117
0

ގޭންގް – 6 ވަނަ ބައި

117
0

4 ޖުލައި އާއި ގުޅޭ

ޒިލާލް ބޭނުންވަނީ އޭނަ ކުރާ ކޮންމެ ކަމަކީ ވަރަށް ފުރިހަމަ ކަމެއްގެ ގޮތުގައި މީހުންނަށް ވިސްނައިދޭށެވެ. އޭނަނޫން މީހަކަށް އެކަންކަން އެގޮތަށް ނުކުރެވޭނަކަން މީހުންނަށް ވިސްނައިދޭށެވެ. ކަންކަން މިހާ ފުރިހަމައަށް މިދަނީ ސީދާ ޒިލާލްގެ މޮޅު ވިސްނުމާއި ޤާބިލް ކަމުންކަން ވިސްނައި ދޭށެވެ. މިކަންކަމާއެކު އޭނާގެ ވަޒީފާގެ ޔަޤީންކަން ކަށަވަރުކުރުމެވެ. ކުންފުނީގެ ވެރިންނަށްވެސް ޒިލާލް އަށް ގޮތެއްހެދުމަކީ ޑްރީމް ލޭންޑްގެ ހާއްސަކޮށް ޒުވާނުންގެ ބޮޑު ޕްރެޝަރެއް އަންނާނެ ކަމެއްކަން ދައްކާށެވެ.

މިކަންކަން މިމަގުން ގެންދިއުމާއި ޒިލާލްގެ ފޮލޯވާސް ގިނަ ކުރުމަށް ޒިލާލް ކޮންމެފަދަ ހަރަދެއްވެސް ކަމެއްވެސް ކޮށްފާނެއެވެ. އަދި މިކަމުގައި އޭނާގެ މައިންބަފައިންގެ އެހީތެރިކަން ހުރިހައި ގޮތަކުންވެސް ހޯދައެވެ. މައިންބަފައިންގެ ފަރާތުން ފައިސާ އެހީ އާއި ނުފޫޒުގެ ބޭނުންވެސް އިންތިހާ އަށް ހިފައެވެ.

ޑްރީމް ލޭންޑްގެ ބައެއް ކުލަބު ތަކަށް ސްޕޮންސަރ ގެ ގޮތުގައި މަންމަގެ އާއިލީ ވިޔަފާރިން ފައިސާ ހަރަދުކުރެއެވެ. އަނެއްބައި ކުލަބުތަކަށް އެހީތެރިކަން ދެނީ ވަކިން ލިޒާލް އާއި ބައްދަލުކޮށް އެހީއަށް އެދުމުންނާއި ތައުރީފްކޮށް ދައްކާ ވާހަކަ ތަކަށް ބެލުމަށް ފަހުއެވެ. މިފަދަ ކުލަބު ތަކަށް ފައިސާދެނީ އެކުލަބަކަށް ދަތިވާ ވަގުތުބަލާފައި އެކަމުން އަރައިގަތުމަށްވެދޭ އެހީއެއްގެ ގޮތުގައެވެ.

މިހެންކަމުން ގިނަ ކުލަބް ތައް ޒިލާލް ކޮންޓްރޯލް ކުރަނީ އެކުލަބްތަކަށް ބޮޑުކަމެއް ދިމާވާ ކޮންމެ ދަނޑިވަޅެއްގައި ޒިލާލް ހުންނާނެ ކަމުގެ ޔަޤީންކަން ދީގެންނެވެ. ކުލަބުތަކުގެ މެނޭޖްމަންޓްގައި ޒިލާލްގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ޒިލާލްއަށް ވަރަށް ވަފާތެރި މީހުން ތިބެއެވެ. އެމީހުންގެ ހަޤީޤީ މަސައްކަތަކީ ޒިލާލް ޕްރޮމޯޓްކުރުމެވެ. ބަދަލުގައި މާލޭ ސިޓީގައި ދިރިއުޅޭ އެމީހުންގެ އާއިލާތަކަށް ޒިލާލްގެ މަންމަގެ ވިޔަފާރިން ވަޒީފާ އާއި އެކިކަހަލަ ފަސޭހަ ތައް ފޯރުކޮށްދެއެވެ. މިހުރިހައި ކަމެއް މިގޮތަށް ކުރުމުގެ ހަޤީޤީ ބޭނުމަކީ ބާރާއި ނުފޫޒެވެ.

ކުޅިވަރުގެ މީހެއްގެ ތާކިހަލުގައި ޒިލާލް އޭނަގެ ޕްލޭން ވަރަށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެއެވެ. ސިޔާސީ ގޮތުން ރާއްޖޭގެ ބޮޑު ދެޕާޓީގެ މެދުފަންތީގެ މީހުންނާއި ގުޅުން ރަގަނޅުކޮށް ކޮންމެ ޕާޓީއެއް ވެރިކަމުގައި އޮތަސް ސިޔާސީ ހިމާޔާތްވެސް ޒިލާލް ކަށަވަރު ކުރެއެވެ. ޒިލާލްގެ ބައްޕަ އަކީ ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ މަޤާމު ފުރުއްވި ބޭފުޅެކެވެ. ހާއްސަކޮށް ކުރީގެ ރައީސްގެ ޒައާމަތުގެ 10 އަހަރު އާރާއި ބާރުގައެވެ. ޑްރީމް ލޭންޑްގެ ވަޒީފާ އަށް ޒިލާލް އައުމުގެ ކުރިން ގްރޭޓާރ މާލޭ އޭރިއާގައި ޒިލާލް އިއްޒަތާއި ގަދަރުގައި އުޅުނީ މަންމަގެ އާއިލީ ވިޔަފާރީންނާއި ބައްޕަގެ ސިޔާސީ ނުފޫޒުންނެވެ.

ސަރުކާރު ބަދަލުވެ ބައްޕަގެ ސިޔާސީ ހަޔާތައް ހަރީފު މޫސުން ކުރިމަތިވުމުން ޑްރީމް ލޭންޑަށް ބަދަލުވީ ބައްޕަގެ މަޝްވަރާގެ މަތިންނެވެ. ޒިލާލް ބޭނުންވަނީ ޑްރީމް ލޭންޑްގައިވެސް އެފަދަ ބާރުވެރި ކަމެވެ. އެކަން ހާސިލް ކުރުމަށް ބައްޕަގެ ސިޔާސީ ތަޖުރިބާއާއި މަންމަގެ ތަނަވަސްކަން ޒިލާލްއަށް ފުދެއެވެ. މިހާރު ވެރިކަން ކުރާ ޕާޓީއަށް ބައްޕަގެ ސިޔާސީ ވިސްނުން ބަދަލުކުރީ ސީދާ ޒިލާލްގެ ހުވަފެން ހަޤީޤަތަކަށް ހެދުމަށެވެ.

ގިނަބަޔަކަށް ހީވެފައި އޮންނަނީ މުޅިން އެހެން ގޮތަކަށެވެ. އެކަމަކު އެއީ ޒިލާލްވެސް އަދި މަންމަ އާއި ބައްޕަވެސް ހަޤީޤަތުގައި ބޭނުންވާގޮތެވެ. ބޭރުފުށުން ފެންނަ ގޮތުގައި ރޫޅިފައިވާ އެއާއިލާގައި އެއްވެސް ގުޅުމެއް ނޯވެއެވެ. ޒިލާލްގެ ބައްޕަ އާއި ޒިލާލްގެ ގުޅުން ރަގަނޅެއް ނޫނެވެ. ޒިލާލް ކުޑައިރު މަންމަ ޒިލާލް ދޫކޮށްލާފައި ދިއުމުން ޒިލާލްގެ ހިތުގައި މަންމައަށް އެއްވެސް ޤަދަރެއް އިހުތިރާމެއް ނެތެވެ. ނަމަވެސް ހަޤީޤަތަކީ މީގެ އަނެއްކޮޅެވެ.

ކުޅިވަރުގެ އެއްވެސް ކަމެއްގައި ޒިލާލްއަށް ނުކޮށްދެވުނު ކަމެއް އެހެން އެއްވެސް މީހަކަށް ކޮށްދެވިގެން ނުވާނެއެވެ. އެފަދަ ކަމެއް މީހަކު ކޮށްދޭން އުޅޭނަމަ ކޮންމެވެސް ގޮތަކުން އެމީހަކު ޒިލާލް ހުއްޓުވާނެއެވެ. އެއީ ފުރާނަ އާއި ހަމައިންވިއަސް މެއެވެ.

މިކަމުގެ ހަޤީޤަތް އެންމެ ރަގަނޅަށް އެނގެނީ ފިޒާން އަށެވެ. ޑްރީމް ލޭންޑްގެ ސެކިއުރިޓީގެ އެއްމެ އިސްވެރިއާގެ މަޤާމަށް ފިޒާން އައުމަކީ އިއްތިފާޤެއް ނޫނެވެ. އެއީވެސް ވަރަށް ބޮޑަށް ރޭވިގެން ކުރިއަށްދާ މަސައްކަތެކެވެ.

މީގެ 3 އަހަރު ކުރިން ހުޅުމާލޭ ހައިވޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކު މަރުވިއެވެ. ޒަވީން އަކީ ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ބޮޑު މަޤުބޫލު ކަމެއް ހޯދި ޒުވާނެކެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން މާލޭގައި ބާއްވާ އަންހެން ފުޓްސަލް މުބާރާތް އުފަންކުރި މޭސްތިރިއެވެ. މިމުބާރާތުގެ ސަބަބުން ޒުވާން އަންހެން ކުދިންގެ މެދުގައި ޒަވީން މައްޝޫރު ވެގެން ދިޔައެވެ. މުބާރާތް ނިމިގެން ދިޔައިރު ރާއްޖޭގެ މީޑިއާގެ މުޅި ފޯކަސް ހުއްޓިފައިވަނީ ޒަވީން އަށެވެ.

އެފަދަ މުބާރާތެއް ރާވާ އިންތިޒާމު ކުރި ގޮތެވެ. މުބާރާތަށް ރާއްޖެއާއި ރާއްޖެއިންބޭރުން ފަންޑު ހޯދިގޮތެވެ. މުބާރާތް މާކެޓް ކުރުމުގައި ބޭނުންކުރި އުކުޅު ތަކެވެ. ވަޅުޖަހާފައި އޮތް ފުޓުސަލް އަށް ދިރުންގެނައި ގޮތެވެ.

ސަރުކާރާއި އަދި ޒުވާނުންގެ ފަރާތުން ނާއި ރާއްޖޭގެ ބޮޑެތި ހުރިހައި މީޑިއާއަކުން ޒަވީން އަށް ލިބެމުން ދިޔަ ތައުރީފުގެ ބަސްތަކާއި ލޯބި، މިއީ ޒިލާލް އަށް ބަލަން ކެއްވާވަރުގެ ކަމަކަށް ނުވިއެވެ. އެހިސާބުން އެޒުވާނެ ނިމުން އައީއެވެ.

ޒަވީންގެ މަރުގެ މައްސަލައިގެ ހުރިހައި ކަމަކާއި ހަވާލުވެ އެމައްސަލަ ކުރިއަށް ގެންދިޔައީ ފިޒާން އެވެ. މައްސަލަ ނިންމަން ޖެހުނީ ޒަވީން މަރުވީ އެކްސިޑެންޓަކުން ކަމަށެވެ. ހަޤީޤީ ޤާތިލު ސަލާމަތްވީ އެކަން ކުރިލެއް ފުރިހަމަ ކަމުންނެވެ. އޭނާއާއި ހަމައަށް ދެވޭނެ ޤާނޫނީ އެއްވެސް ހަމައެއް ނުފެނުނެވެ. އެކަމަކުވެސް ދުވާލުގެ އިރު އިނގޭފަދައިން ޤާތިލަކީ ކާކުކަން ފިޒާން އަށް ޔަޤީންވެއެވެ.

ނުނިމޭ

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *