އުނގޫފާރު ބަނދަރު ސަރަހައްދުން ވިޔަފާރިތަކަށް 4 ބިމެއް 25 އަހަރު ދުވަހަށް ކުއްޔަށް ދޭން ނިންމައި ކައުންސިލުން އެކަން މިއަދު އިއުލާންކޮށްފި އެވެ.
މިކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައި އުނގޫފާރު ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ބޭންކް އޮފް މޯލްޑިވްސް އުނގޫފާރު ބްރާންޗް ކުރިމަތިން އޮތް ބިމުން ދޫކުރުމަށް ހަމަޖެހިފައިވާ 4 ބިމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް 2024 މާރޗް 31 ން ފެށިގެން 2024 އެޕްރީލް 11 ގެ ނިޔަލަށް ބިޑު ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ބިޑް ގަންނަން ޝައުގުވެރިވާ ފަރާތްތަކަށް މިމުއްދަތުގެ ތެރޭގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:30 ން 12:00 ށް އުނގޫފާރު ކައުންސިލްގެ އިދާރާއިން ބިޑް ވިއްކަމުންދާނެ ކަމަށެވެ. ބިޑް ވިއްކުމަށް ހަމަޖެހިފައިވާ އަގަކީ -/5000 (ފަސްހާސް) ރުފިޔާ އެވެ.
ޕްރީ ބިޑް މީޓިންގ އޮންނާނީ 2024 އޭޕްރީލް 16 ވާ އަންގާރަ ދުވަހުގެ 11:00 ގައި އުނގޫފާރު ކައުންސިލްގެ އިދާރާގައެވެ. ބިޑް ހުށަހެޅުމާއި ބިޑް ކެނޑުން އޮންނާނީ 2024 މެއި 07 ވާ އަންގާރަ ދުވަހުގެ 11:00 ގައި އުނގޫފާރު ކައުންސިލްގެ އިދާރާގައެވެ.
އުނގޫފާރު ކައުންސިލުން ކުލީބިން ދޫކުރުމަށް މިހުޅުވާލީ އުނގޫފާރުން ތަފާތު އެކިއެކި ބޭނުންތަކަށް ކުލީ ބިންހޯދުމަށް ވަރަށް ގިނަބަޔަކު އެދި އަދި އެކަމުގެ ޝަކުވާތައް އުނގޫފާރު ކައުންސިލުގައި ކުރަމުންދާތާ ގިނަދުވަސް ތަކެއްވެފައި ވަނިކޮށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ހިމެނޭ ސަރަހައްދުން މީގެކުރިން ދޫކޮށްފައިވާ ކުލީބިންތަކަށް ދީފައިވާ ނޯޓިސްގެ މުއްދަތު ހަމަވާތީ އެބިންތައްވެސް އަލުން ބިޑު ކުރުމަށް އުނގޫފާރު ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އިއުލާނު ގެޒެޓުން ބެއްލެވުމަށް