ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނެ އެމް.ޑީ.ޕީގެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ އެޕާޓީގެ ޕްރައިމަރީގައި ވާދަކުރާ ކުރީގެ ރައީސް އަދި ޕާޓީގެ ރައީސްގެ ކެމްޕެއިން ޓީމު މާދަމާ އުނގޫފާރަށް ޒިޔާރާތް ކުރާނެއެވެ.
އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން ޕާޓީގެ އުނގޫފާރު ކެމްޕެއިން ޓީމުގެ ފަރާތުން ބުނީ ރައީސް ނަޝީދު އަށް ތާއީދު ހޯދުމަށް ކުރިއަށް ގެންދާ ހަރަކާތުގެ ތެރެއިން ރައީސް ނަޝީދުގެ ކެމްޕެއިން ޓީމު މާދަމާ ހެނދުނު އުނގޫފާރަށް އައުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިޓީމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސާއި މަޖިލީހުގެ މިދާއިރާގެ މެމްބަރު މުހައްމަދު ވަހީދުއާއި މަޖިލީހުގެ މެމްބަރުންވެސް ބައިވެރިވާ ކަމަށެވެ.
ރައީސް ނަޝީދުގެ ކެމްޕެއިންޓީމު މާދަމާ އުނގޫފާރަށް ޒިޔާރަތް ކުރާއިރު މިހާރުވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޓީމުގެ އިސް ބައެއްބޭފުޅުން އުނގޫފާރުގައި ކެމްޕެއިން ހަރަކާތްތައް ކުރިއަށް އެބަގެންދެއެވެ.
ރައީސް ނަޝީދުގެގެ ކެމްޕެއިން ޓީމުންވެސް އުނގޫފާރަށް ކުރާ މިދަތުރުގައި ދޮރުންދޮރަށް ހިނގާ ޕާޓީގެ އާންމު މެމްބަރުންނާއި ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.