528
0

މުވައްޒަފުންގެ އަގުވަޒަންކުރުން – ކޮންމެހެންވެސް ކުރަންޖޭހެ އެކަމަކު ނުކުރެވި އޮތްކަމެއް

528
0

2023 ވަނަ އަހަރުގެ ޖެނުއަރީ 13 ވަނަ ދުވަސް ވެގެންދިޔައީ މުޅި އުނގޫފާރުގެ ތާރީހުގައިވެސް ފާހަގަ ކޮށްލެވޭ ބޮޑު ހަފްލާއެއް ބޭއްވިގެން ދިޔަ ދުވަހަހަކަށެވެ. ދައްކަން މިއުޅެނީ އުނގޫފާރު ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން އުނގޫފާރުގެ ހުރިހައި މުއައްސަސާތަކާއި ކްލަބް ޖަމިއްޔާތަކާއި ގުޅިގެން ބޭއްވި ހާއްސާ ހަފްލާގެ ވާހަކައެވެ. އުނގޫފާރުގެ މުވައްސަސާތަކުގައި މަސައްކަތްކުރާ ސަޕޯރޓް ސާވިސް މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ގޮތުން ބޭއްވި ހާއްސަ ހަފްލާ ވެގެން ދިޔައީ ހުރިހައި އެންމެންވެސް އެކަން ޝުކުރުވެރިކަމާއި އުފަލާއެކު ބަލައިގެން ހަފްލާއަކަށެވެ.

އުނގޫފާރަކީ ރ އަތޮޅުގެ އިދާރީ ހިންގުމުގެ މައިމަރުކަޒެވެ. ދައުލަތާއި ސަރުކާރުގެ ގިނަ އިދާރާތަކެއްގެ ހިދުމަތް އުނގޫފާރުން ލިބެމުންދާއިރު މިތަންތަނުގައި މަސައްކަތް  ސަޕޯރޓް ސްޓާފުންގެ އަދަދުވެސް ވަރަށް ގިނައެވެ. ވުމާއެކު މިފަދަ ހަރަކާތަކީ މިވަގުތަށް ނުހަނު ބޭނުންތެރި އެހާމެ މުހިންމު ހަރަކާތެއްކަމުގައި ދެކެމެވެ.

މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން ބޭއްވި މިހަފުލާގައި ސަޕޯރޓް ސްޓާފުންގެ ގޮތުގައި ދައުލަތާއި ސަރުކާރު އަދި ކުންފުނި ތަކުގައި މަސައްކަތްކުރާ ވޮޗަރުންނާއި ސެކިއުރިޓީ އޮފިސަރުންނާއި މަސައްކަތު މީހުންނާއި ޑްރައިވަރުންނާއި ފަޅުވެރިންނާއި ކުނިކަހާ ފޮޅާ ސާފުކުރާމީހުންނާއި އެޓެންޑެންޓުންނާއި ލޯންޑަރީ ފަދަ ބައިތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަގުވަޒަން ކުރުމުގެގޮތުން މިހަފްލާގައި ހަނދާނީ ފިލާ ދީފައިވެއެވެ. އަދި މީގެ އިތުރުން ޖަމާއަތްތެރިކަމާއި ގުޅުންހުރި މަސައްކަތްތަކާއި ރަށުތެރެ ސާފުކޮށް ބެލެހެއްޓުމުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ވެސް އެފަރާތްތަކުން ކުރަމުންދާ މިމުހިއްމު މަސައްކަތުގެ އަގުވަޒަން ކުރުމުގެގޮތުން މިހަފްލާގައި ހަނދާނީ ފިލާ ދީފައިވެއެވެ.

މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން 127 ފަރާތަށް ހަދާނީ ފިލާ ދީފައިވާއިރު މިކަންކޮށްފައި ވަނީ 2 ބަޔަކަށް ބަހާލައިގެންނެވެ. އެއީ 15 އަހަރަށްވުރެ ދިގުމުއްދަތެއްގައި ހިދުމަތުގައި ދެމިތިބި މުވައްޒަފުންނާއި 15 އަހަރަށްވުރެ ކުރުމުއްދަތެއްގައި ހިދުމަތުގައި ތިބި މުވައްޒަފުންނެވެ. އަދި މީގެއިތުރުން އެ މުވައްޒަފުން ކުރާ ބުރަ މަސައްކަތް ދައްކައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް މި ހަފްލާގައި ވެސް ގެނެސްދީފައިވެއެވެ.

ހަފްލާގައި އަގުވަޒަންކުރުމުގެ ހަނދާނީ ފިލާ ލިބުނު ބައެއްފަރާތްތަކުން ވަނީ އެމީހުންގެ ޝުއޫރު ހިއްސާކޮށްފައެވެ. 15 އަހަރަށްވުރެ ދިގުމުއްދަތަކަށް ހިދުމަތް ކޮށްފައިވާ ފަރާތަކުން ބުނީ މިއީ ހަޔާތުގައިވެސް އައި ވަރަށް އުފާވެރި ރެއެއްކަމުގައެވެ. “މިއީ އަޅުގަނޑުގެ ހަޔާތުގައި އައި ވަރަށް އުވާފެރި ރެއެއް، އަޅުގަނޑުމެންގެ އަގުވަޒަން ކުރުން އުފަލާއެކު ބަލައިގަންނަން، މިއީ ކަންނޭގެ މިގޮތައް ދައުވަތެއް ލިބިގެން ތަނަށް އާދެވުނު ފުރަތަމަ ފަހަރަކީ” ނަން ހާމަނުކުރުމަށް އެދި އެމުވައްޒަފު ބުންޏެވެ.

“މީގެ ކުރިން އަޅުގަނޑުމެން އަބަދުވެސް އުޅެންޖެހޭނީ ބޮޑު ދުވަހެއް އަންނަންޏާ ވަރަށް ބުރަކޮށް، ދިދަޖެހުމާއި ތަންތަން ސާފުކުރުމާއި ތަންތައްޔާރުކުރުމުގައި، ބޮޑެތި ޖަލްސާތައް ހަފްލާތައް ކުރިއަށް ދާއިރު ހިދުމަތުގައި ތިބެން ޖެހޭނީ، އެކަމަކު މިރޭ މުޅި ހަޔާތް ބަދަލު ކޮށްލައިފި، ކުރުކޮށް ބުނަންޏާ ވަރަށް އުނދަގޫ މިގޮތަށް ރީތިވެލައިގެން މިހެން ތިބެންވެސް، ވަރަށް އުފާވެފަ މިހުރީ”

އުނގޫފާރުގެ ހުރިހާ މުއައްސަސާތަކާއި ކުލަބު ޖަމިއްޔާތަކުގެ އިސްވެރިންވެސް ބައިވެރިވި މި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ދިގަލި ރިސޯޓުގެ މެނޭޖަރު ޙަސަން ސައީދުއެވެ. އަދި ހާއްސަ މެހުމާނުންގެ ގޮތުގައި ކޯރާކޯރާ ރިސޯޓްގެ ބައެއް އިސްވެރިންނާއި ނޯތު ޕޮލިސް ރީޖަނަލް ކޮމާންޑަރ ޗީފް ސްޕްރިންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީ ވެސް ބައިވެރިވެވަޑައިގެންފައެވެ. އަދި ސަޕޯރޓްސާވިސް މުވައްޒަފުންގެ އިތުރުން އެމުވައްޒަފުންގެ އާއިލީ ފަރާތްތައްވެސް ބައިވެރިކޮށްފައިވެއެވެ.

މިހަފްލާގައި މަރުހަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ އުނގޫފާރު ޕޮލިސް ސްޓޭޝަންގެ އިންޗާޖު ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝިޔާމްއެވެ. އަދި ސަޕޯރޓްސްޓާފުންގެ ފަރާތުން ވާހަކަދެއްކީ އުނގޫފާރު ކައުންސިލްގެ ސްޓާފް އަހުމަދު ޝާކިރުއެވެ.

ހަފްލާނިމުމަށްފަހު ކުރިއަށްދިޔަ ރޭގަނޑުގެ ފަރިއްކޮޅަކީވެސް ފާހަގަ ކޮށްލެވޭ ހަރަކާތެކެވެ. މިހަފްލާގެ ބައިވެރިންނާއި ދައުވަތުދީގެން ވަޑައިގެންނެވި އެންމެހައި ބޭފުޅުންގެ ޝަރަފްގައި ފަރިއްކޮޅު ތައްޔާރު ކުރެވިގެންދިޔައީ ހުރިހައި މުވައްސަސާތައް ގުޅިގެން ކުރިއަށް ގެންދިޔަ ކަމެއްގެ ގޮތުގައެވެ.

މިފަދަ މުހިއްމު ބޮޑު ހަފްލާއެއްރާވާ އިންތިޒާމު ކުރުމުގައި އުނގޫފާރު ޕޮލިސް ސްޓޭޝަނުން ކޮށްފައިމިވަނީ ހަމަ ޔަޤީނުންވެސް އަގުނުކުރެވޭނެ މުހިއްމު ފުރިހަމަ މަސައްކަތެކެވެ. އުނގޫފާރުގެ ހުރިހައި މުވައްސަސާތަކާއި ކްލަބް ޖަމިއްޔާތައް އެއްމޭޒެއްގެ ދޮށަށްގެނެސް މިކަމުގެ މުހިއްމުކަމާއި ބޭނުންތެރިކަން އަންގައިދިނުމާއި ހުރިހައި އެންމެން ގުޅީގެން މުޅި ފަހްލާ ރާވާ އިންތިޒާމުކޮށް މިކަން ގެންގޮސްފައިވާލެއް ފުރިހަމަކަމީ މިކަމުގައި އެފަރާތަށް ހިފެހެއްޓުމެއް ނެތް ޝުކުރު އަޅުގަނޑުމެން އެންމެން އަދާކުރަން ޖެހޭ ކަމެކެވެ.

0

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *