444
0

އުނގޫފާރު އީދު ޝެޑިއުލް އާންމު ކޮށްފި

444
0

1443 ވަނަ އަހަރުގެ އަލްހާޢީދުގެ ކުޅިވަރުތަކުގެ ޝެޑިއުލް އުނގޫފާރު އީދު ކޮމެޓީން އާންމު ކޮށްފިއެވެ. އިއްޔެ އާންމު ކުރި ޝެޑިއުލްގައި ވާގޮތުން ހައްޖު ދުވަހުގެ ރޭއާއި ޢީދުގެ 4 ދުވަހު ކުރިއަށް ގެންދިއުމަށް ތަފާތު ފޯރިގަދަ ކުޅިވަރުތައް ވަނީ ހިމަނާފައެވެ.

އުނގޫފާރުގައި އީދު ކުޅިވަރުތައް ފެށެނީ ޢީދު ވެދުމާ ދިއުމުންނެވެ. ޢީދު ވެދުމާއި ދިއުމުގައި ޢީދު ކުޅުމުގެ ހުއްދަ ނެގުމާއި ޢީދު ހުޅު ރޯކުރުން ހިމެނއެވެ. ޢީދު ވެދުމާ ދިއުމަކީ އުނގޫފާރުގައި ޢީދު ފާހަގަ ކުރުމުގައި ކުރިއަށްގެންދާ އެންމެ ރީތި އެއް ކުޅިވަރެވެ.

އީދު ދުވަހު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމާއެކު ޢީދު ސައި ބާއްވާއިރު ހެނދުނު ދެން އޮންނާނީ ފިރެހެނުންގެ ބިލެއް އެޅުމެވެ.

ޢީދު ދުވަހުގެ ހަވީރު މަގުމަތީގެ ކުޅިވަރު ތައްބާއްވާއިރު މިކުޅިވަރު ތަކުގައި ފިރެހެނުންގެ ބިލެއްދަފި ނެގުމާއި އަންހެނުންގެ ޝަޤާފީ އައިޓަމްތައް ފެނިގެންދާނެއެވެ.

އީދު ދުވަހުގެރޭ އޮންނާނީ ތަފާތު ވައްތަރުގެ މާލި ހިމެނޭ މާލި ކުޅިވަރެވެ. މި މާލި ކުޅިވަރުގައި ސާޅީހަށްވުރެ ގިނަ މާލި ހިމެނޭނެކަމަށް މައުލޫމާތު ލިބެއެވެ.

ޢީދުގެ ދެވަނަ ދުވަހު ހެނދުނު އޮތީ ސްކެވެންޖަރ ހަންޓް / ކަލަރ ރަންއެވެ. އަދި ހަވީރު ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތައް ހަވީރީ މާލި ތަކާއެކު ކުރިއަށް ދާނެއެވެ. ރޭގަނޑު އޮންނާނީ ސްޓޭޖް ޝޯވ އެވެ. މިޝޯވ ގައި ނެށުމުގެ ތަފާތު އައިޓަމް ތަކާއި ސަޤާފީ އައިޓަމްތައްވެސް ފެނިގެންދާނެއެވެ.

އީދު ތިންވަނަ ދުވަހު ހެނދުނު ފިރެހެނުން ކޯޑި ބަލާ ރަށުންބޭރަށް ދާއިރު ހަމަ އެގަޑީގައި އަންހެނުންގެ ބިލެއް އެޅުން ކުރިއަށް ދާނެއެވެ. ހަވީރު އޮންނާނީ ފިރެހެނުންގެ ކޯޑި ނެރުމެވެ. އަދި ސްޓޭޖް ހަރަކާތް ތަކާއެކު އެރޭ ބޮޑުމަސް ކުޅުން ކުރިއަށް ދާނެއެވެ.

ޢީދުގެ ފަހު ދުވަހު ހެނދުނު އޮންނާނީ ކޯޑި ކެނޑި މީހާގައިގައި މާލި ބަނދެ މާލި ނެރުމުގެ ހަރަކާތާއި ފެންކުޅީގެ ކުޅިވަރެވެ.  އަދި ހަވީރު އަންހެނުންގެ ކޯޑި ކުރިއަށް ދާއިރު ޢީދުގެ ފަހުރޭ އޮންނާނީ ބާބެކިއު އަދި ކޯޑި ފަރިވަޅާއެކު ކުރިއަށްދާ ސްޓޭޖް ހަރަކާތްތަކެވެ.

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ.