315
0

ގޭންގް – 4 ވަނަ ބައި

315
0

16 ޖޫން އާއި ގުޅޭ

މީޓިން އަށް ޑްރީމް ލޭންޑްގެ ކަމާގުޅުންހުރި ހުރިހައި ކުންފުނިތަކުގެ އިސްވެރިންނާއި އަދި ހައިކަލްގެ ހާއްސަ ދައުވަތަށް ވަޑައިގެންނެވި ސަރުކާރުގެ މިނިސްޓަރުން ނާއި މީޑިއާތައްވެސް ވަދެ ނިމިއްޖެއެވެ.

ބައްދަލުވުން ފައްޓަވައި ދެއްވީ ހައިކަލްއެވެ. ޑްރީމް ލޭންޑް ގައި ބާއްވާ ކުޅިވަރު މުބާރާތް “ގޭމްސް އޮފް ހެޕިނަސް – ރޯޑް ޓް ޑްރީމް ލޭންޑް” ކުރު ތައާރަފެއް ހައިކަލް ދިނެވެ. މިކަމުގައި ޑްރީމް ލޭންޑްގެ ހުރިހައި އެންމެންގެ ބައިވެރިވުން ބޭނުންވާ މިންވަރާއި ސަލާމަތީ ހިދުމަތްތަކާއި މީޑިއާގެ ދައުރު ބޭނުންވާ ގޮތް ބުނެދިނެވެ.

ބޮޑު ކުޅިވަރު އީދުގައި ކުރިއަށްދާނެ ކުޅިވަރު މުބާރާތްތަކާއި އެތުލީޓުންނާއި އޮފިޝަލުންގެ ކަންކަން އިންތިޒާމު ކުރަން ބޭނުންވާ ގޮތްތަކާއި ބެހޭގޮތުން ވާހަކަ ދެއްކި ސާރާއެވެ. ސާރާގެ ޕްރެޒެންޓޭޝަން ނިމުމާއެކު ފްލޯ ހުޅުވަލީ ބައްދަލުވުމުގެ އެހެން ބައިވެރިންނަށެވެ.

ބައިވެރިންގެ ފަރާތުން އެއްމެ ގިނަ ސުވާލު އަމާޒުވީ ސާރާ އަށެވެ. ޑްރީމް ލޭންޑްގެ ގޭމްސް އޮފް ދަ ލޭންޑް ގެ އެމްޑީ ޒިލާލްގެ ސުވާލުތަކަށް ވަރަށް ފުރިހަމަ އަށް ސާރާ ޖަވާބުދާރީ ވިއެވެ. ޒިލާލް އަށްފަހު ސްކޫލްސް އޮފް އިންޓަނޭޝަނަލްގެ އެމްޑީ މާކިންވެސް ބައެއް ސުވާލު ކުރިއެވެ. އެކަމަކު މާކިންގެ ގިނައީ ސުވާލަށްވުރެ ޒިލާލް ކުރި ސުވާލު ތަކުގެ މުހިއްމު ކަން ބަޔާންކޮށް ޒިލާލް އަށް ތައުރީފް ކޮށް ދެއްކި ވާހަކައެވެ. މިވާގޮތް މީޓިންގައި އިން ޑްރީމް ލޭންޑްގެ ސެކިއުރިޓީގެ އެއްމެ އިސްވެރިއާ ފިޒާން އަށް ވަރަށް ރަނގަޅަށް އެނގެއެވެ.

ޒިލާލް އިނީ ފުރުސަތަކަށް ބަލަބަލައެވެ. މީޓިން ނިންމާފައި އެންމެން ނިކުންނަން އައި ވަގުތު ޒިލާލް ސާރާ އަށް ގޮވާލިއެވެ.

“ސާރާ! މަރުހަބާ! ވަރަށް ފުރިހަމަ ޕްރެޒެންޓޭޝަން” ވާހަކަ ދައްކާލާނެ ފުރުސަތެއް ހޯދުމުގެ ގޮތުން ޒިލާލް ބުންޏެވެ.

“ޝުކުރިއްޔާ!” ސާރާވެސް ޖަވާބުގައި ބުނެލިއެވެ.

ފުރުސަތުގެ ބޭނުންހިފައި ޒިލާލް ސާރާ އަށް ކޮފީ އަކަށް ދައުވަތު ދިނެވެ. ސާރާ ވެސް ދައުވަތު ޤަބޫލުކޮށް ޒިލާލް އާއި އެކު ކޮފީ އަށް ދިއުމަށް ނިކުތެވެ.

ފަހަތުން މާކިންވެސް އައިސް އެމީހުންނާއި ބައިވެރިވިއެވެ.

“ސާރާ! މި އިވެންޓް ވަރަށް ފުރިހަމައަށް ގެންދެވޭތޯ އަހަރެމެން އެންމެން ވަރަށް މަސައްކަތް ކުރަންވާނެ” އިށީން ނަމުން މާކިން ބުނެލިއެވެ.

“ސާރާ މެން އަހަރެމެންނަށް ބޭނުންވާ ސަޕޯރޓް ފުރިހަމައަށް ދެވެންޏާ މީ އެއްވެސް ކަމެއްނޫން ދޯ މާކިން؟” ޒިލާލް މާކިން އަށް ފުރުސަތު ދެމުން ބުންޏެވެ.

“ތިބުނި އެއްޗެއް ސާފެއްނުވި” ޖަވާބު ދިނީ ސާރާއެވެ.

“މިބުނީ ބަޖެޓާއި ވަސިލަތްތަކާއި ހިއުމަން ރިސޯސްގެ ވާހަކަ ދޯ” ޒިލާލް އަށް ދޯދެމުން މާކިން ވާހަކަ ދެއްކިއެވެ.

“މިވަރުގެ ކަމަކަށް މި ސިޓީގެ ކުޅިވަރު ބައެއް ފެސިލިޓީސް އަޕްގްރޭޑް ކުރަންޖެހޭނެ އަދި މުބާރާތައް އަންނަ އެތުލީޓުންނާއި އޮފިޝަލުން ގެ އެކަމަޑޭޝަން ކަންކަން ފުރިހަމަ އަށް ގެންދިއުމަށް ހޮޓާ ތަކުގެ ސަޕޯޓް ވަރަށް ބޮޑަށް ބޭނުންވާނެ، އޯޕަނިން އަދި ކްލޯސިން ސެރެމަނީގެ އައިޓަމްގެ ކަންތައް އަޅުގަނޑު ކުރިއަށް ގެންދާނަން، އެކަމުގައި ހުރިހައި ސްކޫލެއްގެ ބޭނުން ވަރަށް ފުރިހަމަ އަށް ހިފޭނެ” މާކިން ބުންޏެވެ.

ކޮފީ ނިމިގެން ދިޔައީ ސާރާ ގާތު މާކިން އާއި ޒިލާލް އެކަކު އަނެކަކުގެ މޮޅުވާހަކަ ދެއްކުމާއި ތައުރީފް ކުރުމުގައެވެ. އަލަށް ބައްދަލުވު މިދެމީހުން ގާތް ދެރައްޓެހިންނަށް ބަދަލުވެގެންނެވެ.

ދުވަހުގެ މެންދުރު ފަހަށް އައިއިރު ޑްރީމް ލޭންޑްގެ މީޑިއާ ތަކުންނާއި ރާއްޖޭގެ ބައެއް މީޑިއާ ތަކުން މިހަބަރު ބްރޭކް ކުރަންފަށައިފިއެވެ. ބައެއް މީޑިއާތަކުގައި ކަވަރޭޖްގެ މަންޒަރުން ސުރުހީ އާއެކު ފެންނަނީ ޑްރީމް ލޭންޑް ކުންފުނީ އިސްވެރިންނަށްވުރެ ޒިލާލްގެ ތަސްވީރުތަކެވެ. ބައްދަލުވުމުގައި ޒިލާލް ދެއްކި ބައެއްވާހަކަ ތަކާއި އެވާހަކަ ތަކަށް ބާރުދީ މާކިން ކުރި ތައުރީފުގެ ވާހަކައެވެ. އަސްލު މަންޒަރާއި ކުންފުނީގެ ސްޓޭންޑް އަދި މި ހަރަކާތްތަކުގެ ހަޤީފެށުން އައިގޮތް ކިޔައިދިނީ ބައްދަލުމުވުގައި ބައިވެރިވި ދައުލަތުގެ މީޑިއާއިން އެކަންޏެވެ.

ހައިކަލްގެ ބައްޕަ ރަމީޒް އަކީ ކުރިން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހާއްސަކޮށް ރ އަތޮޅުގައި ފަހާގަކުރެވޭ ވަރުގަދަ ބޭފުޅެކެވެ. ރ އަތޮޅު ކައުންސިލްގެ ރައީސް ކަމާއި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރުކަން 3 ދައުރު ކޮށްފައިވާ ބޭފުޅެކެވެ. ސިޔާސީ މަސައްކަތް ހުއްޓާލެއްވީ 2033 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހުއެވެ. އަރަބި މަހުޖަނަކާއި ގުޅިގެން ޑްރީމް ލޭންޑް ވިޔަފާރިފެއްޓެވީ ޖެހިގެން އައި އަހަރުއެވެ. ރައީސް އިބްރާހީމް ވަހީދު އަކީ ރަމީޒްގެ އޭރުވެސް އަދި މިހާރުވެސް ވަރަށް އަރިސް ބޭފުޅެކެވެ. ދޭތެރެ ދޭތެރެއިން ފޯނުން ގުޅާ ޤައުމުގެ ކަންކަމާ ބެހޭގޮތުން މަޝްވަރާކޮށް ހަދައެވެ.

މި ފެށެން އުޅޭ ކުޅިވަރުގެ ހަރަކާތަކީ ރައީސް ގެ ރިޔާސީ ވައުދު ފުރިހަމަ ކުރުމަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަށް ދެވަނަ ދައުރެއް ހޯދައި ދިނުމަށް ފަށާ ބޮޑު ކެމްޕެއިން ހަރަކާތެއްގެ ފެށުމެވެ.

ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު އަހުސަން ނިކުތީ ބޭރަށެވެ. އޮއްސެމުންދާ އިރުގެ ދޯދިތަކުން މުޅި ސަރަހައްދު ފެންނަނީ ވަރަށްވެސް ހިތްގައިމުކޮންނެވެ. ހިތްގައިމު މަންޒަރުގެ ފޮޓޯއެއް ނަގާލުމުގެ ބޭނުމުގައި ވީލްހައުސްގެ މަށްޗަށް އަރާ ފޯނުހުޅުވާލިއެވެ.

ފޯނު ހުޅުވާލުމާއެކު އެތަކެއް ނޯޓިފިކޭޝަން އެއް އަންނަން ފަށައިފިއެވެ. ފޯނުގެ ސްކްރީނަށް އަންނަމުންދިޔަ ނޯޓިފިކޭޝަންތަކުން އަހުސަނުގެ ސަމާލުކަން ހުއްޓުނު ނޯޓިފިކޭޝަން ހުޅުވާލިއެވެ.

ނުނިމޭ

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *