558
0

ނިއު ސްޓަރ ބަލިކޮށް ބީސީ ބޯއީސް އޮތީ މިރޭގެ މެޗްބަލަން

558
0

އުނގޫފާރު ކައުންސިލް ފުޓްސަލް ޗެލެންޖް 2024 ގެ ހަތްވަނަ ރޭގެ ދެވަނަ މެޗް، މުބާރާތުގެ 14 ވަނަ މެޗްގައި ބައްދަލުކުރީ ގްރޫޕް ބީގެ ބީސީ ބޯއީސް އާއި ނިއު ސްޓަރއެވެ. މިއީ މިމުބާރާތުގައި ބީސީގެ ފަހުމެޗެވެ. މިމެޗަށް ނިކުތްއިރު ބީސީވަނީ ކުޅުނު ތިންމެޗުގެ ތެރެއިން ޒެގް އަތުން މޮޅުވެ ޓައިޓަންސް އާރުސީ މެޗް އެއްވަރުކޮށް ޑީކެޑްސް އަތުން ބަލިވެފައެވެ. ލިބިފައިވަނީ 4 ޕޮއިންޓެވެ. ނިއު ސްޓަރ ވަނީ ކުޅުނެ ދެމެޗުގެ ތެރެއިން ޓައިޓަންސ އަތުން 3-1 ން އަދި ޑީކެޑްސް އަތުން 19-0 ބޮޑު ތަފާތަކުން ބަލިވެފައެވެ.

ބެލުންތެރިން ހައިރާން ކޮށްލުމަށްފަހު މެޗުގައި ފުރަތަމަ ލީޑް ނެގީ ނިއު ސްޓަރ އިންނެވެ. 4 ވަނަ މިނެޓްގައި މިލަނޑު ޖަހައިދިނީ މައިޝަންއެވެ. މައިޝަންގެ މިލަނޑާއެކު ކުޚުމުގެ ފޯރި ގަދަވެގެން ދިޔައެވެ. ބީސީން ކުރިއަށްޖެހި ލަނޑެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތް އެޓީމަށް ކާމިޔާބުވީ މެޗްގެ 16 ވަނަ މިނެޓްގައެވެ. މިލަނޑު ކާމިޔާބުކޮށްދިނީ ފައުޒާންއެވެ. އޭގެ 4 މިނެޓް ފަހުން ފައުޒާން ވަނީ ލަނޑެއްޖަހާ ބީސީ އަށް ލީޑް ނަގައިދީފައެވެ. ބިސީގެ މިލަނޑާހަމައަށް ނިއު ސްޓަރގެ ފަރާތުން ފެނިގެން ގޮސްފައިވަނީ މި މުބާރާތުގައި އެޓީމުގެ ފަރާތުން ފެނިފައިނުވާފަދަ މޮޅު ކުޅުމެކެވެ. މިހާފުގެ އިތުރު ވަގުތުގައި މިފްރާހް (މިއްޕެ) ވަނީ އިތުރު ލަނޑެއްޖަހައި ލީޑް އިތުރަށް ފުޅާ ކޮށްދީފައެވެ.

ފަހުހާފުގެ 18 ވަނަ މިނެޓްގައި ފައުޒާން ވަނީ ލަނޑެއްޖަހައި ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މެޗް ނިމުމުގެ ކުރިން ސިންދުވަނީ އިތުރު ލަނޑެއްޖަހައި ނަތީޖާ 5-1 ބަދަލުކޮށްލާފައެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބިސީ ބޯއީސްގެ އަލީ ފައުޒާންއެވެ.

މިނަތީޖާ އާއެކު ބީސީ ބޯއީސްއަށް ސެމީގެ ޖާގައެއް ކަށަވަރުވާނީ މިރޭ ޓައިޓަންސް އާއި ޑީކެޑްސް މެޗްގެ ނަތީޖާ އިންނެވެ. ބީސީ އަށް ސެމީގެ ޖާގައެއް ލިބޭނީ މިރޭ ޓައިޓަންސް އާއި ޑީކެޑްސް ބައްދަލުކުރާމެޗް ޑީކެޑްސް ކޮންމެ ނަތީޖާ އަކުންވިއަސް ކާމިޔާބު ކޮށްގެންނެވެ.

މިމުބާރާތުގައި މިރޭ ކުޅެވޭނީ ގުރޫޕް ސްޓޭޖްގެ ފަހުމެޗްތަކެވެ. މިރޭގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ޓައިޓަންސް އާރުސީ އަދި ޑިކެޑްސްއެވެ. ފަހުމެޗްގައި ބައްދަލުކުރާނީ ނިއު ސްޓަރ އާއި ޒެގްއެވެ.

މިމެޗްގެ ފޭސްބުކް ލައިވް ބައްލަވާ ލެވުމަށް

https://www.facebook.com/UngoofaaruUfaa/videos/1780226005822419

ޚިޔާލެއް ފާޅުކުރައްވާ

އީމެއިލް އެޑްރެސް ޝާއިރެއް ނުކުރެވޭނެ. ކޮންމެހެން ފުރަން ޖެހޭ ގޮޅިތަޢް *