެކެވެ. ކޮންމެ އިމާމަކު ދިރިއުޅެން ވެސް ދީފައި ހުންނަނީ 4 ކޮޓަރީގެ ލަގްޒަރީ ގެ އެކެވެ.

ޒައިލަމް އަކީ ސިޓީގެ އިމާމުންގެ ތެރެއިން އެއްމެ ފާހަގަ ކޮށްލެވޭ އިމާމެވެ. ބަންގި ގޮވާލެއް ފުރިހަމަ ކަމާއި ރީތިކޮށް ޤުރުއާން ކިޔެވުމާއި ޒައިލަމްގެ ހިތްހެޔޮކަމަކީ ވަރަށް ގިނަބަޔަކުގެ ހިތުގައި ޒައިލަމް އަށް ހާއްސަ ޤަދަރެއް ދެވިފައިވާ ކަންކަމެވެ. މި ސިޓީއަށް ބަދަލުވުމުގެ ކުރިންވެސް ޒައިލަމްއަކީ އުނގޫފާރުގެ އިތުރުން ރ އަތޮޅުގައިވެސް އެންމެ ނަންހިގާ އިމާމެވެ. މީގެ އިތުރުން ޒައިލަމް އަކީ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިއެވެ.

ދެމީހުންނަކީ މުޅިން ތަފާދު ދެދާއިރާއެއްގައި ވަޒީފާ އަދާކުރާ ދެމީހުންނަށް ވުމުން ކޮންމެ މީހަކުވެސް އަނެކާގެ މަސައްކަތްތަކާއި ބެހޭގޮތުން ވަރަށް ގިނަ ސުވާލުކޮށް ކަންކަން އޮޅުންފިލުވަން ތިއްބާ ވަގުތު ދިޔަގޮތް އެކަކަށްވެސް ނޭންގުނެވެ. ދެމީހުންނަށްވެސް ހޭވެރިކަންވީ ޒައިލަމްގެ އަނެހެނުންގެ ކޯލަކުންނެވެ. ދަރިފުޅު ސްކޫލަށް ގެންދާ ވަގުތު ގާތްވުމުން ދިން ރިމައިންޑަ އަކުންނެވެ. ޑްރީމް ލޭންޑްގައި ސްކޫލް ތަކުގެ ކިޔެވުން ފަށަނީ ފަތިސް ނަމާދަށްފަހު ފަތިހު ފަސްގަޑި ތިރީހުގައެވެ.

ޓްރެފިކް ލައިޓް އަށް ބަސް ހުއްޓާލުމާއެކު އަނެއްކާވެސް ލަމްހާއަށް ގަޑިއަށް ބަލާލެވުނެވެ. މިއަދު ލަމްހާއަށް އެއްކަމެއްވެސް ރަގަނޅަކަށް ނުވެއެވެ. ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. ފަތިސް ނަމާދު ކޮށްގެން ނިކުންއިރު ދަރިފުޅު މަސަލަސްނުވެގެން މަންމަ އިނީ ގޮތްހުސްވެފައެވެ. ދަރިފުޅު ބޮޑާހާކަނީ އޭނަގެ ފޭވަރިޓް ކޯންފްލެކްސް ހުސްވެފައި ހުރީމައެވެ. ލަހުން ހޭލެވުމުން އިތުރަށް ތަނަކަށް ދާކަށް ވަގުތެއް ނުލިބުނެވެ. އެގޮތްމިގޮތުން ދަރިފުޅު ރުއްސާ ހަމައަކަށް އެޅުވުނުއިރު ފުރަތަމަ ބަސް އަންނަން އިނީ 15 މިނެޓެވެ. ތައްޔާރުވެގެން ތިރިއަށް ފޭބިއިރު ފޭބުނީ އެކްސެސް ކާރޑް ނުލައެވެ. އަލުން މައްޗަށްގޮސް ފޭބިއިރު ބަސް ހިނގައްޖެއެވެ. ލަމްހާއަށް އެރުނީ އޭގެ 10 މިނެޓް ފަހުން އައި ބަހަށެވެ.

ލަމްހާ އަކީ ޑްރީމް ލޭންޑްގެ އިންޓަނޭޝަނަލް އެއަރޕޯޓްގެ ހެޑް އޮފީހުގައި މަސައްކަތްކުރާ މުވައްޒަފެކެވެ. ސިލިންފަރުގައި ތަރައްޤީކޮށްފައިވާ މި އެއާރޕޯޓަށް ދިއުމަށް ދެ ބްރިޖް ހުރަސް ކުރަން ޖެހެއެވެ. ސިލިންފަރުގައި ހުންނަ އެއާރޕޯޓްގެ ހެޑްއޮފީހަށް ދެވޭނީ ބަހުގައި 45 މިނެޓް ދުއްވައިގެންނެވެ. ބަސް ސްޓޮޕުން ހިނގާފައި އޮފީހަށް ދާންވެސް 4 މިނެޓްވާނެއެވެ.

ނުނިމޭ

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ.