231
0

ގޭންގް – 1 ވަނަ ބައި

231
0

ފުރަތަމަބައި

މާކިން އާއި ޒިލާލް އަދި ހައިކަލް ތިބީ ޑްރީމް ލޭންޑްގެ ހިތްގައިމު މޫދު ރެސްޓޯރަންޓެއްގައި ކޮފީބޯށެވެ. ޑްރީމް ލޭންޑް އަކީ ދިވެހިރާއްޖޭގެ 5 ވަނަ ސިޓީއެވެ. އުނގޫފާރުގެ މަހުޖަނަކު ރ އަތޮޅު ބޮޑުފަރު ހިއްކައި އެތަނުގައި، މުޅިން އައު ކޮންސެޕްޓަކަށް ވިޔަފާރި އުސޫލުން ތަރައްޤީ ކޮށްފައިވާ މިސިޓީ އަކީ އޭޝިއާ ބައްރުގެވެސް އެއްމެ ކުރިއަރާފައިވާ ސިޓީއެވެ. ޒަމާނީ ވަސީލަތްތަކާއި އެންމެފަހުގެ ޓެކްނޮލޮޖީން ހުރިހައި ކަމެއް ފުރިހަމަ ކޮށްފައިވާ މިސިޓީގައި ތިރީސް ހާހަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ.

މިސިޓީގައި ދިރިއުޅެނީ ވަކިބައެވެ. އެއީ އެތަންހިންގާ ޑްރީމް ލޭންޑް ކުންފުނީގެ މުވައްޒަފުންނާއި އެމުވައްޒަފުންގެ އާއިލާތަކެވެ. ޑްރީމް ލޭންޑްގެ ތަފާތު ކޮންސެޕްޓްގެ ދަށުން އެކުންފުނީގެ ވަޒީފާގައި އުޅޭ އެއްމެ ދަށްފަންތީގެ މުވައްޒަފުވެސް ޑްރީމް ލޭންޑްގައި ދިރިއުޅޭނީ އެމުވައްޒަފެއްގެ އާއިލާއާއެކު 3 ކޮޓަރީގެ ލަގްޒަރީ އެޕާޓްމެންޓެއްގައެވެ.

މިއާއިލާތަކަށް ބޭނުންވާނެ ހުރިހައި ވަސީލަތެއްވެސް މި ސިޓީގައި އެކުންފުނިންވަނީ ގާއިމްކޮށްފައެވެ. އެގޮތުން ކުޅިވަރު ކުޅޭނެ ކޯޓްތަކައި ދަނޑު ތަކާއި ހިތްއުފާކޮށްލާނެ ޕާކްތަކާއި ފިހާރާތަކާއި ހޮޓާކެފޭ އަދި އެކިބާވަތުގެ ވިޔަފާރިތައްވެސް ވަނީ ގާއިމްކޮށްފައެވެ. މުވައްޒަފުންގެ ދަރިންނަށް ތައުލީމު ދިނުމަށްބޭނުންވާނެ ސްކޫލް ތަކާއި ޔުނިވާސިޓީތައްވެސް މިސިޓީގައި ވަނީ ގާއިމްކޮށްފައެވެ. ޖުމުލަކޮށް ބުނާނަމަ ކުރިއަރާފައިވާ ސިޓީއެއް ގައި ހުންނާނެ ނުވަތަ ހުންނަން ޖެހޭނެ ހުރިހައި ކަންކަމައި ވަސީލަތްތަކެއް މިސިޓީގައި ވަނީ ގާއިމުކޮށްފައެވެ.

މާކިން އަކީ ޑްރީމް ލޭންޑްގައި އިންޓަނޭޝަނަލް 10 ސްކޫލް ހިންގާ ސްކޫލްސް އޮފް އިންޓަނޭޝަނަލްގެ އެމްޑީއެވެ. މަޤާމުގެ އިތުރުން ޑްރީމް ލޭންޑް ކުންފުނީގެ ބޮޑެތި މީހުނާއި އޮންނަ ގާތްގުޅުމުގެ ސަބަބުން ސިޓީގައި ނުފޫޒުގަދަ މީހެކެވެ. އަލަތު ކައިވެންޏަށް ލިބިފައިވާ 3 ކުދިންނާއެކު އުފާވެރި ދިރިއުޅުމެއް އުޅެމުންދާ މީހެކެވެ. ހއ ކެލައަށް އުފަން މާކިން އަކީ ކަމާގުޅޭ ދާއިރާގެ އިތުރުން ޕޮލިޓިކަލް ސައިންސްއިން ވެސް މާސްޓަރސް ހަދާފައި ހުރި މީހެކެވެ. މާކިންގެ މަސައްކަތަކީ ޑްރީމް ލޭންޑް ކުންފުނިން ކަނޑައަޅާފައިވާ ތައުލީމީ ސިޔާސަތު ރަނުން ރަނަށް ތަންފީޒުކުރުމެވެ.

ޒިލާލް އަކީ ޑްރީމް ލޭންޑްގެ ކުޅިވަރާއި މުނިފޫހި ފިލުމުގެ ހުރިހައި ކަމެއް ހިންގާ ބެލެހެއްޓުމަށް އުފައްދާފައިވާ ކުންފުނި ގޭމްސް އޮފް ދަ ލޭންޑް ގެ އެމްޑީއެވެ. ޒިލާލް އަކީވެސް ސިޓީގެ ޒުވާނުންނާއި ކުޅިވަރަށް ލޯބިކުރާ ވަރަށް ގިނަބައެއްގެ މެދުގައި ވަރަށް މަޤުބޫލު މީހެކެވެ. ގިނަ ކުޅިވަރުތަކެއް މޮޅަށް ކުޅުމުގެ ހުނަރު ޒިލާލްގެ ކިބައިގައި ހުރުމަކީ ޒިލާލްގެ މަޤުބޫލުކަން އިތުރުވެފައިވާ މައިގަނޑު ސަބަބެވެ. މާލޭ ސިޓީއަށް އުފަން ޒިލާލްގެ މައިންބަފައިންނަކީވެސް ތަނަވަސް ބައެކެވެ. ޒިލާލްގެ އުމުރުން 6 އަހަރުގައި މައިންބަފައިން ވަކިވެ އާއިލާރޫޅިފައިވާތީ ޒިލާލް އުޅެބޮޑުވީ މަންމަ ފަރާތު ބޮޑުދައިތައެއްގެ ކައިރީގައެވެ. މައިންބަފައިން ވަކިވެ އެމީހުންގެ އަޅާލުން ޅަދުވަހު ނުލިބުމުގެ ސަބަބުން ޒިލާލް ތައުލީމީ ހަޔާތް މާ އުފާވެރި ނުވިޔަސް ބޮޑުދައިތަގެ ހިތްވަރުން ކުޅިވަރުގައި ޒިލާލް ކާމިޔާބު ހޯދިއެވެ. ފުޓުބޯޅަ އާއި ވޮލީ އަދި ގިނަ އިންޑޯ ކުޅިވަރުތަކުގައި ޒިލާލްގެ ނަން ވިދާލިއެވެ.

ހައިކަލް އަކީ ޑްރީމް ލޭންޑް ކޮމްޕެނީގެ މައި ހިއްސާދާރުގެ ދޮށީ ދަރިއެވެ. ބިލިއަންޑޮލަރުގެ އަގުބޮޑު ސިޓީގެ މޭސްތިރިއެވެ. މުޅި ސިޓީ ފަރުމާ ކޮށްފައިވަނީ ސީދާ ހައިކަލް ބޭނުންވި ގޮތަށެވެ. ސިޓީގައި ގާއިމުކޮށްފައިވަ ހުރިހައި ހިދުމަތްތަކާއި ވިޔަވާރިތަކާއި ކަންކަން ތަރުތީބު ކުރެވިފައިވަނީ ހައިކަލް އޭނާގެ ބައްޕައަށް ހުށައެޅި ޕްރޮޕޯސަލްގައިވާ ގޮތަށެވެ. 2050 ވަނަ އަހަރު ކުންފުނީގެ ބޯޑަށް ގެންނަން ނިންމާފައިވާ ބޮޑެތި ބަދަލުތަކާއެކު ކުންފުނީގެ ސީއީއޯގެ މަޤާމާއި ހަވާލުވާން ތައްޔާރަށް ހުރި ހައިކަލްއަކީ މިހާރުވެސް ކުންފުނީގެ މޫނުމަށްޗެވެ. ދިރިއުޅުމުގައި ދިމާވި ކަމަކާއި ގުޅިގެން ކިޔެވުން ފުރިހަމަ ނުކޮށް އަމަލީ މައިދާނަށް ނިކުމެ ކާމިޔާބު ހޯދާފައިވާ ހައިކަލްއަކީ ހިތްހެޔޮ އޯގާތެރި މީހެކެވެ. ބޭނުން ޖެހިފައިވާ މީހުންގެ ބޭނުންތައް ފުއްދައިދީ އެހިތެރިކަން ފޯރުކޯށްދިނުން އަމިއްލަކަމެއްގެ ގޮތުގައި ދެކި އެކަންކަން ކޮށްދިނުމުގައި އަވަދިނެތި އުޅޭ މީހެކެވެ.

މި ތިންމީހުން އެކުގައި ފެނުމަކީ އާދައިގެ ކަމެއްނޫނެވެ. ޑްރީމް ލޭންޑްގެ މީޑިއާތަކަށާއި ރާއްޖޭގެ މީޑިއާތަކުން ރިޕޯރޓް ނުކުރި ކަމުގައިވިއަސް މިމީހުންގެ ކަންކަން ދަންނަ މީހުންނަށް މިއީ ވަރަށް ބޮޑުކަމެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި މިއީ ކޮންމެވެސް ބޮޑުކަމެއް ނުވަތަ ކަންތައްގަޑެއް ފެށުމުގެ ކޮޅުމަށްޗެވެ.

ކޮފީ ނިމިގެން 3 މީހުން އެމީހުންގެ މަންޒިލަށް އެނބުރި ދިޔަމަންޒަރު އެންމެ ގާތުން ފެނުނުމީހަކީ އެވަގުތު އެތަނުގައި މާދުރުނޫން މޭޒެއްގައި އިން އަލީ ފިޒާން އެވެ. ފިޒާން އަކީ ޑްރީމް ލޭންޑްގެ ސެކިއުރިޓީގެ އެއްމެ އިސްވެރިއާއެވެ. މި ސިޓީގެ ސެކިއުރިޓީގެ ހުރިހައި ކަމެއް ބަލަހައްޓަނީ ދިވެހި ފުލުހުންނެވެ. ސަރުކާރާއެކު ހަދާފައިވާ އެއްބަސްވުމުގެ ދަށުން ސިޓީގައި މަސައްކަތްކުރާ ދެހާސް ފުލުހުންގެ އެންމެ އިސްވެރިޔާއެވެ. ފުލުހުންގެ އިސްވެރިޔާގެ ހައިސިއްޔަތުން ޑްރީމް ލޭންޑް ސިޓީގެ އިންޓެލިޖަންސްގެ ހުރިހައި ކަމެއްވެސް ބަލަހައްޓަނީ ފިޒާންއެވެ. ފިޒާން އަށް މިމަންޒަރު ބަލަން މާފަސޭހައެއްނުވިއެވެ.

ބޭރުން ފެންނައިރު ކިތަންމެ ސްމާޓްކޮށް ތިއްބަސް އެމީހުންނަކީ ކިހިނެއްއުޅޭ ކޮންބައެއްކަމާއި އެމީހުން ކޮށްފަ ނުކުރާނެ ކަންތައް އެންމެ ރަގަނޅަށް އެނގޭނެ އެކަކީ ހަމަގައިމުވެސް ފިޒާންއެވެ. ވަޒީފާގެ މައްސޫލިއްޔަތާއި ހެދިފައިވާ އެއްބަސްވުންތަކުގެ ތެރެއިން އެކަންކަމަކީ ފިޒާން އާއި ބެހޭކަމަށް ނުވާތީ ކުރެވޭނެ ކަމެއްނެތިފައި ބަލަންހުރުން ނޫން ގޮތެއް ފިޒާންއަކަށް މިއަދަކު ނެތެވެ. އެކަމަކުވެސް ފިޒާން އުއްމީދު ކަނޑައެއް ނުލައެވެ.

ނުނިމޭ

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *